ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގާ ސުޕްރީމް ކޯޓުން އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތްކަމަށް އެ ކޯޓުން ހާމަކޮށްފި އެވެ.
މައްސަލަ ނިންމިގޮތުގެ ބަޔާން ވަކީލުންނާއި ހިއްސާ ކޮށްފައިވާއިރު މައްސަލަ ނިންމި ގޮތުގެ ބަޔާނުގައި ބުނެފައިވަނީ "އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަޚްކާމްތަކަށް ފެތޭނީ އެ ގަޒިއްޔާގައި ހުކުމްކުރި ތާރީހު ކަމުގައިވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތަކުގެ މައްޗަށް ކަމަށްވެފައި، އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަޚްކާމްތައް ސުޕްރީމް ކޯޓުގެ އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދެވިފައި އޮތުމާއެކު އަދި އެ ގަޒިއްޔާއަކީ އެ ގަޒިއްޔާގައި ހުކުމްކުރި ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބަދަލުގައި އެ ތާރީހުގެ ފަހުން އެ ފަރާތްތަކުން އަމަލުކުރާ ގޮތެއްގެ މައްޗަށް ތަޠުބީގުވާނެ އަހްކާމްތަކެއް ބަޔާންކުރާ ގަޒިއްޔާއަކަށްވާއިރު އެގަޒިއްޔާގެ ދަށުން އަދި އެ ގަޒިއްޔާގައި ބުނެފައިވާ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މެމްބަރުކަން ގެއްލޭނެ ގޮތްތައް ބަޔާންކޮށްފައި އޮތުމުން، އެ ގަޒިއްޔާގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މެނުވީ އެ ތާރީހު ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބި މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރެއްގެ މެމްބަރުކަމާމެދު ހިލާފެއް އުފެދެންޖެހޭ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ހުކުމާއި ކޯޓު އަމުރުން އެނގެން އޮންނާތީ އާއި އަދި އެ ހުކުމާއި ކޯޓު އަމުރުން އެ ހުކުމްކުރި ތާރީހުން ފެށިގެން އެ ހުކުމުގައި ބަޔާންކޮށްފައިވާ އަހްކާމްތައް ތަޠްބީގުކޮށް ތަންފީޛު ކުރުމުގެ އިޖުރާއާތު ސާފުކޮށް ބަޔާންކޮށް ފްލޯރ ކްރޮސިންގ ކުރުމުގެ މައްސަލައަކަށް ގާނޫނީ ހައްލެއް ދެވިފައިވާތީ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަން ސާފުބަހުން ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމާއި އަދި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ގާނޫނުގައި ކަންއޮތްގޮތް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް އޮތުމާއެކު އަދި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެ މައްސަލައެއްގެ އެންމެ ފަހުގެ ނިންމުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެފައިވާތީ، ގާނޫނީ ގޮތުން ހައްލު ދެވިފައިވާ މި މައުލޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ހ) އާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 268 ވަނަ މާއްދާގެ މައްޗަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 17/SC-C/2017 ގަޒިއްޔާގެ ހުކުމަށްފަހު ހުށަހެޅިފައިވާ ނަމްބަރު 19/SC-C/2017 ގަޒިއްޔާ އާއި ނަމްބަރު 20/SC-C/2017 ގަޒިއްޔާ އާއި ނަމްބަރު 22/SC-C/2017 ގަޒިއްޔާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފީމެވެ" މިފަދައިންނެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް