ވާހަކަ: ލޯބިވޭ އިންތިހާ – ސާޅީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ''އަން ......... މީގައި ހިފާ....... މީގެން އަދި އިތުރު އެއް ހަފުތާ ބޭނުންކޮށްލެވޭ ވަރުވާނެ....... މީ އަހަރެން ނޫރާއަށް ދިން ހަދިޔާއެއް........ '' ހުމޭޒާ ދަބަހުން ނެގި ފައިސާ ނޫ...

27 May 2025 | 03:47

ކުރީގެ އަދަދާއި ގުޅޭ...

''އަން ......... މީގައި ހިފާ....... މީގެން އަދި އިތުރު އެއް ހަފުތާ ބޭނުންކޮށްލެވޭ ވަރުވާނެ....... މީ އަހަރެން ނޫރާއަށް ދިން ހަދިޔާއެއް........ '' ހުމޭޒާ ދަބަހުން ނެގި ފައިސާ ނޫރާ އަތަށް ދިއްކޮށްލިއެވެ. އެ ފައިސާގެ ތެރޭގައި ޑޮލަރުވެސް ހުއްޓެވެ.

''ތެންކިޔޫ..........'' އިސްޖަހާލަމުން ނޫރާ ބުނެލިއެވެ. އޭގައި ހިފަން ކިތަންމެ ލަދުގަތަސް މިއަދު ނޫރާއަށް ވަނީ މަޖުބޫރުވެފައެވެ.

އެވަގުތު އެމީހުންތިބި ތަނަށް ވަންނަންހުރި ދޮރުމައްޗަށް މީހަކު ހުއްޓުނެވެ. ދެމީހުނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. އެއީ ހޮސްޕިޓަލުގެ ސްޓާފެކެވެ. ހުމޭޒާއަށް އެތަނުގައިމަޑުކުރުމަށް ދެވުނު ވަގުތު ހަމަވި ވާހަކައާއި، އެތަނުގައި ތިބެވޭނީ ބަލިމީހާގެ އިތުރުން އެކަކަށް ކަމަށް ބުނެ އެތަނުގެ އުސޫލު ތަކުރާރުކޮށް ހަނދާންކޮށްދިނެވެ.

''އޯކޭ ދަނީ އިނގޭ....... އަދި އަންނާނަން.......'' ނޫރާގެ މޫނަށް ބަލާލަމުން ހުމޭޒާ ހިނިތުންވެލިއެވެ. ހިތްދަތިވެފައި ހުއްޓަސް، އެވަގުތަށް އެ ހިނިތުންވުމުގެ ސަބަބުން ނޫރާގެ ހިތަށް އުފާވެރިކަމެއް ގެނެސްދިންމެއެވެ.

''ތެންކިޔޫ ވަރަށް ބޮޑަށް........'' ހުމޭޒާއަށް ޝުކުރު އަދާކުރަމުން ނޫރާވެސް ހީލެވޭތޯ މަސައްކަތް ކުރިއެވެ. ނޫރާއަށް ފުރަގަސްދެމުން ހުމޭޒާ ކުރިއަށް ހިނގައިގަތެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށްފަހު އޭނާ އަނެއްކާވެސް ނޫރާއާ ދިމާއަށް އެނބުރިލިއެވެ.

''ދީބަލަ ނޫރާއަށް ގުޅޭނެ ނަމްބަރު........ އޭރުން ދެންވެސް އަންނަންވީމަ ގުޅާލާފަ އަންނާނީ.......'' ހުމޭޒާ ގެ އެދުމުގެ މަތިން ނޫރާ އޭނާ އެތަނުގައި ގެންގުޅޭ ނަންބަރު ހުމޭޒާ ފޯނުގައި ޖަހާލަދިނެވެ.

*****

ހުމޭޒާ ބޭރަށް ނުކުތް އިރު އެ ވޯޑުގެ ދޮރާ މާ ދުރު ނޫން ހިސާބެއްގައި ހަމްޒާ ހުއްޓެވެ. ކެތްމަދުވެފައިވާ ހާލުގައި ދެކޮޅަށް އޭނާ ހިނގާލަހިނގާލަ ހުރީ ހުމޭޒާގެ އިންތިޒާރުގައެވެ. ހުމޭޒާ ހަމަ ފެނުމާއެކު އޭނާ ހުމޭޒާ ގާތަށް އައެވެ.

''ކޮބާ...... ހާދަ ލަސްވީ....... ދިމާވިތަ؟.......... ވާގޮތްވިތަ؟........ އެއީ ނޫރާތަ؟........ ނޫނީ އެހެން ކުއްޖެއްތަ؟.......'' އެތައް ސުވާލެއް އެއްފަހަރާ ހަމްޒާ ކޮއްލިއެވެ. ވާނީވެސް އެހެންތާއެވެ. އެތެރެއަށް ހުމޭޒާ ވަންފަހުން ހޭދަވި ކޮންމެ ސިކުންތެއް އޭނާއަސް ހީވީ އެތައް ގަޑިއިރު ހެންނެވެ. އޭނާގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ.

ހުމޭޒާ ޖަވާބެއް ނުދީ ކުރިއަށް ހިނގައިގަތެވެ. އެކަމާ ހަމްޒާއަށް އިތުރަށް އުނދަގޫ ވިއެވެ.

''ތުއްތާ...... ޖަވާބު ދީބަލަ....... ކީއްވެތަ އެއްޗެކޭ ނުބުނީ........ ދިމާވިއްޔާ ދިމާވި ވާހަކަ، ނުވިއްޔާ ނުވިވާހަކަވެސް ބުނެބަލަ.......'' ހަމްޒާގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. އޭނާ ބޭނުންވަނީ އެންމެކަމެއް އޮޅުންފިލުވާށެވެ. އެއީ އޭނާގެ ހިތް އެމީހަކަށްޓަކައި އެދިގޮވަމުންދާ އޭނާގެ ލޯބިވާ ނޫރާތޯ ޔަޤީން ކުރާށެވެ.

ކެތްކޮއްބަލަ........ މިތަނުން ބޭރަށް ނިކުމެވެންދެން...........'' ހުމޭޒާ މަޑުމަޑުން ބުންޏެވެ.

''ދެން .......... ތުއްތަ ވެސް....... އަހަރެން ތަޅުވަން ތިއުޅެނީ......... މިހާރު ކެތްކުރެވިއްޖެ....... ދެން ނުވާނެ........ ދެން މިހާރު އިތުރަށް ކެތްކުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން........ ޕްލީސް ދެން ބުނެބަލަ........'' ހަމްޒާ އޭނާގެ ތުއްތަގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ.

''އަހަންނަށްވެސް އެނގޭ ހަމްޒާއަށް ދެން ކެތެއް ނުވާނެކަން.......... އަދި އެކަމަކު ކެތް ކުރުން އޮތީ ކުރިޔަށް ...........'' ކުރިއަށް ހިނގަމުން ހުމޭޒާ ބުނެލިއެވެ. ހުމޭޒާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ. ހީވަނީ ހަމްޒާއާ ހަތަރުކަޅި ހަމަކުރަންވެސް އޭނާއަށް އުނދަގޫ ވެފައި ހުރިހެންނެވެ.

''ކީކޭ ތިބުނީ.......... އަހަންނަކަށް ނުވިސްނުނު..........'' ހަމްޒާ ހުމޭޒާއާ އެއްވަރަށް ކުރިއަށް ދަމުން ބުނެލިއެވެ. ހަމްޒާއަށް އޭނާގެ ތުއްތަ އެބުނި އެއްޗެއްގެ މާނައެއް ނުވިސްނުނެވެ.

''މިތާ މީހުންގަނޑުތެރޭ ތިކަހަލަ ވާހަކައެއް ނުދެއްކޭނެ...... ހިނގާބަލަ ކޮފީއަކަށް.........'' ހުމޭޒާގެ އެވާހަކަ ހަމްޒާއަށް ވެސް ޤަބޫލު ކުރެވުނެވެ.

ދެބެން ހޮސްޕިޓަލުން ނުކުމެގެން ދިޔައީ އެތަނާ މާ ދުރުނޫން ކެފޭއަކަށެވެ. އެތަނުގައި ހަމަޖެހިލައިގެން ދެމީހުންނަށް ވާހަކަ ދައްކާލެވޭނެ ދިމާއެއް ބަލާލުމަށްފަހު، ދެމީހުން އިށީނދެލީ ތަންކޮޅެއް ވަކިން ހުރި މޭޒެއްގެ ކައިރީގައެވެ.

''ދެން ކިޔާދީބަލަ.........'' ދެތަށި ކޮފީއަށް އޯޑަރު ދިނުމަށްފަހު ހަމްޒާ ގޮނޑީގައި ހަމަޖެހިލިއެވެ.

ހުމޭޒާއަށް އެ ވާހަކަ ފަށާނެ ގޮތެއް، ފަށާނެ ހިސާބެއް ނުވިސްނުނެވެ. ހަޤީޤަތް ހާމަކޮށްދޭން އޭނާ ޖެހިލުންވަނީއެވެ. ހުރިހާ ވާހަކައެއް ހަމްޒާއަށް ކިޔައިދޭން އޭނާ ވަރަށް ހިތްވަރު ކުރަންޖެހޭނެކަން އޭނާއަށް އެނގެއެވެ. އޭނާގެ ލޯބިވާ ކޮއްގެ ހިތްހަލާކުވެ، ކުރި ފޮނި އުންމީދުތައް ވަޔަށްބުރައިގެންދާތަން ދެކެން އޭނާއަކަށް އެހާ ފަސޭހައެއް ނުވާނެއެވެ. އެކަމަކު އެކަން ސިއްރެއްގެ ގޮތުގައިވެސް ބޭއްވޭކަށް ނެތެވެ. ދޮގެއް ހަދައިގެން ލިބޭ އުފަލަކަށްވުރެ، ދެތެއް ބުނެގެން ލިބޭ ހިތާމަވެސް ރަނގަޅޭ ބުނާއަޑު ހުމޭޒާ އަހައެވެ. ހުރިހާ ގޮތަކަށްވެސް ހުމޭޒާ ވިސްނަން ޖެހެއެވެ.

''ތުއްތާ.......... ނޫރާ އާ ދިމާވިތަ؟........'' ހަމްޒާ މިފަހަރު ސުވާލު ކުރީ ވަރަށް ޔަޤީންކަމާއެކުގައެވެ.

''ދިމާވި ........ އެކަމަކު .........އެއީ ހަމްޒާގެ ނޫރާއެއް ނޫން..........'' ހުމޭޒާ ދުރު ބަލަން އިނދެ ބުނެލިއެވެ.

''އެހެންވިއްޔާ އެކުއްޖާ އިނގިލީގައި އަހަރެން ބުނި އަނގޮޓި އޮތްތަ؟.........އަނގޮޓި އޮތްތޯ ބަލާށޭ އަހަރެން ބުނީމެއްނު.......'' ހަމްޒާ ޖީބުން ފޯނު ނަގަމުން ބުނެލިއެވެ.

''ބަލާބަލަ........ މި ފޮޓޯގަ މީ އެ އަނގޮޓި........  އިއްޔެވެސް މި ފޮޓޯ އަހަރެން ތުއްތައަށް ދެއްކީމެއްނު........'' އަވަސް އަވަހަށް ހަމްޒާ ބުނެލިއެވެ. ހަމްޒާ އިނީ ނުހަނު އުދާސްވެފައެވެ. ބޭޣަރާރުވެފައިވާ ހިތް ތެޅެމުން ދިޔައީ އެ ހިތުގައި ޖަހާ ކޮންމެ ވިންދަކުން ނޫރާގެ ހަނދާން އާކޮށްދެމުންނެވެ.

''އާނ......... ތިކަހަލަ އަނގޮޓިއެއް ވެސް ފެނުނު......... '' ހުމޭޒާ އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ.

''އަޅެ........ ކިހިނެއްތަ ވާހަކަ ތިދައްކަނީ......... އަނގޮޓި ފެނުނިއްޔާ އެކުއްޖާގެ ނަން އެހިންތަ؟.........ދެން ކީއްވެތަ އެއީ ނޫރާއެއް ނޫނޭ ތިބުނީ؟.........'' ހަމްޒާގެ ނުތަނަވަސްކަން ހިނދެއް ހިނދަކަށް ދިޔައީ ބޮޑުވަމުންނެވެ. އޭނާއަށް ކިޔޭ ނުކިޔޭއެއްޗެއްވެސް އެނގޭހެނެއް ހިޔެއް ނުވެއެވެ.

''ތުއްތަ މިބުނީ އެއީ މިހާރު ހަމްޒާގެ ނޫރާއެއް ނޫނޭ.........''  ހުމޭޒާ ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. ހުމޭޒާގެ މޫނަށް ފަރުވާތެރިކަމާއެކު ހަމްޒާ ބަލަން އިނެވެ. އެ މޫނުން އޭނާއަށް ތަފާތު އަސަރުތަކެއް ފާހަގަ ކުރެވުނެވެ. ހިތް ތެޅިގަތީ އެންމެ ފަހުން ބުނި ލަފުޒުގެ ސަބަބުންނެވެ.

''ދެން....... ކާކުގެ ނޫރާއެއް........ ތި ކިޔާއެއްޗެއް ސާފުކޮށް ނުބުނެވެނީ ކީއްވެތަ؟..........'' ހަމްޒާ ރުޅި އަންނަގޮތްވިއެވެ.

''ހަމްޒާ އަށް އަހަރެން މި ބުނަން އުޅޭއެއްޗެއް ޤަބޫލުކުރެވޭނެ ހެން ހީނުވާތީ ބުނަން ނުކެރިގެން މިއުޅެނީ...........'' ހަމްޒާގެ ލޮލަށް ބަލާލަމުން ހުމޭޒާ ވާހަކަދެއްކިއެވެ. އެ ލޮލުގައި ވާ އަސަރުތަށް ކިތަންމެ ރަނގަޅަކަށްވެސް ހުމޭޒާ އަށް ފެނުނެވެ. ކެތްމަދުވެފައިވާ މޫނުން ނޫރާ އަކީ ހަމްޒާއަށް ކިހާ މުހިއްމު ކުއްޖެއްކަން ޤަބޫލު ކުރެވުނެވެ.

''ޤަބޫލު ކުރާނަން....... ތުއްތަ ބުނި ކޮންމެ އެއްޗެއް އަހަރެން ޤަބޫލު ކުރާނަން........'' ހަމްޒާ ޔަޤީން ކަމާއެކު ބުނެލިއެވެ.

''ޤަބޫލު ކުރެވެންޏާ އަޑުއަހާ........އެއީ ހަމަ އެ ނޫރާ.......ކުރިންނަމަ އެއީ ހަމްޒާގެ ނޫރާ.......އެކަމަކު މިހާރު އެއީ އެހެންމީހެއްގެ ނޫރާއެއް........ ނޫރާއަކީ މިހާރު އެހެންމީހެއްގެ ހައްޤެއް........ ނޫރާ އެތަނުގައި އެއުޅެނީ އޭނާގެ ފިރިމީހާ އެޑްމިޓްކޮށްގެން.......... ހަމްޒާއަށް ފެނުނު ތުއްތު ކުއްޖާއަކީ ނޫރާގެ ދަރިފުޅު.........'' މޭޒުމަތީގައި އޮތް ހަމްޒާގެ އަތުގައި ހިފަހައްޓާލަމުން ހުމޭޒާ ކިޔައިދިނެވެ. ސާފުސާދާ އިބާރާތުންނެވެ. މާ ދުރުދުރުން ވާހަކަ ގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ.

''ނުކުރާނަން ޤަބޫލެއް........ ނޫރާ އަހަރެން ނޫން މީހަކާ ކައިވެންޏެއް ނުކުރާނެ......... ނޫރާ އަހަންނަށް ބޭވަފާތެރިއެއް ނުވާނެ........ ނޫރާ އަހަރެން ނޫން އެހެންމީހަކު ދެކެ ލޯތްބެއް ނުވާނެ....... އަހަރެން ދެކެ އިންތިހާއަށް ނޫރާ ލޯބިވޭ......... ނޫރާގެ ފުރާނައަށް ވުރެވެސް ބޮޑަށް ......... ތުއްތަ ތިހަދަނީ ދޮގު........'' ހިތްހަމަ ނުޖެހުމާއެކު، ހުމޭޒާގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަންނަމުން ހަމްޒާ ކޮޅަށް ތެދުވިއެވެ.

''ހަމަޖެހިބަލަ......... މިތާ އިށީނދެބަލަ.........'' ހަމްޒާގެ މޫނަށް ބަލަން އިނދެ ހުމޭޒާ ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން ބުނެލިއެވެ.

''ދެން ކީއްކުރަން އިށީންނަންވީ.......އަހަރެން ބޭނުމީ އަލުން ހޮސްޕިޓަލަށް ދާން......... އަހަރެން ބޭނުން އެތަނަށް ވަދެ ތިބުނާ މީހަކާ އަހަރެންވެސް ބައްދަލު ކުރަން....... އަހަންނަށް ޔަޤީން ތުއްތައަށް އޮޅުނީކަން......... އެހެން ނޫރާއަކަށް ތިވާނީ........ނޫރާ ކިޔާ ކިތަންމެ ބަޔަކު އުޅޭނެ........'' ހުމޭޒާއަށް ފުރަގަސްދެމުން ހަމްޒާ ބުނެލިއެވެ. މިފަހަރު އޭނާގެ އަޑުގައި ހުރީ މުޅިން ތަފާތު އަސަރުތަކެކެވެ. ހިތްހަމަ ނުޖެހުމުގެ ސަބަބުންނާ ކުރި އަސަރެއްގެ ބޮޑުކަމުން އޭނާ ތުރުތުރު އަޅައެވެ.

ހުމޭޒާ އިތުރަށް އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނެވެ. އެވަގުތު ދެތަށި ކޮފީ ހިފައިގެން ވޭޓަރު އައެވެ. ދެތަށި މޭޒުމަތީގައި ބަހައްޓަމުން އިތުރު ކަމެއް ބޭނުންތޯ ސުވާލު ކޮއްލިއެވެ. ހުމޭޒާ ނޫނެކޭ ބުނުމުގެގޮތުން ބޯ ހޫރާލިއެވެ.

ދެންވެސް ހަމްޒާ ހަމަ އެ ހުރިގޮތަށް ހުރީއެވެ. އޭނާގެ ހިތަށް ސިފަވަމުން ދިޔައީ ނޫރާގެ މައުސޫމު މޫނާ އެ ރީތި ދެލޮލެވެ. އެ ދެދޮލުން ހަމްޒާ ދެކުނީ ތެދުވެރިކަމެވެ. އެ ލަދުރަކި ހިނިތުންވުމާ އަސަރުގަދަ ބަލާލުމުން  އަބަދުވެސް ހަމްޒާ ދުށީ ލޯތްބާ އުފާވެރިކަމެވެ. އެ މައުސޫމު މޫނުން ދުވަހަކުވެސް ކެހިވެރިކަމެއް ހަމްޒާ ނުދެކެއެވެ.

''ހަމްޒާ........ ދެން އިށީނދެބަލަ..........'' ހުމޭޒާ އާދޭސް ކުރާވަރުން އެންމެފަހުން ހަމްޒާއަށް ޖެހުނީ އިށީންނާށެވެ.

''އަހަރެން މިދެއްކި ވާހަކަ ހަމްޒާއަށް ޤަބޫލެއް ނުކުރެވުނެއްނު.......... އެހެންވިއްޔާ މި ފޮޓޯ ބަލާބަލަ..........'' ހުމޭޒާ އޭނާގެ ފޯނު ހަމްޒާ އަތަށް ދިއްކޮށްލިއެވެ. ސްކްރީނުން ފެންނަން ހުރީ ފޮޓޯއެކެވެ. އެއީ ނޫރާއެވެ. އެއީ ވޯޑުތެރެއިން ނޫރާ މޫނު ޓިޝޫއިން ސާފު ކުރަން ހުރިވަގުތު ހުމޭޒާ ނެގި ފޮޓޯއެކެވެ.

ފޮޓޯ ފެނުމާއެކު ހަމްޒާއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރެއް ޖެހިހެންނެވެ. އޭނާގެ ވަށައިގެންވާ ހުރިހާއެއްޗެއް އެނބުރިގަތްހެން ހީވިއެވެ. ހިތަށް ލިބުނު ވޭނާ ސިކުނޑިއަށް ލިބުނު ޝޮކެއް ވަކި ކުޑައެއް ނޫނެވެ. ބަސްހުއްޓި އެސްފިޔަ ޖަހާލަން ނޭނގިފައި އޭނާ އެއިނީ މުޅިން ހުއްޓިފައެވެ. އޭނާގެ ލޮލަށް ފެންނަން ހުރި ފޮޓޯއަކީ އޭނާ ފުރާނައަށް ވުރެވެސް ލޯބިވާ ނޫރާގެ ފޮޓޯއެކެވެ. ފޮޓޯއަށް ނަޒަރު ހުއްޓާލައިގެން ހަމްޒާ އިނެވެ. އެސްފިޔަވެސް ޖަހާނުލައެވެ.  މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ކުރި ފުން އަސަރާ ކުރެވުނު ހިތްދަތި އިހްސާސް ދުލުން ބަޔާން ކޮށް ނުދެވުނަސް، ލޮލުން އެކަން ބަޔާންކޮށްދީފިއެވެ.

''ހަމްޒާ........'' ހުމޭޒާ މަޑުމަޑުން ގޮވާލިއެވެ. ހަމްޒާގެ ހަރަކާތް ހުއްޓިފައިވާ ސޫރަ އަށް ބަލަން އިންއިރު އެ މޫނުމަތީން އޭނާ އެތަށް ވާހަކައެއް ކިޔައިފިއެވެ. އެ މޫނަށް އަރާފައިބަމުންދިޔަ ކޮންމެ ކުލަވަރެއް ހުމޭޒާ މާނަކުރަމުން ދިޔައެވެ. ލޮލަށް ގެންނަ ކޮންމެ ހަރަކާތަކާ، ނިތްކުރިމަތިން ފާޅުވާ ކޮންމެ ރުލަކުން ބުނެދެނީ ތަފާތު ވާހަކައެކެވެ.

''ހަމްޒާ....... ދެން އެކަމާ ނުވިސްނާ......... ދުނިޔޭގައި އުޅޭއިރު ތަފާތު ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ......... ދިރިއުޅުމޭ ކިޔަނީ މިކަހަލަ އެތައް ރަހަޔެއް އެކުވުމުން......... ދިރުއުޅުމުގައި ގިރާ ކުރާ ކޮންމެ ހަރުފަތަކީ ތަފާތު ހަރުފަތެއް........ ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެއް........ ކޮންމެ ފެށުމަކާ ވިދިގެން ނިމުމެއް އަންނާނެ........ ކޮންމެ ނިމުމަކާ ގުޅިގައިވާ ކޮންމެ ހަނދާނަކުން ގިނަފަހަރަށް ލިއްބައިދޭނީ ވޭނާއި ހިތާމައާ ހިތްދަތިކަން.......... އެކަމަކު އެ ވޭނާ ހިތާމައަކީ ތާއަބަދު ދެމި އޮންނާނެ އެއްޗެއް ނޫން........ '' ހަމްޒާއަށް ވިސްނައިދިނުމުގެ ގޮތުން ހުމޭޒާ ވާހަކަދެއްކިއެވެ. މަޑުމައިތިރި ކަމާ ލޯތްބާއެކުގައެވެ.

ހަމްޒާ ހަމަ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. އޭނާގެ ލޮލުގެ އެސްފިޔަތައް ތެންމާލި ކަރުނަތިކި ލޮލުގެ ތެރެއަށް ފެތުރިފައި ހުއްޓެވެ.

''މީ ހަމްޒާ ނޫރާ މަތިން ހަނދާން ނައްތާލަންވީ ވަގުތު........'' ހުމޭޒާ އަށް ބުނެވުނީ އެހިސާބަށެވެ.

''ނުވާނެ ތިކަމެއް.........'' ހަމްޒާ ހަޅޭއްލަވައިގަތެވެ. އޭނާއަށް އެހެން ބުނެވުނީ ނިކަން ބާރަށެވެ. އޭނާގެ އަޑު ނުކުތީ އޭނާ ބޭނުންވީވަރަށްވުރެވެސް މާ ބާރަށެވެ.

އެތަނުގެ ވަށައިގެނ ތިބި މީހުންގެ ނަޒަރު އެދެބެންނަށް ހުއްޓުނެވެ. އެންމެން އެދިމާއަށް ބަލާކަން އިހްސާސް ވުމުން ހަމްޒާއަށް އިތުރަށް އުނދަގޫވާން ފެށިއެވެ. އޭނާ އިސްޖަހާލިއެވެ.

''ހިނގާ މިތަނުން ދަމާ..........'' ހިތްހަމަ ނުޖެހުމާއެކު ހަމްޒާ ބުނެލިއެވެ. ބިލަށްވާ ފައިސާ މޭޒުމަތީގައި ބަހައްޓަމުން ހަމްޒާ އެނބުރިލިއެވެ.

''މަޑުކޮއްބަލަ ...........'' ހަމްޒާގެ ފަހަތުން ހުމޭޒާވެސް ހިނގައިގަތެވެ. ހަމްޒާ ހަލުވި އަދި ދިގު ފިޔަވަޅުތަކެއް އަޅަމުން ބޭރަށް ނުކުމެއްޖެއެވެ. ހުމޭޒާއަށް ޖެހުނީ ހަމްޒާ ފަހަތުން ދުވާށެވެ. ހަމްޒާ ހިނގާފައި ދިޔައީ އެހާވެސް ހަލުވިކޮށެވެ. ހުމޭޒާ ހަމްޒާގެ ފަހަތުން ދުވަމުން، ހަމްޒާއަށް ގޮވަމުން ދިޔައިރުވެސް އެނބުރި ބަލާވެސް ނުލާ އޭނާ އެދިޔަގޮތަށް ގޮސް ކާރަށް އަރައިފިއެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 29 މެއި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް