ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ސާޅީސް އެއްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... އެތަނުގައި ހުރުމުގެ ބޭނުމެއް ނެތުމުން ސައިފް އެތަނުން ދިއުމަށް ހިނގައިގަތެވެ. ހަނި މަގު އޮތް ގޮތަށް ސައިފް ހިނގާފައި ދިޔައީ އޭނާގެ ސައިކަލާ ދިމާލަށެވެ. ނަޖުވާއާ ހިސާބަށް އޭނާގ...

27 Mar 2022 | 16:20

ކުރީގެ އަދަދާއި ގުޅޭ....

އެތަނުގައި ހުރުމުގެ ބޭނުމެއް ނެތުމުން ސައިފް އެތަނުން ދިއުމަށް ހިނގައިގަތެވެ. ހަނި މަގު އޮތް ގޮތަށް ސައިފް ހިނގާފައި ދިޔައީ އޭނާގެ ސައިކަލާ ދިމާލަށެވެ. ނަޖުވާއާ ހިސާބަށް އޭނާގެ މަންމަ ގެނެސްދެވުނީތީ އެކަމާ ސައިފް ހުރީ އުފަލުންނެވެ. ސައިކަލަށް އަރަން ދިމާކޮށްލި ވަގުތު އިވުނު އަޑަކުން ސައިފްގެ ދެފައިގާ ކަސްތޮޅު އެޅެވުނު ކަހަލައެވެ. މަޑުމަޑުން އެދިމާލަށް އެނބުރުމާއެކު އޭނާއާ ދިމާލަށް ދުވެފައި އަންނަ ނަޖުވާ ފެނުނެވެ. އެއައި ގޮތަށް ނަޖުވާ އޭނާގެ ގައިގައި ބައްދައިގަތެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ސައިފަށް ހުރެވުނީ ލިބުނު ޝޮކުގައެވެ.

ކުރެވުނު ކަންތައް ނަޖުވާއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ސައިފް ފެނުމުން އޭނާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ކަރުކެހިލަމުން ނަޖުވާ މަޑުމަޑުން ސައިފްއާ ދުރުވެލިއެވެ. ސައިފްވެސް ހަމަޖެހެން މަސައްކަތް ކުރަމުން ލައިގެން ހުރި ގަމީހަށް ދަމައިލިއެވެ.

" ކޮންތާކު އުޅެފަ ތިއައީ؟ ފޯނަށް ނުގުޅެނީ ކީއްވެ؟ ނަމްބަރު ބަދަލުކުރީތަ؟ ކީއްވެ އަހަރެންނަށް ނުގުޅީ؟ އަހަރެންދެކެ ކަމަކާ ރުޅިއައީތަ؟" ނަޖުވާގެ އޭނާގެ ހިތުގައިވާހާ ސުވާލެއް ސައިފްގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ސުވާލުތައް ގިނަކަމުން ސައިފް ހުރީ ޖަވާބުދޭންވީ ކޮން ސުވާލަކަށް ކަމެއް ނޭނގިފައެވެ. "އަހަރެން ހާދަވަރަކަށް ސައިފްއަށް ގުޅީމޭ.. އެދުވަހުވެސް އެއްވެސް އެއްޗެއް ނުބުނެ ކުއްލިއަކަށް އެތަނުން ދިޔައީ.. މިއަދުވެސް ކުއްލިއަކަށް ފެނިލާފަ ތިއުޅުނީ ދާން.. "

" ސޮރީ.. އެދުވަހު ނަޖޫ އާއިލާއާ އެއްކޮށް ހުރީމަ އުނދަގޫ ނުކުރަންވެގެން ދިޔައީ.. ހަމަ އެދުވަހު އަހަރެންގެ ފޯނުވެސް ހަލާކުވެއްޖެ.. އާ ފޯނަކާއެކު އާ ސިމްކޮޅެއް ނަގަން ޖެހުނީ.. ނަޖޫއަށް ގުޅަން ވަރަށް ހިތަށް އެރި.. އެކަމަކު ނުކެރުނީ.. ދެޙިޔާލެއްގައި ހުއްޓާ އަހަރެންނަށް ފުލުސް އޮފީހުން ވަޒީފާ ލިބުނީ.. ވަޒީފާއާ ގުޅުނުތާ ހަފްތާއެއްގެ ތެރޭގައި ޓްރެއިނިންގްއަށް ފުރަން ޖެހުނީ.. މީގެ ހަފްތާއެއް ކުރިން އެނބުރި އައީ.. ސޮރީ ޙަބަރެއް ނުވެވުނީމަ.." ކަންތައްވެގެން ދިޔަ ގޮތް ސައިފް އޮޅުންފިލުވައިދިނެވެ.

" އެހެންތަ؟ ދެން ކިހިނެއް ސައިފްއަށް އަހަރެން ހޮސްޕިޓަލުގައި އޮތްކަން އެނގުނީ؟" ދެއަތް އުރައިލަމުން ނަޖުވާ އަހައިލިއެވެ. އެހިނދު ސައިފްގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފާޅުވެގެން ދިޔައެވެ.

" ނޫން... ކީކޭ؟.. ނަޖޫ ހޮސްޕިޓަލުގަ އޮތީ ކީއްވެ؟.. ބަލީތަ؟" ސައިފް އަހައިލިއެވެ.

" ނޭނގޭ ކަމަށް ނުހަދާ ސައިފް.. އަހަރެންނަށް އެރޭ ސައިފްގެ މޫނު ފެނުނު.. ބުނެބަލަ ސައިފް.. ކިހިނެއް އެނގުނީ އަހަރެން ހޮސްޕިޓަލުގައި އޮތްކަމެއް..؟ ކިހިނެއް އެނގުނީ އަހަރެން އުޅެނީ މިގޭގަ ކަމެއް؟ " ނަޖުވާ ސައިފްއާ އިތުރު ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. އިތުރަށް ދޮގެއް ހެދެން ނެތުމުން ސައިފް އިސްޖަހައިލިއެވެ.

" އެދުވަހު އަހަރެން ނަޖޫގެ ފޯނަށް ގުޅީމަ ފޯނު ނެގީ ރީނާއްތަ.. އަހަރެންނަށް ވެގެން އުޅޭ ގޮތް ރީނާއްތަ ކިޔައދިން... އެހެންވެ އަހަރެން އެރަށައް ގޮސް ނަޖޫގެ މަންމަ ގޮވައިގެން މިއައީ... " ސައިފް ކިޔައިދިނެވެ. ނަޖުވާއަށް ހެވުނެވެ.

" ސައިފް!!!.." ކާރުން ފޭބި ރޫބީ ގޮވައިލި އަޑަށް ސައިފްއާއި ނަޖުވާ އެކުއެކީގައި ބަލައިލިއެވެ. " ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ.. ކޮންތާކު އުޅެފަ ތިއައީ..."

" ރޫބީ!! ރަނގަޅުތަ؟ " ސައިފް އަހައިލިއެވެ.

" އަހަރެން ރަނގަޅު.. ނަޖޫ ވަރަށް އުޅުނު ސައިފްގެ ހަބަރެއް ނުވެގެން.. އަހަރެންވެސް ވަރަށް ގުޅިން ސައިފްގެ ފޯނަށް.." އެމީހުންނާ އަރާ ހަމަކުރަމުން ރޫބީ ބުންޏެވެ.

" ލޯންގް ސްޓޯރީ ރޫބީ.. އަހަރެން މިހާރު ނަޖޫއަށް ކިޔައިދީފިން.." ސައިފް ބުނެލިއެވެ.

" އޯކޭ.. ފައިން... ނަޖޫ ކިހިނެއްވީ މަންމަ ގުޅާފަ މާ އަވަހަށް އަންނަން ބުނީ..؟" ނަޖުވާއާ ދިމާލަށް އެނބުރެމުން ރޫބީ އަހައިލިއެވެ. ނަޖުވާ ހިނިތުންވެލިއެވެ.

" އިޓްސް އަ ސަޕްރައިޒް.. ހިނގާބަލަ.." ރޫބީގެ އަތުގައި ހިފަމުން ނަޖުވާ ބުންޏެވެ. ނަޖުވާ އާ އެކު ގޮސް ގޮސް ހުރެފައި ރޫބީ އެނބުރި ބަލައިލިއެވެ.

" ނަޖޫ ދޭބަލަ.. ކުޑައިރުކޮޅަކުން އަހަރެން އެބަ އަންނަން..." ރޫބީ ބުނެލިއެވެ. ނަޖުވާ ހިނިތުންވެލަމުން ބޯޖަހައިލުމަށްފަހު އެތެރެއަށް ވަނެވެ. ރޫބީ އައި ކޮޅަށް އެނބުރެމުން ސައިކަލަށް އަރައަރާ ހުރި ސައިފްއަށް ގޮވައިލިއެވެ. ސައިފް ރޫބީއަށް ބަލައިލުމަށްފަހު ނިތްއަރުވައިލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ. ރޫބީ ސައިފްއާ އަރާ ހަމަކުރުމަށްފަހު ވަރަށް ފުންނަޒަރަކުން ސައިފްއާ ދިމާލަށް ބަލައިލިއެވެ.

" އަހަރެން ސައިފްއާ ކަމެއް ހިއްސާކޮށްލަން ބޭނުން..." ރޫބީ ބުނެލިއެވެ.

*********************

ރޫބީއަށް ނަދީމާ ފެނުމުން ލިބުނީ ބޮޑު ހައިރާންކަމެކެވެ. ނަދީމާއަކީ ދުވަހަކުވެސް ފެންނާނެކަމަށް އޭނާ އުއްމީދު ކުރި މީހެއް ނޫނެވެ.

" އެއްކަލަ ޑިނަރ ނައިޓްގަ އަހަރެން ރޫބީ އަދި ދައްތަ ކައިރީގައި ބުނަން އުޅުނު ވާހަކައަކީ މީ..." ނަޖުވާ ބުންނެވެ. " އަހަރެންނާއި މަންމާއާ ދިމާވީ ސައިފްއާއެކު އެރަށުގައި އުޅުނު ދުވަސްކޮޅުގަ..."

" ނަދީމާ ދައްތައަށް ހުރިހާ ވާހަކައެއްވެސް ކިޔައިދީފި.. މާޒީގައި ވީކަމެއްވެ ނިމުނީ.. ނަދީމާ އެނބުރި އައީތީ އަހަރެން އުފާކުރަން.. މުއީންގެ ވަކިވުމަށްފަހު އަހަރެން ހީކުރީ ރޫބީއާއި ނަޖޫ ފިޔަވައި ދެން އަހަރެންގެ އާއިލާ މީހަކު ނެތޭ.. އެކަމަކު އެއީ ގޯސް ހީވުމެއް... އަދި އަމުދުން އާއިލާއަށް މެމްބަރަކު އިތުރުވެފައިވާކަން އެނގުމުން ލިބުނު އުފާ ދެގުނައަށް އިތުރުވެއްޖެ.." ރީނާ ބަލައިލީ ތަންކޮޅެއް ދުރުގައި ޓީވީއިން ކާޓޫނު ބަލަން އިން ނަދީމާގެ ފިރިހެން ދަރިފުޅަށެވެ.

" އެކަމަކު މަންމާ.. މަންމަ ކިހިނެއް މިކޮޅަށް އާދެވުނީ.. މިހެން މިބުނީ މަންމަގެ ފިރިމީހާ....." ނަޖުވާ ބުނަން އުޅުނެވެ.

" ދަރިފުޅު ފުރައިގެން ދިޔަ ފަހުން މަންމަ އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނިން.. ބުނިން އަހަރެންގެ ދަރިފުޅު އަހަރެން ބަލާ އައިއްސިއްޔޭ.. އޭނާ އެކު ދާން ބޭނުމޭ.. އޭނަ އައީ ރުޅި.. މަންމައަށް ވަރަށް އަނިޔާކޮށްލި.. އެދުވަހު ގެއިން ނިކުމެގެން ދިޔަ ގޮތަށް ދެދުވަސް ވީއިރުވެސް އޭނަ ގެއަކަށް ނާދޭ.. ދެދުވަސްފަހުން އޭނަ ފެނުނީ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވަ.. ޑޮކްޓަރުން ބުނީ ޤުދުރަތީ މަރެއް ކަމަށޭ ބެލެވެނީ..." ނަދީމާ ކިޔައިދިނެވެ. " މަންމަ ހުރީ ދަރިފުޅު ކައިރިއަށް އަންނަން ބޭނުންވެފައި.. ދަރިފުޅާ ގުޅާނެ ގޮތެއް ނޭނގިފައި ހުއްޓައި ސައިފް މަންމަ ބަލާ އައީ..."

" ވީކަމެއް ވެދިޔައީ މަންމާ... މަންމަ އެނބުރި އައީތީ އަހަރެން ވަރަށް އުފާވެއްޖެ.." ލޮލުގެ ކަނަކުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ނަޖުވާ ބުންޏެވެ.

" އިރާދަކުރެއްވިއްޔާ ނަޖޫއަށް ހައްޤު ހުރިހާ އުފާލެއް ނަޖޫއަށް ލިބޭނެ..." ހެވިފައި ނަޖުވާއާ ދިމާލަށް ބަލަހައްޓައިގެން އިން ރޫބީ ހިތާހިތުން ބުންޏެވެ.

*******************

" ވަޓް ނޮންސެންސް؟؟ އާކި އަށް އެބަ އެނގޭތަ ތިކިޔޭ އެއްޗެއް..." އައި ރުޅީގައި ހުރާޝާއަށް އިންތަނުން ތެދުވެވުނެވެ. އައްބާސްވެސް އިނީ ދެންމެ އިރުކޮޅެއް ކުރިން އާކިން ދެއްކި ވާހަކަ ޤަބޫލުކުރަން ދަތިވެފައެވެ.

" ޔެސް އާކީ.. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ.. ރޫބީ ކިހާ ދެރަވާނެ އާކި ތިކަހަލަ ކަމެއް ކުރަން އުޅެފިއްޔާ.." އައްބާސް ބުންޏެވެ.

" މަމް.. ބައްޕަ... މީ އަހަރެންނާ ރޫބީއާ ވާހަކަ ދެއްކުމަށްފަހު ނިންމި ނިންމުމެއް.. ދެއަނތްބަށް މީހަކާ އިނުމަކީ ގޯސްކަމެއް ނޫނޭ.." އައްބާސްއާއި ހުރާޝާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން އާކިން ބުންޏެވެ. އެހެންނަމަވެސް ޙުދު އާކިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އޭނާ މިކައިވެންޏަށް އެއްބަސްވީ ހަމައެކަނި ރޫބީއަށްޓަކައެވެ. ރޫބީގެ އުފަލަށްޓަކައެވެ.

" ދެއަނތްބަށް މީހަކާ އިނުމަކީ ގޯސްކަމެއް ނޫން.. އެކަމަކު ތި ޙިޔާރު ކުރި ކުއްޖާ ކަމަކުނުދަނީ.. އެ ނަޖުވާ އަކީ ބައްޕަ ޔަގީން ނުވާ ރަށްމެދަށް ވިހާފައި ހުރި ކުއްޖެއް.." ހުރާޝާގެ އަޑު ބާރުވެގެން ދިޔައެވެ. އެއަޑަށް ކޮޓަރީގައި ތިބި އަރީކާއި ޒޫނީގެ އިތުރުން އަމްރާވެސް ނިކުތެވެ.

" ކިހިނެއްވީ މަމް.. ވަޓްސް ރޯންގް..." އަރީކް އަހައިލިއެވެ.

" ޔޯ ބްރަދަރ ހޭޒް ގޯން ކްރޭޒީ... އާކި އެނަޖުވާ އާ ދެއަނތްބަށް އިންނަން ބޭނުންވަނިއްޔޯ" ހުރާޝާ ބުނެލިއެވެ.

" ވަޓް؟؟؟ " ލިބުނު ހައިރާންކަމުގައި އަރީކް ބުންޏެވެ. ޒޫނީއަށްވެސް ލިބުނު ސިހުމުގައި އަނގަމަތީގައި އަތްއަޅައިލެވުނެވެ.

" ހަމަޖެހިބަލަ ހުރާޝާ.. " އައްބާސް ބުންޏެވެ. އެހިނދު ހުރާޝާ ދެއަތް އުރައިލަމުން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. " ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ އާކީ.. މީހަކަށް ދެރަކަމެއްވީމަ އޭގެ މާނައެއް ނޫނެއްނު އޭނައާ ކައިވެނިކުރާށޭ... ނަޖުވާއަށް ކުދިން ނުވެގެނެއް ނޫނެއްނު މިއުޅެނީ"

" ބައްޕާ ޕްލީޒް.. ދުވަހަކުވެސް އަހަރެންނަށް ކަމެއް ކޮށްދެންޏާ މިކަމަށް އެއްބަސްވެދީ..." އާކިން އެދުނެވެ.

" ސްޓޮޕް ޓޯކިންގް ބުލްޝިޓް އާކި.. މިހާރު ދެން ބައްޕަވެސް ރުޅިއަންނަން ފަށައިފި..." ހަރުކަށިކަމާއެކު އައްބާސް ބުންޏެވެ.

" އާކި އެދައްކަނީ ގޯސް ވާހަކައެއް ނޫން ބައްޕާ.. " އެވީހާއިރު ދޮރުމަތީގައި އެމީހުން ދައްކާ ވާހަކަތައް އަޑުއަހަން ހުރި ރޫބީ ބުނެލިއެވެ. އެހިނދު ހުރިހާ އެންމެންގެ ލޯތައް ރޫބީއަށް އަމާޒުވިއެވެ.

" ރޫބީ ކިހިނެއް ހަދާނަމޭ ހިތަ ތިއުޅެނީ.. ނަޖުވާ ދެކެ ރޫބީ އިންތިހާއަށް ލޯބިވުމުގެ މާނައެއް ނޫން އަހަރެންގެ މައުސޫމު ދަރިފުޅު އޭނާއާ ޝެއާރ ކުރަން ތިނިންމީ.. ޅީދަރިއަކަށް ހަދާފައި އެނަޖުވާ މިގެއަށް ގެންނަން ކީއްކުރަން އެކަހަލަ މުޑުދާރު އަންހެނަކާ ވައިވެސް އެޅެން އަހަރެން ބޭނުމެއްނޫން.." ހުރާޝާ ހަޅޭއްލަވައިގަތެވެ.

" އިނަފް މަންމާ... " ކެތްތެރިކަން ކޮޅުންލައި ރޫބީއަށް ބުނެވުނެވެ. މިފަހަރު ރޫބީ ހުއްޓުވާކަށް އާކިންވެސް ނޫޅުނެވެ. " ވަރަށް ދުވަހު ކެތްކުރެވިއްޖެ އެއްޗެކޭ ނުބުނަން.. ނަޖޫއަކީ މުޑުދާރު ކުއްޖެއް ނޫން.. ކުރި ކުށެއް ކުރީ އޭނާގެ މަންމަ.. ރަށްމެދަށް ވިހާފައި ހުރުމަކީ ނަޖޫގެ ކުށެއް ނޫން.. މިއަދު ނަޖޫއަދި އާކިއާ ދެކޮޅަށް އަހަރެމެން އެކަކަށްވެސް އެއްޗެކޭ ބުނެވޭކަން ނޯންނާނެ.. "

" ރޫބީ ކީކޭ ކިޔަން ތިއުޅެނީ؟ ޤަބޫލުކުރަން ހުރާޝާ ނަޖުވާ ދެކެ އެއަންނަނީ ހައްޤު ރުޅިއެއް ނޫންކަން.. އެކަމަކު ރޫބީއާއި އާކިންވެސް ކުރަން ތިއުޅެނީ ރަނގަޅު ކަމެއް ނޫން.. " އައްބާސް ބުނެލިއެވެ.

" ނޫން ބައްޕާ.. އަދި ކިރިޔާ އަހަރެން ރަނގަޅު ކަމެއް ކުރަން މިއުޅެނީ.. މަންމައާއި ބައްޕައަށްޓަކައި އާކި ވި ޤުރުބާނީ އެނގިއްޖެ ނަމަ ތިހެން ނުބުނާނެ.." ރޫބީގެ އަޑު ކުރެހިގެން ދިޔައެވެ. ހުރާޝާ ދަތްކުޑިވިކައިލިއިރު އައްބާސްއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.

" ކޮން... ޤުރުބާނީއެއްގެ ވާހަކަ ތިދައްކަނީ؟" ހައިރާންވެފައި އައްބާސް އަހައިލިއެވެ.

" މިވާހަކަ ބުނަން މާބޮޑަށް ލަސްވެސް ވެއްޖެ.. އެކަމަކު މިހާރު އެންމެންނަށް މިކަން އެނގެންޖެހޭ.. " ރޫބީ ބުންޏެވެ. " އަހަރެންވެސް އަދި އާކިންވެސް މިކައިވެނި ކުރީ މަޖުބޫރުވެގެން.. އަހަރެންނަށް މަޖުބޫރުކުރީ އަހަރެންގެ ބައްޕަގެ ބަލި ހާލަތު.. އަދި އާކިންއަށް މަޖުބޫރުވީ އާކި މަންމައާއި ބައްޕަދެކެވާ ލޯތްބެއްގެ ސަބަބުން.."

" ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުވާ ގޮތަކަށް ބުނެބަލަ..." ކެތްތެރިކަމެއްނެތި ހުރާޝާ ބުންޏެވެ.

" އާކި އެންމެ ކުރިންވެސް ލޯބިވީ ނަޖޫދެކެ.. ކައިވެނި ކުރަން ބޭނުންވީވެސް ނަޖޫއާ..." ދެލޯ މަރައިލަމުން ރޫބީ ބުންޏެވެ. އައްބާސްއާއި ހުރާޝާއަށް ކިޔާނެ ބަހެއް ނޭނގުނެވެ. ދެމީހުންނަށްވެސް ބަލައިލެވުނީ އިސްޖަހައިގެން ހުރި އާކިންއަށެވެ. ޒޫނީއާއި އަރީކްވެސް ތިބީ ޤަބޫލުކުރަން ދަތިވެފައެވެ. " ނަޖޫ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ސަބަބެއްކަމަށްވެސް ބެލެވެނީ އާކި ދެކެ އަދިވެސް އޭނަވާ ލޯބި.."

" އެއީ ތެދެއް ބައްޕާ.. އަހަރެންނަށްވެސް އެކަން އެނގޭ.. " އަމްރާ ބުންޏެވެ. " ނަޖުވާއަކީ އާކިގެ ފުރަތަމަ ލޯބި.. ބައްޕަމެންނަށްޓަކައި އާކި އެވީ ޤުރުބާނީއަށްޓަކައި މިއަދު ބައްޕަމެން އޭނާގެ އެދުން ފުރިހަމަ ކޮށްދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަންނޭނގެ.."

" ތިކަމެއް ނުވާނެ... ދުވަހަކުވެސް ތިކަމަށް އެއްބަހެއް ނުވެވޭނެ.." މިހެން ބުނުމަށްފަހު ހުރާޝާ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އައްބާސްވެސް އިސްޖަހައިލުމަށްފަހު ވަކި ޖަވާބެއް ނުދީ ހުރާޝާގެ ފަހަތުން ހިނގައިގަތެވެ. އަރީކާއި ޒޫނީވެސް އެމީހުންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" ތެންކްސް ދޮންތާ..." ރޫބީ ބުނެލިއެވެ.

" ޑޯންޓް ތެންކް މީ ރޫބީ.. ރޫބީއާއި އާކި އާ ދޮންތަ އެއްބައިވީ ތިދެމީހުންނަށް ވަރަށް ބޮޑަށް އިތުބާރު ކުރާތީ.. ބަޓް އޮނެސްޓްލީ އައި ޑޯންޓް ތިންކް ޔޫ އާރ ޑުއިންގް ދި ރައިޓް ތިންގް.." މިހެން ބުނުމަށްފަހު އަމްރާވެސް އެތަނުން ދިއުމަށް ހިނގައިގަތެވެ. ދެން ރޫބީ ބަލައިލީ އާކިން އަށެވެ. އެހިނދު އާކިން ރޫބީއަށް ބަލައިލުމެއްވެސް ނެތި ގޮސް ގެއިން ނިކުތެވެ. ތަނުގައި ރޫބީ އެކަނިވުމާއެކު ފުންނޭވައެއް ދޫކޮށްލެވުނެވެ. އެހިނދު އޭނާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. މިނިންމުމަކީ ޙުދު އޭނާއަށްވެސް ފަސޭހަ ނިންމުމެއް ނޫންކަން ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 29 މާރިޗް ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް