ވާހަކަ: ލޯބިވޭ އިންތިހާ – ތިރީސް ނުވަވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ޖެހިގެން އައި ދުވަހެވެ. ހުމޭޒާ ގޮވައިގެން ހަމްޒާ ހޮސްޕިޓަލަށް ދިޔައެވެ. ހުމޭޒާ ހުރީ ނޫރާ ވަންކަމަށް ހަމްޒާދެއްކި ވޯޑުގެ ސީދާ ދޮރާދިމާ ކުރިމަތީގައެވެ. ހަމްޒާ މަޑުކޮށްލީ ވޯޑާ ތަނ...

22 May 2025 | 06:35

ކުރީގެ އަދަދާއި ގުޅޭ...

ޖެހިގެން އައި ދުވަހެވެ. ހުމޭޒާ ގޮވައިގެން ހަމްޒާ ހޮސްޕިޓަލަށް ދިޔައެވެ. ހުމޭޒާ ހުރީ ނޫރާ ވަންކަމަށް ހަމްޒާދެއްކި ވޯޑުގެ ސީދާ ދޮރާދިމާ ކުރިމަތީގައެވެ. ހަމްޒާ މަޑުކޮށްލީ ވޯޑާ ތަންކޮޅެއް ދުރުގައެވެ.

ނޫރާގެ ސިފަޔާ އިސްކޮޅާ ނަމާ އެޑްރެހަށް ދަންދެން ހުމޭޒާ ކިޔައިދިނުމުން އެންމެފަހުން އެމީހުންނަށް ހުމޭޒާގެ ވާހަކަތައް ޤަބޫލު ކުރެވުނެވެ. ހުމޭޒާ ގޮވައިގެން ކުރިއަށް ހިނގައިގަތެވެ. ފަނަރަވަނަ އެނދާ ހަމަޔަށް ގޮސްފައި އަތުން އިޝާރާތް ކޮށްލަމުން ނޫރާ އިނީ މިތާކަމުގައި ބުންޏެވެ. އަދި މާ ގިނައިރު ވާހަކަދައްކަން ނުތިބެވޭނެ ކަމަށާ ބަލި މީހާއަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރުމަށް އިރުޝާދު ދިނުމަށް ފަހު އޭނާ އެބުރި ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ. ހުމޭޒާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ.

ހުމޭޒާ މަޑުމަޑުން ކުރިއަށް ދެފިޔަވަޅެއް އަޅާލިއެވެ. އޭރު އޭނާއަށް ހުރެވުނީ ސީދާ އެ ރޫމުގެ ދޮރާދިމާގައެވެ. އެތެރެ ފެންނަ ވަރަށް އޭނާ ކުރިއަށް ޖެހިލިއެވެ. އޭނާ ފިޔަވަޅު އެޅީ އެއްވެސް މީހަކަށް ހިލަމެއް ނުވާހާ މަޑުންނެވެ. ހީވަނީ ސިއްރުން ކަމެއްކުރަން އުޅޭ މީހެއް ހެނެވެ.

އެތަނުގެ އެތެރެއަށް ހުމޭޒާ ލޯހިންގާލިއެވެ. އެތަން ފަރުމާކޮށްފައިވަނީ ބަލި މީހާގެ އިތުރުން އެހީތެރިއަކަށްވެސް ހުރެވޭގޮތަށެވެ. ދެ އެނދު ދެފަރާތުގައި ހުރި އިރު، އެންމެ ފުޅާ އެނދުގައި އޮތީ ބަލިމީހާއެވެ. އަނެއް ފަރާތުގައި ހުރި އެނދު ހަނި ނަމަވެސް އެކަކަށް ރީތިކޮށް އޮށޯވެލެވޭވަރު ވެއެވެ.

ބަލިމީހާ އަށް ޚާއްސަ އެނދުގައި އޮތީ ޒުވާން ފިރިހެނެކެވެ. ލޯމަރައިގެން އޮތުމުން އޭރު އޭނާ އޮތީ ނިދާފައިހެން ހީވެއެވެ. އޭނާގެ ހަށިގަނޑަށް  އޭރުވެސް ތަފާތު ވައްތަރުގެ މެޝިންތައް ގުޅާފައިވެއެވެ.  އެކި އަޑުއަޑުން ބީޕް ބީޕް ގޮއްވަމުން އެ މެޝިތައް އެތަކެތީގެ ވާޖިބު އަދާކުރަމުން ދިޔައެވެ. އަނެއްފަރާތު ހުރި އެނދުގައި ތުއްތު ކުއްޖަކު ނިދާފައި އޮތެވެ. ތުއްތު ކުއްޖާ އޮތް އެނދުކައިރީގައި ހުރި ގޮނޑިއެއްގައި އެއަންހެން ކުއްޖާއިނެވެ. އޭނާ އިނީ  އެނދުގެ މަގަތުން އޮތް ހުސްތަންކޮޅުގައި އަތްބާއްވާ، އެ އަތުގައި ބޯއަޅާލައިގެންނެވެ. ހީވާގޮތުން އޭނާ އެއިނީ ވަރުބަލިވެގެން ނިދިފައެވެ. އަނެއްއަތް އޮތީ ތުއްތު ކުއްޖާގެ ފައިމަތިން ހުރަސްކޮއްލާފައެވެ. ހީވާގޮތުން ކުއްޖާ ފުރޮޅިލާއިރަށް ވެއްޓިދާނެތީ ހިފަހައްޓައިގެން އިނީހެން ހީވެއެވެ.

ތުއްތު ކުއްޖާގެ މޫނުނަށް ނަޒަރު ހުއްޓާލައިގެން ހުމޭޒާ ހުއްޓެވެ. ލޯބިލޯބި ދޮންދޮން މޫނެކެވެ. ބޯ އެސްފިޔަތައް ލައްޕާލައިގެން އޮތްއިރު، އެ މޫނުގައިވަނީ މަޢުސޫމުކަމެވެ. ދެތުންފަތް ކުޑަކޮށް ހުޅުވިލާފައި ހުރި އިރު ކުޑަކުޑަ ދެދަތް ފެންނަންހުއްޓެވެ. އެ ތުއްތު މޫނުގައި އަތް ޖައްސާލަން ހުމޭޒާގެ ހިތް އެދުނެވެ. ކުޑަކޮށް ފުއްޕާލާފައިވާ ދެ ކޯތާފަތުގައި ފިރުމާލާހިތްވިއެވެ.

ކައިވެންޏަށްފަހު އެފަދަ ލޯބިލޯބި ދަރިއަކު ލިބުމަށް އެދި ހުމޭޒާވެސް އުންމީދުތަކެއް ކުރިއެވެ. މަންމަމެން އެދުނުފަދައިން، ހުމޭޒާ ކައިވެނި ކުރީ  މާލޭގެ މުއްސަންޖެއްގެ ދަރިއަކާއެވެ. ކައިވެނީގެ ފުރަތަމަދުވަހުން ފެށިގެން އޭނާގެ ފިރިމީހާ ދަރިއަކު ބޭނުންވާކަމަށް ބުނަމުންދިޔައެވެ. ދެމަފިރިން އެކުގައި ހޭދަކުރެވުނު ދުވަސްތަކުގައި، ދަރިއަކު ލިބުމަށް އެދި އެކަމަށް ޚާއްސަ ބޭސްފަރުވާ ކުރެވުނެވެ. ފަސްއަހަރު ފާއިތުވެގެން ދިޔައީ، ކުރަމުން އައި އުންމީދުގައި ކުލަޖެހުމެއްނެތިއެވެ. ދެމަފިރިން ދެމެދުގައި އެކަމާ ގުޅިގެން ކުދިކުދި މައްސަލަތައް ޖެހި، ފަހުން އެ މައްސަލަތައް ބޮޑުވެ، އެންމެފަހުން ކައިވެނި ރޫޅި، ދެމަފިރިން ވަކިވާން ޖެހުނީއެވެ.

އެ ދުވަސްތައް މާޒީއާ އެކުވެއްޖެއެވެ. ހުމޭޒާ އެކަމާ ހިތާމަކޮށް، ޙަޔާތުގެ ކުރިއަށް އޮތް ދުވަސްތަށް ބޭކާރުކޮށްލާކަށް ބޭނުމެއް ނޫނެވެ. އެއީ އެޔަށްވުރެ މާ ވިސްނޭ ކުއްޖެކެވެ. އެހެންކަމުން މާޒީ އެއްފަރާތް ކޮސްލުމަށްފަހު އޭނާ ދިރިއުޅުމައިގެން ކުރިއަށް ދާންފެށިއެވެ.

ކުޑަ ވަގުތުކޮޅަކަށް، ހުމޭޒާއަށް އޭނާގެ މާޒީ ހަނާއަޅާލިމެއެވެ. އެހެންނަމަވެސް އޭނާ އެ ޚިޔާލުތައް އެއްފަރާތް ކޮށްލިއެވެ. އެތަނުން ފެނުނު މަންޒަރުތަކުން ހުމޭޒާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދުނު ނަމަވެސް، ސުވާލެއް އެއްފަރާތް ކޮށްލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.  އޭނާއަށް ލިބިފައިވާ މަދު ވަގުތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފަން އޭނާ ބޭނުމެވެ.

''ނޫރާ...........'' އެނދުގައި ބޯއަޅާލައިގެން އިން ނޫރާގެ ނުހަނު ގާތަށް ހުއްޓެމުން ހުމޭޒާ ގޮވާލިއެވެ. ނިކަން މަޑުމަޑުންނެވެ. މެޝިން ތަކުން އިއްވަމުން ދިޔަ އަޑުތަކުގެ ސަބަބުން ނޫރާގެ ކަންފަތާ ހަމަޔަށް ހުމޭޒާގެ އަޑު ނުފޯރީ ކަމަށްވެސް ވެދާނެއެވެ. ނޫނީ ނިދުނުލެއް ގަދަކަމުން ހޭނުލެވުނީ ކަމަށްވެސް ވެދާނެއެވެ. ނޫރާ ހަމަ އެ އޮތްގޮތަށް މޫނު ވަތަށް ޖަހައިގެން އަތްދަނޑިމަތީ ބޯއަޅާލައިގެން އިނެވެ.

އެތާނގައި ހުރެގެން މާ ބާރަށް ގޮވައިފިއްޔާ ތުއްތު ކުއްޖާއަށް ހޭލެވިދާނެތީ ހުމޭޒާ ކަންބޮޑުވިއެވެ. އެންމެފަހުން ނޫރާގެ ކޮނޑުގައި ހުމޭޒާ މަޑުމަޑުން އަތް ޖައްސާލިއެވެ.

''އޫނ........ ކާ......ކާކު.......؟ ދެތިންފަހަރު ކޮއްޓާލުމުން ނޫރާ ލޯ ހުޅުވާލިއެވެ. ކައިރީގައި ހުރި ހުމޭޒާގެ މޫނަށް ބަލާލީ ހައިރާންކަމާއެކުގައެވެ. ބިރެއް ފެނިގެން ތެޅިގަންނަހެން އޭނާއަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ.

''އަހަރެން މިއައީ ނޫރާއާ ބައްދަލުކޮށްލަން.........'' ހުމޭޒާ ވާހަކަ ދެއްކީ މަޑުންނެވެ. ނޫރާއަށް އެކަނި އިވޭވަރަށެވެ.

''ތީ ކާކުކަމެއް ނޭނގުނު........'' ނޫރާ އޭނާގެ މޫނުމަތީގައި އަޅާފައިވާ މާސްކު ރަނގަޅުކޮށްލިއެވެ.  ދިވެހިބަހުން ވާހަކަ ދެއްކުމުން އެއީ ދިވެއްސެއްކަން އެނގޭތީ ނޫރާ ކުޑަކޮށް ހަމަޖެހޭގޮތް ވިއެވެ.

''އަހަރެން .......ހޮސްޕިޓަލަށް ދައްކާލަން އައީ......... މީ .....މިތަނަށް މިވަނީ...... މިތަނުގަ ދިވެހި ކުއްޖަކު އެޑްމިޓްކޮށްފަ އޮތްކަން އެނގުނީމަ ޙާލު ބަލާލަން ވަދެލީ.........'' ހުމޭޒާއަށް ޖަވާބުދެވުނީ ނޫރާ ކުރި ސުވާލަކަށް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އޭނާވެސް ހުރީ ކުޑަކޮށް ހާސްވާގޮތްވެފައެވެ.

''ރައްޓެހިން އަހަންނަށް ގޮވަނީ 'ހުމޭ' ގެ ނަމުން.........'' ހުމޭޒާ ގަސްދުގައި އޭނާގެ ފުރިހަމަ ނަން ނޫރާގާތު ބުންނަ ބޭނުން ނުވީއެވެ.

''އެހެންތަ.........'' ނޫރާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

''ބަލިމީހާ މިހާރު ކިހިނެތް......... މީ ނޫރާގެ ...........'' ހުމޭޒާއަށް ބަލާލެވުނީ ބަލިމީހާޔާ ދިމާއަށެވެ. ކުރަން އުޅުނު ސުވާލު ފުރިހަމަ ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

''ފިރިމީހާ........'' ހުމޭޒާގެ ސުވާލު ފުރިހަމަ ނުކުރި ނަމަވެސް ނޫރާ އެ ސުވާލަށް ޖަވާބު ދީފިއެވެ. ހުމޭޒާގެ މެޔަށް ފިނިވެގެން ދިޔައެވެ. އޭނާއަށް އެއިއެއިވުނު އަޑާ ދޭތެރޭ އޭނާއަށް ޝައްކުވަނީއެވެ. ހަމްޒާ ދައްކާފައިހުރި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ނޫރާގެ ތެދުވެރިކަމާ، ހަމްޒާ ދެކެވާ ލޯބި ބަޔާން ކޮށްދިން ޖުމުލަތަށް، ތަކުރާރުކޮށް އޭނާގެ ކަންފަތަށް އިވެމުންދިޔައެވެ. ނޫރާ އަކީ މީހެއްގެ އަތްބެއްކަން ހަމްޒާއަށް އެނގިއްޖެނަމަ، ހަމްޒާ ހާދަހާ ދެރަވާނެޔޭ ހީވެ މާޔޫސްވާގޮތް ވިއެވެ. ހަމްޒާގެ ހުރިހާ އުންމީދެއް ފުޑުފުޑުވެގެން ދާތަން ބަލަން ހުންނައިރު ހަމްޒާއަށް ކުރާނެ އަސަރު މިހާރުވެސް ހުމޭޒާއަށް ފެންނަކަހަލައެވެ.

''އެހެންތަ....... މީ ދަރިފުޅުތަ........'' ހުމޭޒާއަށް އަހާލެވުނެވެ.

''އާނ........ '' ނޫރާގެ ޖަވާބު ނިކަން ކުރުވެފައި ސާދާއެވެ. އެހެންނަމަވެސް އެ އަޑުގައިވާ މާޔޫސްކަން ހުމޭޒާއަށް ފާހަގަ ކުރެވުނެވެ.

''ކިހިނެއްވީ ފިރިމީހާއަށް؟........މިހާރު ރަނގަޅުތަ........؟ ނޫރާ އެކަނިތަ މިތާނގަ ތިއުޅެނީ؟......ކޮންއިރަކު އައީ؟......... މިހާ ކުޑަކުއްޖަކު ގޮވައިގެން އުޅެން ހާދަ އުނދަގޫވާނެޔޭ..........'' ހުމޭޒާގެ ހިތުގައި އުފެދުނު ސުވާލުތަކުން ބައެއް ނޫރާގެ ކުރިމައްޗަށް އޮއްސާލިއެވެ. އެ ސުވާލުތަށް އެއްފަހަރާ ކުރަން ބޭނުން ނޫނަސް އެއޮތީ ހުމޭޒާގެ ދުލުން ބޭރުވެފައެވެ. އެ ސުވާލުތަކަށް ޖަވާބުދޭން ނޫރާ ކުރަންޖެހޭ ހިތްވަރު ނޭނގޭ ހާލުގައެވެ.

'' ކެންސަރު...... ގޮހޮރުގެ ބޮޑުބަޔަކަށް ކެންސަރުގެ އަސަރުކޮށް....... އެބައި ޖެހޭނީ ނަގަން ކަމަށް ބުނީ......... އަދި އޮޕަރޭޝަން ނުކުރެވޭ........'' ނޫރާއަށް ޖަވާބު ދެވުނީ އެވަރަށެވެ. ހިތަށް ކުރި އަސަރުން އޭނާގެ އަޑު ބެދިއްޖެއެވެ.

ނޫރާ އެތަނުގައި ހޭދަކުރި ދެހަފުތާއެއްހާ ދުވަހަކީ ނޫރާގެ މުޅި ޙަޔާތުގައިވެސް ހޭދަކުރެވުނު އެންމެ ހިތްދަތި ދުވަސްތަކެވެ. ހުމައިރާ ގޮވައިގެން ފިރިމީހާގެ ހުރިހާކަމެއް އޭނާ އެކުރަނީ އެކަނި މާއެކަންޏެވެ. ނިންޖަށް ބަލިވެ އެއްގޮތަކަށްވެސް ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުން ނޫނީ، އޭނާ ހޮޓަލުގަ ހުންނަ ރޫމަކަށް ނުދެއެވެ. ހުމައިރާގެ އެންމެ ހަލަނި ޢުމުރު ކަމަށްވެފައި، އަބަދު ފައިބައިގެން ހިނގަން އުޅޭތީ ނޫރާ ހުންނަނީ ވަރުބަލިވެގެންގޮސް އަވަދިވާވަރުވެފައެވެ. އަނެއްކޮޅުން އެމީހުން އަތުގައި ރައްކާކޮށްފައިހުރި ފައިސާކޮޅު ހުސްވަމުން ގޮސް، ހަދާނެގޮތް ހުސްވާހިސާބަށް ހިނގައްޖެއެވެ.

އެހުރިހާ ކަމަކާ ނޫރާ ވިސްނާވިސްނާ އޭނާގެ ސިކުނޑި ވަރުބަލިވެއްޖެއެވެ. އެޙާލުގައިމެ، އެހުރިހާ އިޙްސާސްތަކެއް މޭގެ ތެރޭގައި ފޮރުވާ ހިފަހައްޓައިގެން ހުއްޓާ، އެހެންމީހަކު އެ ސުވާލުތަށް ކުރަންފެށުމުން އޭނާއަށް އޭނާގެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވޭގޮތެއް ނުވިއެވެ. ލޮލުން ކަރުނަ ނީރާލިއެވެ. ރޮވޭގޮތް ވެއްޖެއެވެ. މިވަގުތު އެހެން މީހެއްގެ އެހީތެރިކަން އޭނާ އިންތިހާއަށް ބޭނުމެވެ.

''ރޮނީތަ..........'' ނޫރާ ދެލޯ ފޮހެލިތަން ފެނުމުން ހުމޭޒާ އަހާލިއެވެ. އޭރު ނޫރާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގެންފިއެވެ. ހުމޭޒާ ނޫރާގެ ގާތަށް ޖެހިލިއެވެ. ނޫރާގެ ބުރަކަށީގައި ހުމޭޒާ އަތްޖައްސާލީ ނޫރަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ހުމޭޒާގެ އެ ހަރަކާތުގެ ސަބަބުން ނޫރާއަކަށް އޭނާގެ ހިތުގައި ބޮޑިވެފައިވާ އުދާސްތަކާ ވޭން ހިފަހައްޓައެއް ނުލެވުނެވެ. ގިސްލާ ރޯންފެށިއެވެ. މަޑުމަޑުން އިވެމުންދިޔަ ގިސްލުމުގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ. ހުމޭޒާ ހާސްވެ ކަންބޮޑުވާގޮތް ވިއެވެ. އެހެނަސް އެވަގުތަކީ އޭނާ ކިޔެވި އެއްޗިހީގެ ބޭނުން ކުރަންވީ ވަގުތުކަން އެނގުނެވެ. އޭނާ ކިޔެވީ ސައިކޮލޮޖީއެވެ. އެހެންކަމުން މިވަގުތު ނޫރާއަށް އެންމެބޮޑަށް ބޭނުންވާނީ ނޫރާގެ ވާހަކަތައް އަޑުއަހާލާނެ މީހެއްކަން އޭނާއަށް އެނގެއެވެ.

''އިށީނދެލާ........އެހާބޮޑަށް ކަންކަމާ ދެރަވެ މާޔޫސް ވާކަށް ނުވާނެ.......'' ހުމޭޒާ ނޫރާގެ އަތުގައި ހިފައިގެން ގެންގޮސް ކުރިން ނޫރާ އިން ގޮނޑީގައި ބޭންދިއެވެ. އެވަގުތު ނޫރާގެ އިނގިލީގައި އޮތް އަނގޮޓި ހުމޭޒާއަށް ފެނުނެވެ.

ނޫރާ ގޮނޑީގައި އިށީނުމަށްފަހު އެނދުގެ އެއްކޮޅުގައި ހުރި ކަބަޑުމަތިން ޓިޝޫއެއް ނެގިއެވެ. މޫނުމަތީގައި އަޅާފައިވާ މާސްކު ތިރިކޮށްލުމަށްފަހު ދެލޮލާއި ނޭފަތް އޭނާ ސާފުކޮށްލިއެވެ.

ނޫރާގެ މޫނު ފެނުމާއެކު ހުމޭޒާއަށް އެ މޫނުން ނަޒަރު ވަކިކޮށްލަން އުނދަގޫވިއެވެ. ނޫރާގެ ރީތިކަމަށް ހިތާހިތުން އޭނާއަށް ތަޢުރީފު ކުރެވުނެވެ. ރުއިމުގެ ސަބަބުން ރަތް ވެފައި ވިޔަސް އެއީ ނުހަނު އަސަރުގަދަ ރީތި ދެލޮލެވެ. މީހަކު އެ ލޮގުގެ ޖާދޫގައި ޖެހިއްޖެނަމަ، އޭނާގެ ކޮއްކޮ، ހަމްޒާއަށް ވެފައި ހުރިވަރު ނުވެ ނުދާނެކަން އޭނާއަށް ޤަބޫލު ކުރެވުނެވެ. އެ ރީތި ތުންފަތް މަޑުމަޑުން ތުރުތުރު އަޅަމުން ދިޔައީ ނޫރާގެ ހިތުން ރޮމުން ދާތީކަން ހުމޭޒާއަށް އެނގެއެވެ.

''ކޮން އިރަކުން އޮޕަރޭޝަން ކުރަނީ.........'' ކުޑަކޮށް ނޫރާ ހަމަޔަކަށް އެޅުމުން ހުމޭޒާ އަހާލިއެވެ.

''އާސަންދަ ހަމަ ނުޖައްސާ މިކޮޅަށް އާދެވުނީ........ މިހާރު  އެބަމަސައްކަތް ކުރޭ އާސަންދަ ހަމަޖެހޭތޯ....... ރަށުގަ އޮތް ގޯތިވެސް ވިއްކާލަން ބުނެގެން މިއުޅެނީ........ މިކަމަށް ވަރަށް ގިނަ ފައިސާ ބޭނުންވޭ....... އަހަރެމެން އަތުގައި ހުރި ފައިސާ މިހާރު ހުސްވަނީ..... މި ތަނަށްވެސް އެޑްވާންސަށް އެއްހަފުތާއަށް ވާވަރަށް ފައިސާ ދެއްކީ........ '' ނޫރާ ކިޔައިދިނީ އޭނާ މިހާރު އެންމެ ކަންބޮޑުވާ އެއްކަންތަކުގެ ވާހަކައެވެ. އެމީހުން ރައްކާކޮށްފައިވާ ފައިސާ މުޅިން ހެން ހުސްވެއްޖެއެވެ. ދެންހުރީ ދަރިފުޅަށްޓަކައި ވަކި ކުރި ފައިސާކޮޅެވެ. އެއީ ނުހަނު މަދު އަދަދެކެވެ.

''އަން ......... މީގައި ހިފާ....... މީގެން އަދި އިތުރު އެއް ހަފުތާ ބޭނުންކޮށްލެވޭ ވަރުވާނެ....... މީ އަހަރެން ނޫރާއަށް ދިން ހަދިޔާއެއް........ '' ހުމޭޒާ ދަބަހުން ނެގި ފައިސާ ނޫރާ އަތަށް ދިއްކޮށްލިއެވެ. އެ ފައިސާގެ ތެރޭގައި ޑޮލަރުވެސް ހުއްޓެވެ.

''ތެންކިޔޫ..........'' އިސްޖަހާލަމުން ނޫރާ ބުނެލިއެވެ. އޭގައި ހިފަން ކިތަންމެ ލަދުގަތަސް މިއަދު ނޫރާއަށް ވަނީ މަޖުބޫރުވެފައެވެ.

އެވަގުތު އެމީހުންތިބި ތަނަށް ވަންނަންހުރި ދޮރުމައްޗަށް މީހަކު ހުއްޓުނެވެ. ދެމީހުނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 27 މެއި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް