ހަމަ ކުއްލިއަކަށް ރާޖަޕަކްސަ ބޮޑު ވަޒީރު ކަމަށް، މިވީ ކިހިނެއްކަން އެނގޭތަ !؟

ބޮޑުވަޒީރު ކަމުގެ ހުވާ ރާޖަޕަކްސަ ކުރައްވައިފިކަން ލަންކާގެ ބައެއް ނޫސްތަކަށްވެސް އެނގުނީ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވާން ފެށުމުންނެވެ. ބޭރުގެ ބޮޑެތި މީޑިއާތަކުގައިވެސް ބްރޭކިންގ ނިއުސް އެރުވުމަށްފަހ...

27 Oct 2018 | 02:15

ބޮޑުވަޒީރު ކަމުގެ ހުވާ ރާޖަޕަކްސަ ކުރައްވައިފިކަން ލަންކާގެ ބައެއް ނޫސްތަކަށްވެސް އެނގުނީ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވާން ފެށުމުންނެވެ. ބޭރުގެ ބޮޑެތި މީޑިއާތަކުގައިވެސް ބްރޭކިންގ ނިއުސް އެރުވުމަށްފަހު ކަމުގެ ކުޑަނަމަވެސް ތަފްސީލެއް ހާމަކޮށްލެވޭވަރުވީ އިރުތަކެއް ވީ ފަހުންނެވެ.

ވީ ގޮތަކީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ އޮފީސްކޮޅުގައި ސިރިސޭނާގެ ކުރިފުޅުމަތީގައި، އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވީއެވެ. މިކަން ހަމަ ކުރެއްވި ވަގުތާއި ދިމާކޮށް ލަންކާގެ ރައީސްގެ އޮފީހުން ރަސްމީ ލިޔުމެއް ގެޒެޓް ކޮށްފައިވެއެވެ. އެ ލިޔުމުގައި ބުނެފައިވަނީ ކުރީގެ ބޮޑުވަޒީރު މަގާމުން ވަކިކޮށް އައު ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ ހަމަޖައްސާފައިވާކަމަށެވެ.

މި ނިންމުން އައީ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އާއި ރައީސް މައިތިރިޕާލަ ސިރިސޭނާގެ ޕާޓީ ގުޅިގެން އަދި އެހެން ބައެއް ޕާޓީތައްވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކޯލީޝަނުން ސިރިސޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް ވަކިވިކަން އިއުލާނު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ބޮޑުވަޒީރު ކަމުގެ ހުވާ ރާޖަޕަކްސަ ކުރައްވާފައިވާއިރު ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރަނިލް ހުންނެވީ ވެރިރަށް ކޮލޮމްބޯއަކު ނޫނެވެ. އޭނާ ބުނެފައިވަނީ އަދިވެސް ބޮޑުވަޒީރަކީ އޭނާ ކަމަށެވެ. އަގުލަބިއްޔަތު އޮތީ އޭނާގެ އަތުގައި ކަމަށެވެ. އަދި އެކަން ސާބިތު ކުރުމަށް އޭނާ މިހާރު ވަނީ ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

ލަންކާގައި ބޭނުންކުރަމުން އަންނަ ގާނޫނު އަސާސީއަކީ ފްރެންޗް ސިސްޓަމް އޮފް ގަވަރމެންޓް މޮޑެލްއަށް އެކުލަވާލާފައިވާ ގާނޫނު އަސާސީއެއް ކަމުގައިވާއިރު ބޮޑުވަޒީރުގެ މަގާމުގައި ހުންނަ މީހަކު ވަކި ކުރުމުގެ ބާރު ރައީސްގެ މަގާމުގައި ހުންނަ މީހަކަށް ލިބެއެވެ. ނަމަވެސް ގާނޫނު އަސާސީއަށް 2015 ވަނަ އަހަރު ގެނެސްފައިވާ ބަދަލަކުން އެ ބާރު މިހާރު ރައީސަށް ނުލިބޭނެ ކަމަށް ރަނިލް އަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

އެގޮތުން އެ ގައުމުގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރަ ރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ގެނައި ބަގާވާތެއް ކަމަށެވެ.

އަނެއްކޮޅުން އަދިވެސް ބޮޑުވަޒީރަކީ އޭނާ ކަމުގައި ރަނިލް ބުނެފައިވާއިރު އެހެން އޭނާ ބުނާ ސަބަބަކީ ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑި ނިސްބަތްވަނީ އޭނާގެ ޕާޓީ ކަމުގައިވާ ޔުނައިޓެޑް ނެޝަނަލް ޕާޓީއަށް ކަމުގައިވުމެވެ. ނަމަވެސް ރާޖަޕަކްސަ ހުވާ ކުރެއްވުމާއެކު ރަނިލްއަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންގެ ބަސް ބަދަލުކޮށްފައިވާކަމުގައި ރިޕޯޓްތައް ބުނެއެވެ.

މި ދަނޑިވަޅުގައި ލަންކާގެ މަސްރަހު ގޯސްވެ ހަމަނުޖެހުމަކަށް ގޮސްދާނެކަމަށް ބެލެވޭއިރު އެކަމަށް ފަރުވާ ހޯދޭނީ ގާނޫނޫ ހަދާ މަޖިލީހުން ނިންމާ ގޮތެއްގެ މައްޗަށް ކަމުގައި ބެލެވެއެވެ. އެއީ ސިރިސޭނާގެ ނިންމުމަކީ ސައްހަ ނިންމުމެއްތޯ ބެލުމަށް މަޖިލީހުގައި ނެގޭ ވޯޓަކުންނެވެ. މި ކަމާއި މެދު ގާނޫނު ހަދާ މަޖިލީހުން އަވަހަށް ގޮތެއް ނުނިންމައިފިނަމަ އެގައުމުގައި ހަމަނުޖެހުން އުފެދޭނެކަމުގައި ބެލެވޭއިރު މުރާސިލުން ސިފަކުރާގޮތުގައި ރައީސް ސިރިސޭނާ އަދި ރާޖަޕަކްސަވެސް އެވަރުގެ ނިންމުމެއް ނިންމާނީ އަގްލަބިއްޔަތުގެ ޔަގީންކަން ލިބުމުން ކަމުގައި ބެލެވެއެވެ.

-------------------------

ކުރިން ދެ ދައުރެއްގައި ރައީސްކަން ކުރައްވާފައިވާ ރާޖަޕަކްސައަށް ރައީސްކަން ގެއްލުނީ ސިރިސޭނާ އަދި ރަނިލް ގުޅިގެން 2015 ވަނަ އަހަރު ކުރި މަސައްކަތުންނެވެ. ސިރިސޭނާ އަކީ ރާޖަޕަކްސަގެ ވެރިކަމުގައި ސިއްހަތާއިބެހޭ ވަޒީރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް އިންތިހާބުގައި ރާޖަޕަކްސަ އާއި ވާދަކޮށް ސިރިސޭނާ ވަނީ ކުރި ހޯއްދަވާފައެވެ. އެއަށްފަހު މިހާތަނަށް ސަރުކާރު ހިންގަމުން ދިޔައީ ގުޅިފައިވާ ކޯލީޝަނެއްގެ ތެރެއިންނެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ބޭއްވި އާންމު އިންތިހާބުތަކުގައި ބޮޑު ތަފާތަކުން ރާޖަޕަކްސަގެ ޕާޓީން ކުރި ހޯދި ހިސާބުން މަސްރަހު ބަދަލުވާން ފެށިއެވެ. އަދި ބަޔަކު ރާވައިގެން ސިރިސޭނާ އާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަ ރާޖަޕަކްސަ އަވަހާރަކޮށްލަން މަސައްކަތްކުރާ ކަމުގެ އަޑު ފެތުރުނު ހިސާބުން ރަނިލް އާއި ސިސިރޭނާގެ ޕާޓީއާއި މެދު މައްސަލަތައް ޖެހެން ފެށުނެވެ. އަދި ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓެއްވެސް ނަގާފައިވެއެވެ. ނަމަވެސް އެ ވޯޓުން އޭރު ރަނިލް ވަނީ ސަލާމަތްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް