ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ބާއްވައި، އާކް އަށް އެއްލައްކަ އަށް ވުރެ ބޮޑު އެހީއެއް ދީފިއެވެ.
ހަތަރު އުމުރުފުރާ އަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި، އަދި 10 އަހަރާ 13 އަހަރާ ދެމެދުގެ 300 ކުދިންނާއެކު ޖުމްލަ 2000 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވި މި ދުވުން ބޭއްވުނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ. އުމުރު ފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 2 ކިލޯމީޓަރ، 3 ކިލޯ މީޓަރ އަދި 4 ކިލޯ މީޓަރގެ ދިގުމިނަށެވެ. ހުރިހާ ބައިވެރިންވެސް ދުވުން ނިންމާލީ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ.
ބީއެމްއެލް އިން ބުނީ، މި ދުވުމާ ގުޅުވައިގެން އެ ބޭންކް އިން ތައާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮށް، ދުވުމުގައި ބައިވެރިވި ކުދިން އެއްކުރި 250،105 ރުފިޔާ ވަނީ އާކް އާ ހަވާލުކޮށްފަ އެވެ. މި ފައިސާ އާކް އާއި ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފްއެވެ. އާކް އިން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ކުޑަކުދިންނަށް ބުލީ ކުރުމާ ދެކޮޅު ކެމްޕޭން 'ބީޓް ބްލީން' އަށްކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
ބީއެމްއެލް ވައު ކިޑްޒް ރަން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ޓީއެފްޖީ އާ އެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މިއީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ. އަދި މި ދުވުމުގައި ބައިވެރިވި ކުދިން ފަންޑްރައިޒިންގކޮށްގެން ހޯދުނު ފައިސާ ހަދިޔާ ކުރެވިގެން މިދަނީ މުޖުތަމައަށް ވަރަށް ބޭނުންތެރި ޕްރޮގްރާމަކަށް ކަން ފާހަގަ ކުއްވައި ޝަރީފް އިތުރަށް ވިދާޅުވީ، މި ދުވުމުގައި ބައިވެރިވި ކުދިންނަށާއި ބެލެނެވެރިންނަށާއި އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމުގައެވެ.
މިއީ ޖެހިޖެހިގެން މި ދުވުން ބޭއްވުނު ހަތަރުވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް