ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަސްދޮޅަސް ނުވަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... "ތިކަހަލަ ކަންތައްތަކަކީ ކުދިކުދި ކަންތައްތަކެއް ނޫން.... ތިކަހަލަ ކަންތައްތަކާ އުޅެވޭ ވަރަށްވުރެ އަހަންމާބޭ މިހިރީ މުސްކުޅިވެފަ.... ގައިބާރުދާ ހިސާބަށް ގޮއްސަ... އެއްލޯ އަނދި...

27 Feb 2024 | 08:21

ކުރީގެ އަދަދާއި ގުޅޭ....

"ތިކަހަލަ ކަންތައްތަކަކީ ކުދިކުދި ކަންތައްތަކެއް ނޫން.... ތިކަހަލަ ކަންތައްތަކާ އުޅެވޭ ވަރަށްވުރެ އަހަންމާބޭ މިހިރީ މުސްކުޅިވެފަ.... ގައިބާރުދާ ހިސާބަށް ގޮއްސަ... އެއްލޯ އަނދިރިވެފަ.... އެކަމަކު ގޮތެއްވޭތޯ ބަލާދޭނަން... ތިވާހަކަ އިތުރު އެއްވެސް މީހަކަށް އިނގޭނެތަ...؟" އަހަންމާބޭ ސުވާލުކޮށްލިއެވެ.

"ނާޞިރަށް އެނގޭނީ... އިތުރު އެއްވެސް މީހަކަށް އަދި ނޭނގޭނެ..." ނާޞިރާ ދިމާއަށް ބަލާލުމަށްފަހު ޚާލިދު ބުނެލިއެވެ.

"ރަނގަޅު...! އިތުރު އެއްވެސް މީހެއް ކައިރީގައި ތިވާހަކަ ނުދައްކާތި....! ތިކަހަލަ ކަންތައްތަކުގެ ވާހަކަ މީހުން ކައިރީގައި ދައްކާ އެއްޗެއްނޫން... ސިއްރެއްގެ ގޮތުގަ ބާއްވައިގެން ކުރާކަމެއް ކުރަންޖެހޭނީ...." އަހަންމާބޭ ބޯ ކަހާލަމުން ބުނެލިއެވެ.

"ދެން މިކަމުގަ ކިހިނެތް ހަދަންވީ...؟ ގޭތެރޭގަ އުޅޭއިރު އަބަދު ސިހިސިހި ހުރެވެނީ... އޭނަ ގޭތެރެއިން ފެނުނީމަ ބިރުން ތުރުތުރުއަޅާ... މިހާރު އޭނައަށްވެސް މިކަން ފާހަގަވާ ވަރުވާނެ ކަންނޭނގެ..." އަހަންމާބެއާ ދިމާއަށް ބަލަންއިނދެ ޚާލިދު ބުނެލިއެވެ.

"ދެން އަކަމާ އެހާބޮޑަށް ނުވިސްނާ....! ވިސްނި ވިސްނިހެން ކަންތައް ގޯސްވާނީ... މާދަމާރޭ ޢިޝާ ނަމާދުން ފައިބައިގެން މިގެއަށް އާދޭ އިނގޭ... މާދަމާރޭ ދޭނަން ދުޢާ އެއް... ކޮންމެ ދުވަހަކު ދެފަހަރު އެދުޢާ ކިޔާފަ ފެންފޮދެއް ބޯލާތި...!"' އަހަންމާބޭ ތެދުވަމުން ބުނެލިއެވެ.

"އެންމެ ރަނގަޅު...! ދެން އެހެންވީމަ އަހަރުމެން ގޮސްލާނަން... މާދަންރޭ ޢިޝާ ނަމާދުން ފައިބައިގެން މިގެއަށް އަންނާނަން.... ތެދަށް ބުނަންނާ ބުނެވޭނީ އަހަރެން މިހުންނަނީ މިކަމާ ބިރުންގޮސް ހަލާކުވެފައޭ... އެއްވެސް ކަމެއްވެސް ކުރެވެނީކީ ނޫން... އަބަދު ހިތުގަ އޮންނަނީ އެކަން... އަނެއްކާ ނިދާއިރަށް ހުވަފެނުންވެސް ފެންނަނީ...." ޚާލިދު ހިނގައިގަންނަމުން ބުނެލިއެވެ.

"ތިކަމާ ހާސްނުވޭ... އިރާދަކުރެއްވިއްޔާ ތިކަން ރަނގަޅުވާނެ..." ޚާލިދުއާ ނާޞިރު އާ ސަލާން ކޮށްލަމުން އަހަންމާބޭ ބުނެލިއެވެ.

ދަންވަރުގެ ވަގުތެވެ. ނާޝިދު އޮތީ އެނދުމަތީގައި އޮށޯވެލައިގެން ނިތްކުރިމަތީގައި އަތްބާއްވާލައިގެންނެވެ. ކުއްލިއަކަށް ނާޝިދު ސިހިގެންދިޔައީ ހުމޭދާގެ ކުކުރުމުގެ އަޑަށެވެ. ހުމޭދާ ބޮލުގައި ރިއްސާތީ ބޮލުގައި އަތް އަޅައިގެން ކުކުރާލަ ކުކުރާލަ އޮތެވެ. ނާޝިދު ހުމޭދާއާ ދިމާއަށް ބަލާލުމަށްފަހު މައްޗަށް ބަލަހައްޓައިގެން އޮތެވެ. އޭރުވެސް ހުމޭދާ ބޮލުގައި ރިއްސާތީ ނިތްކުރީގައި އަތް އުނގުލަމުން ގިސްލަމުން ގެންދިޔައެވެ. އެހެންނަމަވެސް ހުމޭދާ އާ ޖެހިގެން އޮތް ނާޝިދަށް މިއަޑު އިވޭހެނެއް ހީއެއްނުވެއެވެ. ނާޝިދު އޮތީ ނިތްކުރިމަތީގައި އަތްބާއްވާލައިގެން މައްޗަށް ބަލަހައްޓައިގެންނެވެ. ނާޝިދުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ވަރުބަލިކަމާއި، ހިތްދަތި ކަމުގެ އަސަރެވެ.

އެވަގުތު ޚާލިދުވެސް އޮތީ ނިދިނައިސްގެންނެވެ. ކުއްލިއަކަށް އެހެން އޮވެފާ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލިއިރު ގަޑިން ދަންވަރު އެއްގަޑި ބައިވީއެވެ. ޚާލިދު އެއޮތްގޮތަށް އޮވެ މަޑުމަޑުން ހަސީނާއަށް ބަލާލިއެވެ. ހަސީނާ އޮތީ ނިދާފައިކަން ކަށަވަރުކޮށްފައި ޚާލިދު މަޑުމަޑުން އެދުން ތެދުވިއެވެ. ތެދުވެގެން އަލަމާރި ކައިރިއަށްގޮސް އަލަމާރި ހުޅުވާލުމަށްފަހު ޓީޝާޓެއް ނަގައިގެން އެޓީޝާޓު ލައިގެން އަދިވެސް އެއްފަހަރު ޙަސީނާއަށް ބަލާލިއެވެ. ހަސީނާ އޮތީ ނިދާފައެވެ. ޚާލިދު ކޮޓަރިން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. އެވަގުތު ނިދާކަމަށްހަދައިގެން އޮތް ހަސީނާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ޚާލިދު މަޑުމަޑުން ގޯތިތެއަށް ނުކުމެ މައްޗަށް ބަލާލިއެވެ. އަދި އެއަށްފަހު ދެއަތް މައްޗަށް ނަގައިގެން ހުރެ ދުޢާއެއް ކޮށްލުމަށްފަހު މޫނުގައާއި ބޮލުގައާއި މުޅިހަށިގަނޑުގައި އަތްހަކާލިއެވެ. ދެން ޚާލިދު ބޭރަށް ނުކުތީ ވައިޖައްސާލުމަށެވެ. އެވަގުތު ބޭރު ދޮރާށި ދޮށުން ދެމީހަކު ވާހަކަ ދައްކާއަޑު އިވިގެން ޚާލިދު ދޮރާށިން ބޭރަށް ބޯދިއްކޮށްލުމަށްފަހު ބޭރު ބަލާލިއެވެ. އޭރު ތަންކޮޅެއް ދުރުގައި އަހަންމާބޭ މީހަކާ ވާހަކަ ދައްކަން ހުއްޓެވެ. އަހަންމާބެއަށް ޚާލިދު ފެނުމާއެކު އަތުން ހަނާއަޅާލުމާއެކު ޚާލިދު އަހަންމާބޭ ގާތަށް ދިޔައެވެ.

"އަހަންމާބޭ މިހާ ލަސްގަޑިއެއްގައި މިހިސާބަށް އައިސް ކީއްތިކުރަނީ...؟" އަހަންމާބެއާ ސަލާން ކޮށްލަމުން ޚާލިދު ސުވާލުކޮށްލިއެވެ.

"ލަސްގަޑިއެއްގަ ނޫނޭ އައީކޭ... އިރާކޮޅު މިތާހުރި ގެއަކަށް ކަމެއްކޮށްލަދޭން ވެގެން އައީ... އެކަމަކު އެހެން އިންދަ ގަޑިދިޔަ ނުދިޔަ ގޮތެއްވެސް ނޭނގުނު... އެހެންވެ ގެއަށްދާން މިނުކުތީ.... އެގޭ ކުއްޖާ ސައިކަލުގައި ގެއަށް ލާދޭންދާން އަންނާނަމޭ ބުނީމަ މިތާހުއްޓާ ރައްޓެސަކާ އެދިމާވީ...." އަހަންމާބޭ، ޚާލިދުގެ ކޮނޑުގައި ހިފައިގެން ހުރެ ވާހަކަ ދެއްކިއެވެ.

"އެހެންތަ...؟ މަވެސް ބޭރަށް ނުކުތްއިރު މިތާ ބަޔަކު ވާހަކަ ދައްކާއަޑު އިވެގެން ބަލާލަން މިނުކުތީ...." ޚާލިދު ބުނެލިއެވެ.

"ކޮބާ އެކަންތައް ކިހިނެތްދަނީ...؟" އަހަންމާބޭ ސުވާލުކޮށްލިއެވެ.

"ހަމަ ކޮންމެ ރެއަކުވެސް ދޭއް ޖަހާއިރު އޭނަ ނުކުންނާނެ... އަނެއްކާ އޭނަގެ ސަބަބުން އަހަރުމެންނަކަށް އެއްވެސް ކަމަކާ ދިމައެއް ނުވާނެބާ...؟" އަހަންމާބޭގެ ކޮނޑުގައި އަތްޖައްސާލަމުން ޚާލިދު ބުނެލިއެވެ.

"ކޮބާ... އަހަރެން މިރޭ ފޮނުވި ދުޢާ ކިޔާފަ އަހަރެންބުނި ގޮތަށް ކަންތައް ކުރިންތަ..."؟ އަހަންމާބޭ ސުވާލުކޮށްލިއެވެ.

"އާނ... އަހަންމާބޭ ބުނިގޮތަށް އެކަން އެބަ ކުރިއަށް ގެންދަން...! އެކަމަކު އޭނަ ފެންނައިރަށް އަހަރެން ހާދަ ބިރެއް ގަނެއޭ....! ބިރުން ގޮސް ތުރުތުރު އަޅައަޅަ ހުންނަނީ...." ޚާލިދު އަހަންމާބޭގެ އަތުގައި ހިފައިގެންހުރެ ވާހަކަ ދެއްކިއެވެ.

"ބުނަން ރަނގަޅު ވާހަކައެއް...؟ ބިރުން އުޅެގެން މިކަހަލަ ކަންކަމެއް ނުވާނެ... ވަރަށް ހިތްވަރާއެކު ކުރިމަތިލައިގެން ވާކަހަލަ ކަންކަން މިހުންނަނީ... އަހަރެން ބުނާގޮތަށް ކަންކަން ނުކުރެވެންޏާ މިކަމާ ކުރިމަތިލާނެ ކަމެއްނެތް...! ޔަޤީން އޭރުން މިކަން ކާމިޔާބެއް ނުވާނެކަން..." މުހަންމާބޭ ބުނެލިއެވެ.

ނޫނޭ.. އަހަންމާބޭ ބުނާ ކަންމެ ކަމެއްވެސް ބުނިގޮތަކަށް ކުރެވޭތޯ އަހަރެން މަސައްކަތް ކުރާނަން. އަހަންނަށް އިނގޭ މިކަމުން ސަލާމަތްވާން އޮތީ މިކަން ކޮށްގެންކަން....! ދެން ކިހިނެތް އަހަރެން ހަދަންވީ...؟ ޚާލިދު އަހަންމާބޭ އާ ދިމާއަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.

އެވަގުތު ކުއްލިއަކަށް ވައިގަދަވާން ފެށިއެވެ. އުޑުމަތީގައި ވިއްސާރަ ވިލާތައް މަޑުމަޑުން ބޯވެ ޖައްވު ތެރޭގައި ތެތްފިނިކަމުގެ އަސަރު ފެންނަން ފަށައިފިއެވެ.

ވިއްސާރަ އަންނަނީ ކަންނޭނގެ... އަހަންމާބޭ ދާންޖެހޭނީވެސް ރަށުގެ އަނެއްކޮޅަށް...! ކިހިނެތް ހަދަނީ...؟ މިރޭ އަހަރުމެން ގެއަށް ދާންވީނު..." އުޑުމައްޗަށް ބަލަންހުރެ ޚާލިދު ވާހަކަ ދެއްކިއެވެ.

"ތިގެޔަށޭ... ނޫނޭ އެއްގޮތަކަށްވެސް ކަމަކު ނުދާނެ... މިހާރުވެސް މިފެންނަކީ އެކަމުގެ އަސަރުހެން މަށަށް ހީވަނީ... އޭނައަށް އެނގިއްޖެ ކަންނޭނގެ ޚާލިދު ކޮންމެވެސް ކަމެއް ކުރަން އުޅޭކަން....! އެހެންވީމާ ދެން މިރޭ ރަނގަޅުވާނީ ގެއަށް ގޮއްސަ ކުޑަކޮށް ފޮތްތައް ބަލާލައިގެން މާދަންރެޔަށް ތައްޔާރުވީމަ..." އަހަންމާބޭ އެކިފަރާތް ފަރާތައް ބަލާލަމުން ބުނެލިއެވެ.

ކިހިނެތްވީ...؟ ކަމެއް ގޯސްވީތަ...؟." އަހަންމާބޭ އެކިއެކިދިމާއަށް ބަލަން ފެށުމުން ޚާލިދު ސުވާލު ކޮށްލިއެވެ.

"ހީވަނީ....! ހީވަނީ ކަމެއް ގޯސްވާން އުޅެނީހެން...! ދެން މިރޭ އަވަހަށް ގެއަށްކަންނޭނގެ ދާންވީ...! ޚާލިދުވެސް ދެން ގެއަށްދާންވީނު...! މާދަންރޭ އަހަރުން ގެއަށް އަންނާނީ....! މަ ފަހުން ބުނާނަން އަންނަންވީ ގަޑިއެއް..." ޚާލިދު އާ ދިމާއަށް ބަލަންހުރެ އަހަންމާބޭ ބުންޏެވެ.

އެވަގުތު ކުއްލިއަކަށް ވަރަށް ބޮޑަށް ވިދާލުމަށްފަހު، އަހަންމާބޭ މެންތިބި ހިސާބާ ވަރަށް ކައިރީގައި ހުރި ގަހެއްގެ މައްޗަށް އެއްޗެއް ވެއްޓުނުއަޑު ކަހަލަ ބާރުއަޑެއް އިވިގެންދިޔައެވެ. އެވަގުތު ގަހުގައި ނިދަންއަރާތިބި ދޫނިސޫފާސޫފި އެކި އަޑުއަޑުން ގޮވަމުން ގަހުން އުދުއްސައިގެންފިއެވެ. ޚާލިދު ދިޔައީ ސިއްސައިގެންނެވެ.

"މިތަން ވަރަށް ނާމާން ވެއްޖެ... ޔަޤީން ކޮންމެސް ކަމެއް ހިނގަން ފަށައިފި.. އަވަހަށް ހިނގާ ދާން...." ހިނގައިގަންނަމުން އަހަންމާބެ ބުނެލިއެވެ.

"އެކަމަކު، އަހަންމާބޭ ގެއަށްދާނެ ގޮތެއް ނެތެއްނު...! ކިހިނެތް ހަދާނީ...؟ އަހަންމާބޭ ގެއަށްލަދޭން އަހަރެން ދާންވީތަ...؟ ޚާލިދު ސުވާލުކޮށްލިއެވެ.

ނޫން...! ޚާލިދުވެސް މިވަގުތު ބޭރުގަ އުޅުން އެހާ ރަނގަޅެއް ނުވާނެ...! އަވަހަށް ގެއަށްދޭ.... ގެއަށްވަދެފަ މަ ފޮނުވި ދުޢާ އުޑުފެންނަ ތަނެއްގައި ހުރެގެން ކިޔާލާފަ މުޅިގައިގައި އަތް އުނގުޅާފާ ގެއަށް ވަންނާތި...! އޭރުން އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. އެއީ ވަރަށްބޮޑު ހަށިރައްކަލެއް..." އަހަންމާބޭ ކުރިއަށް ހިނގަމުން ވާހަކަ ދެއްކިއެވެ.

"ދެން އަހަންމާބޭޔޯ...." އަހަންމާބެއަށް ބަލާލުމަށްފަހު ޚާލިދު ބުނެލިއެވެ.

"އެއަންނަނީ އަހަރެން ގެއަށްލާދޭން އަންނަ ކުއްޖާ... އޭނައާއެކު އަހަރެން ދާނީ... އަހަރެންގެ އަތުގައިވެސް ހަށިރައްކަލަށް ހަދާފަހުރި ކިތަންމެ އެއްޗެއް އެބަހުރި...." އަހަންމާބޭ އަތުގައި އަޅާފައިއޮތް ބޮޑު އަނގޮޓިއަށް ބަލާލަމުން ބުނެލިއެވެ.

"ހާދަ ރީތި އަނގޮޓިއެއް....؟" އަނގޮޓިއަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.

"އާނ..! މިއީ ހަމައެކަނި ރީތި އަނގޮޓިއެއް ނޫން... މީ އަހަރެންގެ ފުރާނަ...! މިއަނގޮޓި އަތުން ބާލާ ހަމައެކަނި ވަގުތަކީ ނަމާދުކުރަން ވުޟޫކުރާ ވަގުތާ، ނަމާދު ކުރަން އެ ހޭދަވާ ވަގުތުކޮޅު... އެހެން ހުރިހާ ވަގުތެއްގައި މިއަނގޮޓި އިނގިލީގައި އޮންނާން..." އަހަންމާބޭ ކައިރިއަށް އައިސް ހުއްޓާލި ސައިކަލަށް އަރާ އިށީންނަމުން ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 29 ފެބްރުއަރީ 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް