ނަޖުވާއަށް އޮތީ ނިދިފައެވެ. ތަންކޮޅެއް ދުރުގައި ހުރި ސޯފާގައި ރޫބީއަށްވެސް ނިދިފައި އޮތެވެ. މުޅިތަން ހިމޭންވެފައިވާ އެވަގުތުގައި ކޮންމެވެސް މީހަކު ނަޖުވާއޮތް ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. މަޑުމަޑުން އެމީހަކު ނަޖުވާ އޮތް އެނދާ ކައިރިވާން ފެށިއެވެ. ނަޖުވާ ކައިރިއަށް ހުއްޓުމަށްފަހު އެމީހަކު ވަރަށް ފުންކޮށް ނަޖުވާގެ މައުސޫމު މޫނަށް ބަލައިލިއެވެ. ނަޖުވާގެ މޫނުގައި ބީހިލަން އުޅެފައިވެސް އެމީހަކު އަތްތިރިކޮށްލިއެވެ. އެހިނދު ނަޖުވާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އެމީހެއްގެ މޫނު ފެނުމާއެކު ފަނޑު ހިނިތުންވުމެއް ނަޖުވާގެ ތުންފަތަށް ވެރިވިއެވެ. ނަމަވެސް ދީފައިވާ ނިދާބޭހުގެ ބާރު ގަދަކަމުން އަނެއްކާވެސް ނަޖުވާއަށް ނިދުނީއެވެ. އެތައް އިރަކު ނަޖުވާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އެމީހާ މަޑުމަޑުން އެތަނުން ނިކުތެވެ.
**************
ރޫބީ ގެއަށް އައީ ނަޖުވާ ގެއަށް ދޫކޮށްލުމުންނެވެ. ރީނާ ކައިރީގައި ވަރަށް ކައިރިން ނަޖުވާއަށް ބެލުމަށް ނަސޭހަތްތެރިވެފައެވެ. ނަޖުވާ ދޫކޮށްލުމުންވެސް ރޫބީގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެކި ކަހަލަ ފިކުރުތައް ރޫބީއަށް އުނދަގޫ ކުރަމުން ދިޔައެވެ. އެންމެންގެ ތެރޭގައި ތިބިނަމަވެސް ރޫބީގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ގިނައިރު އިނދެވެނީ މަޑުމޮޅިވެފައެވެ. ގޭ މީހުންނަށް ހީވީ މާބަނޑުވުމުގެ ފުރަތަމަ ދުވަސްކޮޅު ކަމަސްވުމުން ރޫބީއަށް އައި ބަދަލުތަކެއް ކަމުގައެވެ. ނަމަވެސް އާކިންއަށް ރޫބީ ކޮންމެވެސް ކަމަކާ މާބޮޑަށް ވިސްނާހެން ހީވާން ފެށިއެވެ.
އާކިންއަށް އޮފީހުން އާދެވުނީ ރޭގަނޑު ތަންކޮޅެއް ލަސްވެފައި ހުއްޓައެވެ. އެނދުގައި އަރިއަކަށް އޮތް ރޫބީ އޮތީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ލޯބިވާ އަނބިމީހާ ފެނުމުން ވެފައިވާ ވަރުބަލިކަން ފިލައި ދިޔަ ފަދައެވެ. ފެންވަރާލައިގެން އާކިން ނިކުތްއިރުވެސް ރޫބީ ހަމަ އެގޮތަށް ފޯނާ ކުޅެން އޮތެވެ. ނިދާ ހެދުމެއް ލުމަށްފަހު އާކިންގޮސް އެނދުގެ އަނެއްފަރާތުގައި އޮށޯތެވެ. ރޫބީއާ ތަންކޮޅެއް ކައިރިއަށް ޖެހިލަމުން ރޫބީގެ ބަނޑުގައި އަތްއަޅުވައިލިއެވެ. ރޫބީގެ ކޮލުގައި ބޮސްދިނުމަސްފަހު ނިދަނީ ކޮންއިރަކުންތޯ އަހައިލިއެވެ. ވަކި އެއްޗެއް ނުބުނެ ރޫބީއަށް އާކިންގެ އަތް ދުރުކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ރޫބީ ކަންތައްކުރި ގޮތުން އާކިން ދެރަވިއެވެ.
" އޯކޭ ރޫބީ.. ވަރަށް ދުވަސް ވެއްޖެ ފާހަގަ ކުރެވޭތާ ރޫބީ ކަމަކާ ވިސްނާހެން.. އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ " އެއް އަތް މައްޗަށް ތެދުވެލަމުން އާކިން އަހައިލިއެވެ. އާކިންއާ މެދު ކަންތައް ކުރެވުނު ގޮތުން ހުދު ރޫބީވެސް ދެރަވިއެވެ. އޮތްތަނުން ތެދުވެ ރޫބީ އެނދުގައި ލެގިލިއެވެ. ދެފަރާތުން ބޮލުގައި ހިފަހައްޓައިލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. އާކިންވެސް ތެދުވެ އިށީނެވެ.
" ހެއި... ބުނެބަލަ.. ކޮންކަމެއްތަ ރޫބީއަށް އުނދަގޫ ކުރަނީ.." ރޫބީގެ އަތް ގެނެސް އޭނާގެ އަތު ތެރެއަށް ލަމުން އޯގާތެރިކަމާއެކު އާކިން އަހައިލިއެވެ. ރޫބީ އިރުކޮޅަކު އާކިންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތް އާކިންގެ ކުރިމަތީގައި ހުޅުވައިލައިފިނަމަ ދެންވާނެ ގޮތަކާ މެދު ވިސްނެނީއެވެ.
" ބުނެބަލަ..." އަނެއްކާވެސް އާކިން ބުނެލިއެވެ.
" ހަނދާންވޭތަ އެދުވަހު އަހަރުމެން ކައިރީގައި ޑޮކްޓަރު ބުނި ވާހަކަ.." ރޫބީ ވާހަކަ ދައްކަންފެށިއެވެ.
" ކޮންވާހަކައެއް؟.." ހަނދާންކުރަން މަސައްކަތް ކުރަމުން އާކިން އަހައިލިއެވެ.
" ޑޮކްޓަރު ބުންޏެއްނު ނަޖޫ އަދިވެސް ކުރިން އޭނާއަށް ދިމާވި ހިތާމަ ތަކުން އަރައި ނުގަންނަނީއޭ" ރޫބީ ބުންޏެވެ.
" ހްމްމް ދެން...؟؟" އާކިން ބުންޏެވެ. ހިތުގައިވާ ލަފްޒުތައް ދުލަށް ގެންނަން ރޫބީއަށް އުނދަގޫވަމުން ދިޔައެވެ.
" އައި ތިންކް... ނޫން.. އަހަރެންނަށް ޔަގީން އަދިވެސް ނަޖޫ އާކި ދެކެ ވަރަށް ލޯބިވާކަން.. ހަނދާންވޭތަ އެރޭ އަހަރެން ބުނީމެއްނު އާކި ކައިރީގައި ނަޖޫ ވަރަށް ގިނައިން އަހަރެމެން ދެމީހުންނާ ދިމާލަށް ބެލިއޭ.. އޭގެ އަނެއްދުވަހު ނަޖޫ އަމިއްލައަށް މަރުވަން މަސައްކަތް ކުރީ.. " ރޫބީ ބުންޏެވެ.
" ދެން ކީކޭ ރޫބީ ބުނަން ތި އުޅެނީ؟ ނަޖުވާ މަރުވަން މަސައްކަތް ކުރީ އަހަރެންގެ ސަބަބުންނޭތަ؟" އޭނާއަށް ހީވާގޮތަކަށް އާކިން އަހައިލިއެވެ.
" ހަމައެކަނި އާކިންގެ ސަބަބަކުން ނޫން.. އަހަރެންވެސް މީ ކުށްވެރިއެއް.. އަހަރެންގެ ސަބަބުން ނަޖޫގެ މުޅި ދިރިއުޅުން ބަރުބާދުވީ.. ނަޖޫ ޑޯންޓް ޑިޒާވް ދެޓް..." ރޫބީއަށް ރޮވުނެވެ.
" ވީކަމެއް ބަދަލެއް ނުކުރެވޭނެ ދެން ރޫބީ.. ތިކަމާ އަމިއްލަ ނަފްސު ކުށްވެރިކޮށްގެން ފާނެ އެއްވެސް ފައިދާއެއް ނެތް.. ތިކަންކަމާ މިހާރު އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް..." އާކިން ބުނެލިއެވެ.
" ނޫން އާކި.. އަހަރުމެންނަށް ކުރެވޭނެ ކަންތައް އެބަހުރި.. އަހަރުމެންނަށް ނަޖޫއަށް ކޮށްދެވޭނެ ކަމެއް އެބައޮތް.. " އާކިންގެ މޫނަށް ވަރަށް ފުންކޮށް ބަލައިލަމުން ރޫބީ ބުންޏެވެ. " އާކި ޤަބޫލުވިއްޔާ ވަރަށް ބޮޑު ކަމެއް އަހަރުމެންނަށް ކޮށްދެވިދާނެ.."
" ކޮންކަމެއް؟.." އާކިންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ރޫބީ އާކިންއާ ނަޒަރު ވަކިކޮށްލިއެވެ. ހަތަރުކަޅި ހަމަކޮށް ބުނަން އުޅޭ ބަސް ނުބުނެވިދާނެތީއެވެ.
" އާކި.. އާކި... އާކި ނަޖޫއާ... ދެ.. ދެއަނތްބަށް އިންނަންވީނު..." ދެލޯ މަރައިލަމުން ރޫބީ ބުންޏެވެ. އާކިންއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ރޫބީ އެފަދަ އެއްޗެއް ބުނެދާނެކަމަށް އޭނާއަށް ހީކުރެވިފައެއް ނެތެވެ. އާކިން ރޫބީ އަތުން ދޫކޮށްލީ ކުއްލިއަކަށެވެ.
" ހޭވް ޔޫ ގޯން ކްރޭޒީ... ކީކޭތަ ތިކިޔަނީ؟" އާކިން ހިތްހަމަނުޖެހިފައި ބުންޏެވެ.
" ފިރިހެނަކަށް ދެއަނބިން ހުއްދަ.. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް އާކި ނަޖޫއާ އިނަސް.. އަހަރެން ވަރަށް އުފާވާނެ އާކި އާ ނަޖޫ މެރީ ކުރިއްޔާ... " ރޫބީ ބުންޏެވެ.
" ހަމަ ރަނގަޅަށްވެސް މޮޔަވެފަ ތިހުރީ.. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން.. " އާކިން ބުންޏެވެ.
" އަހަރެންނަށްވެސް އެނގޭ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫންކަން.. ދެއަނތްބަށް މީހުންނާ އިނުމަކީ ގޯސްކަމެއް ނޫން.. އާކި މިކަމަށް އެއްބަސްވިއްޔާ ނަޖޫގެ ހަޔާތް އަލުން އާބާދުވެގެން ދާނެ.. އެއީ އާކިއަށް ނަޖޫއަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއް.." ރޫބީގެ ދެލޯ ފެންކަޅިވިއެވެ.
" ނަޖޫގެ ހަޔާތް އާބާދުވެދާނެ.. ދެން ރޫބީ.. ރޫބީއަށް ކެތްވާނެތަ؟" އާކިން އަހައިލިއެވެ.
" އަހަރެންނަށް ކެތްވާނެތީ ދޯ މިބުނީ.. އާކި ޕްލީޒް އަހަރެންނަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ މިކަމަށް އެއްބަސްވެދީ.. އެކަމުން އެއްވެސް މީހަކަށް ވާނެ ގެއްލުމެއް ނޯންނާނެ..." ރޫބީ ބުންޏެވެ.
" ތީ ތިބުނާހާ ފަސޭހަކަމެއް ނޫން ރޫބީ... ޔޫ ނޯވް ވަޓް.. އަހަރެން މިރޭ ނިދާނީ ބޭރުގައި.. ރޫބީގެ ސިކުނޑި ހަމަޔަކަށް އެޅުނީމައި އަހަރެން އެނބުރި އަންނާނަން..." އާކިން އެނދުމަތިން ފައިބަމުން ބުންޏެވެ. ނަމަވެސް އާކިން ކޮޓަރިން ނިކުތުމުގެ ކުރިން ރޫބީ ގޮސް އާކިންގެ ކުރިބެއްދިއެވެ.
" އާކި ޕްލީޒް... އަހަރެންނަށް އެނގޭ އާކި އަހަރެންދެކެ ވަރަށް ލޯބިވާކަން.. އަހަރެންވެސް އާކި ދެކެ ވަރަށް ލޯބިވޭ.. އެކަމަކު ޤަބޫލުކުރަންޖެހޭ ނަޖޫވެސް އާކި ދެކެ ވަރަށް ލޯބިވާކަން.. އާކި ނުލިބުނިއްޔާ ނަޖޫ އަހަރެންނަށް ގެއްލިދާނެތީ އަހަރެން ބިރުގަނޭ.. ނަޖޫއަށް ދިމާވި ކޮންމެ ކަމަކީ އަހަރެންގެ ސަބަބުން ދިމާވި ކަންތައްތަކެއް.. ނަޖޫ އަމިއްލައަށް މަރުވަން މަސައްކަތްކުރިފަހުން އަހަރެން ހިތަކަށް ހަމަޖެހުމެއް ނުލިބޭ.. ކުށްވެރިކަމުގެ އިހުސާސުން އެތައް މަރަކުން އަހަރެން މިދަނީ މަރުވަމުން.. އާދޭސްކޮށްފަ ބުނަން އާކި.. އަހަރެންގެ ދެކެވާ ލޯބީގެ ހައްޤުގައި ނަމަވެސް މިކަމަކަށް އެއްބަސްވޭ.. ޕްލީޒް ޕްލީޒް..." އާކިންގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްގެން ހުރެ ރޫބީ ރޮމުން ދިޔައެވެ. އެމަންޒަރު ބަލާކަށް އާކިންއަށް ކެތެއް ނުވިއެވެ. އެހާލަށް ރޫބީ ދޫކޮށްލާފައި ދާން އޭނާގެ ހިތްދެކޮޅުހެދިއެވެ. އާކިން ވަކި ޖަވާބެއް ނުދިނެވެ. އެހެންނަމަވެސް ރޫބީ ގެނެސް އޭނާގެ އަތު ތެރޭގައި ފިއްތައިލިއެވެ. ރޫބީ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން އޭނާގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ އާކިން ހުއްޓެވެ.
*********************
ޓީވީ ހުޅުވާފައި ހުރިނަމަވެސް ނަޖުވާގެ ހިޔާލުތަކާއި ފިކުރުތައްވަނީ މުޅިން އެހެން ދިމާލެއްގައެވެ. ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން އިންއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. އެކި ބާވާތުގެ މޭވާ ކޮށާފައި ހުރި ތައްޓަކާއި ޖޫސްތައްޓެއް ގެނެސް ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ރީނާ ބެހެއްޓިއެވެ. ގެއަށް ގެނައި ފަހުން ނަޖުވާ ކައިބޮއެ ހަދަނީ ވަރަށް މަދުންނެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް ވީނަމަވެސް ނަޖުވާއާ އެސުވާލުތައް ކުރިމަތިކުރާކަށް ރީނާ ބޭނުމެއްނުވިއެވެ.
" ނަޖޫ ކާލަބަލަ މީގެއިން އެތިކޮޅެއް.." ނަޖުވާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ރީނާ ބުންޏެވެ. ނަޖުވާ އެހެން އިނދެ ދެފަރާތަކަށް ބޯހޫރައިލިއެވެ.
" ނަޖޫ ނުކައި އިންނަންޏާ މާބޮޑަށް ބަލިވެދާނެ.. އަނ!! ދައްތަ އަތުން ކާލަބަލަ.." ސަމްސާ ނަޖުވާގެ އަނގަޔާ ކައިރިކޮށްލަމުން ރީނާ ބުންޏެވެ. އެހިނދު ނަޖުވާ ރީނާއާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ދެލޯ ފުރިގެން އައިތަން ފެނި ކިހިނެއްވީތޯ ރީނާ ސުވާލުކުރިއެވެ.
" ދައްތަ ނާހާނަންތަ އަހަރެން އެކަހަލަ ގޯސް ކަމެއް ކުރީ ކީއްވެގެންތޯ؟ " ކުރެހިފައިވާ އަޑަކުން ނަޖުވާ އަހައިލިއެވެ. ނަޖްވާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ރީނާ އިނެވެ. އެއްޗެއް ބުނަން އުޅުނު ވަގުތު ރީނާއަށް ސަމާލުކަންދެވުނީ ދޮރު ރަނގަބީލުވާ އަޑު އިވިފައެވެ. ދޮރު ހުޅުވަން ދިޔައީ ރީނާއެވެ. ކޮޓަރިއަށް ދިޔުމަށް ނަޖުވާ ތެދުވީވެސް އެވަގުތުއެވެ. ދޮރުހުޅުވާލި ދިމާލަށް ނަޖުވާއަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ. އޭނާއަށް ހުއްޓެން މަޖުބޫރުވީ ރީނާގެ ފަހަތުން ފެނުނު މޫނެއްގެ ސަބަބުންނެވެ. އިތުރު ހަރަކާތެއް ނުކުރެވެނީސް ސައިފްގެ މޫނު ނަޖްވާއަށް ފެނިއްޖެއެވެ. އެހިނދު ސައިފް އިސްޖަހާލިއެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން ވަކި ހިސާބަކަށް ނުދެވެނީސް ސައިފްގެ ފަހަތުން ނިކުތް ނަދީމާއާއި ކޮއްކޮ ފެނުނެވެ. ސައިފްގެ މޫނުން ނަޖްވާގެ ސަމާލުކަން ކެނޑި އިސާހިތަކު ނަޖްވާގެ މޫނުމަތީގައި ކުލުނުވެރިކަމެއްގެ ކުލަ ފާޅުވެލިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ނަޖްވާ ނަދީމާގެ ގައިގައި ބައްދައިލިއެވެ. ނަޖްވާގެ ބުރަކަށީގައި ނަދީމާގެ ދެއަތުން ފިރުމަމުން ދިޔައިރު މައިވަންތަ ކުލުނު ނަދީމާގެ ހިތުގައި އުތުރި އަރަމުން ދިޔައެވެ.
އެހުރިހާއިރު ނަދީމާގެ މޫނަށް ބަލަހައްޓައިގެން ހުރި ރީނާގެ ބެލުން ނަދީމާގެ ލޮލުގައި އަޅައިގަތް ހިނދު ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަޖްވާ ގަޔާ ދުރުކޮށްލާފައި މޫނުގައި ފިރުމާލުމަށްފަހު ނަދީމާ ކުރިއަށް އެއްފިޔަވަޅު އަޅާފައި ރީނާގެ ދެއަތް ތިލައިގައި ހިފަހައްޓައިލިއެވެ. ހައިރާންވެފައި ރީނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
" މީ އަހަރެންގެ މަންމަ ދައްތާ... ދައްތަމެންގެ ނަދީމާ..." ރީނާއަށް ވެފައި ހުރިގޮތް ފެނި ނަޖުވާ ބުނެލިއެވެ.
" އެތެރެއަށް ވަންނާކަށް ނުބުނާނަންތަ ރީނާ..." ނަދީމާ ބުނެލިއެވެ. " އެނގޭ މިވަގުތު ތިހިރީ ވަރަށް ބައިވަރު ސުވާލު ހިތުގައި އުފެދިފައިކަން.. "
" ކިހިނެއް؟ ނަޖޫއާ ކިހިނެއް ދިމާވީ...؟ " ހައިރާންވެފައި ހުރި ރީނާ އަހައިލިއެވެ.
އެތަނުގައި ހުރުމުގެ ބޭނުމެއް ނެތުމުން ސައިފް އެތަނުން ދިއުމަށް ހިނގައިގަތެވެ. ހަނި މަގު އޮތް ގޮތަށް ސައިފް ހިނގާފައި ދިޔައީ އޭނާގެ ސައިކަލާ ދިމާލަށެވެ. ނަޖުވާއާ ހިސާބަށް އޭނާގެ މަންމަ ގެނެސްދެވުނީތީ އެކަމާ ސައިފް ހުރީ އުފަލުންނެވެ. ސައިކަލަށް އަރަން ދިމާކޮށްލި ވަގުތު އިވުނު އަޑަކުން ސައިފްގެ ދެފައިގާ ކަސްތޮޅު އެޅެވުނު ކަހަލައެވެ. މަޑުމަޑުން އެދިމާލަށް އެނބުރުމާއެކު އޭނާއާ ދިމާލަށް ދުވެފައި އަންނަ ނަޖުވާ ފެނުނެވެ. އެއައި ގޮތަށް ނަޖުވާ އޭނާގެ ގައިގައި ބައްދައިގަތެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ސައިފަށް ހުރެވުނީ ލިބުނު ޝޮކުގައެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ 24 މާރިޗް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް