ކޯޓު އަމުރަށް ތަބާނުވާ ސަރުކާރުގެ މުއައްސަސާތަކާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ!

ޝަރުއީ ކޯޓުތަކުގެ އަމުރަށް ތަބާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް އަދި ސަރުކާރުގެ ކޮންމެ މުއައްސަސާއަކަށް ވެސް ލާޒިމު ކަމެކެވެ. އެއީ އެ ހުކުމު އެ މީހަކު ބޭނުންތަންކޮޅެއް ބަލައިގެންފައި ބޭނުން ނޫން ތަން...

27 Aug 2017 | 06:24

ޝަރުއީ ކޯޓުތަކުގެ އަމުރަށް ތަބާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް އަދި ސަރުކާރުގެ ކޮންމެ މުއައްސަސާއަކަށް ވެސް ލާޒިމު ކަމެކެވެ. އެއީ އެ ހުކުމު އެ މީހަކު ބޭނުންތަންކޮޅެއް ބަލައިގެންފައި ބޭނުން ނޫން ތަންކޮޅެއް ބަލައިނުގަންނަ ގޮތަށް އޮންނަ ކަމެއް ވެސް ނޫނެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައި އެ މަނިކުފާނަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ އަންގާފާއެވެ.

އެހެންނަވެސް ކަރެކްޝަނަލް ސާވިސް އިން އަދިވެސް ދަނީ އެކި 'ބަހަނާތައް' ދައްކާ މިކަން ކުރުމަށް ފަސްޖެހެމުންނެވެ. މެޑިކަލް ބޯޑުގެ ބައްދަލުވުމެއް ބާއްވާންޖެހޭ ވާހަކަ ކަރެކްޝަނަލް ސާވިސް ދަނީ ދައްކަމުންނެވެ. ވިސްނާލަމާ ހިނގާށެވެ. ތި ބައްދަލުވުން ބޭއްވުމުގެ އެއްވެސް މައްސަލައެއް ނެތެވެ. ސުވާލަކީ ޝަރުއީ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ޚިލާފަށް ގޮތެއް ނިންމުމުގެ ބާރު ތިޔަ މެޑިކަލް ބޯޑަށް ލިބިގެންވޭތޯއެވެ. ނުވަތަ ތި މެޑިކަލްބޯޑުގެ ބައްދަލުވުމެއް ބޭއްވުމަކީ ކޮން ބައެއްގެ ޒިންމާއެއްތޯއެވެ. ނުވަތަ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ވުރެ ތިޔަ މެޑިކަލްބޯޑުގެ ފަންނީ ގާބީލްކަން ބޮޑީތޯއެވެ.

ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓްގައި ވެސް ކޮންމެ ގައިދީއަކަށް ވެސް ހައްގުތަކެއް ލިބިގެންވާ ކަމަށެވެ. " އޭގެ ތެރޭގައި ބުލީ ކުރުމާއި އެކިވައްތަރުގެ ގޯނާތަކުން ސަލާމަތްވުމުގެ ހައްގާއި ސިއްހީ އެހީ ލިބުމުގެ ހައްގާއި (ނަފްސާނީ ބައްޔެއް ވާނަމަ އެކަމަށް އެހީ ލިބުން) މައުލޫމާތު ލިބިގަތުމުގެ ހައްގު ލިބިގެން ވެއެވެ." އެހެންކަމުން ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ ކަންތައް ލަސްވާ ސަބަބެއް ނުވިސްނެއެވެ.

ގާސިމް އިބްރާހިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމާއި ދިވެހި ގައުމަށް ގިނަ ގުނަ ހިދުމަތްކުރެއްވި ބޭފުޅެއް ކަމާއި މި ސަރުކާރު ގެންނަށް މަސައްކަތްކުރެއްވި ބޭފުޅެއްކަން ވަގުތުކޮޅަކަށް ހަނދާންނައްތާލަން ހިނގާށެވެ. އައިޖީއެމްއެޗްގައި މުސްކުޅި ދިވެހި ފިރިހެނަކު ބޭސް ފަރުވާ ނުދެވި އޮތުމަކީ ދިވެހި ދައުލަތް އެކަމާއި ވިސްނާލަން ޖެހޭ ކަމެކެވެ. ކޮންމެ ގައުމެއް ވެސް އެންމެ އިސްކަމެއްދޭ އެއްކަމަކީ އެ ގައުމެއްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމެވެ. ގަބޫލުކުރެވޭ ގޮތުގައި ދިވެހި ސަރުކާރުގެ ވިސްނުން ވެސް ހުންނާނީ މިގޮތަށެވެ. އާސަންދަ ފަދަ ނިޒާމުތަކުގެ ތެރެއިން ކޮންމެ ރައްޔިތަކަށް ބޭސްފަރުވާގެ ފުރުސަތު ހުޅުވާލާފަ އޮންނަނީ މި ސަބަބާ ހެދިއެވެ. އެހެނަސް މިހާރު މިއުޅެނީ ކޯޓްއަމުރަކާ އެކީގަ ވެސް މުސްކުޅި ފިރިހެނަކަށް ބޭސް ފަރުވާ ނުކުރެވިގެންނެވެ.

ޝަރުއީ ކޯޓެއްގެ އަމުރާއި ޚިލާފުވާ ފަރާތްތަކާއި ދޭތެރޭ އެ ކޯޓްތަކުން ފިޔަވަޅުއަޅާނެ ކަމާއި ދޭތެރޭ ޝައްކެތްނެތެވެ. އިންސާނިއްޔަތު ކަމާއި އިހްސާންތެރިކަމުގެ ކުޑަމިންވަރެއް ހުރިނަމަ ގާސިމް އިބްރާހިމަށް ބޭސްފަރުވާކުރެވޭނެ ގޮތެއް ހަމަޖައްސަވާ ދެއްވާށެވެ. އެއީ އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ ކުރަންޖެހޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް