ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަސްދޮޅަސް އަށްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ތިއީ ވަރަށް ނުރައްކާ ކަމެއް... މީހަކު ހުންނަ ގޮތަކުން ކިހިނެތް އިނގޭނީ... އެކަމަކު އޭނަ އުޅެނީވެސް ހާދަ ރަނގަޅަށޭ... އަނެއްކާ ހުމޭދާ ދެކެ އެހާ ލޯބިވެސްވޭ... ކާކު ޤަބޫލު ކުރާނީ...

25 Feb 2024 | 06:20

ކުރީގެ އަދަދާއި ގުޅޭ...

"ތިއީ ވަރަށް ނުރައްކާ ކަމެއް... މީހަކު ހުންނަ ގޮތަކުން ކިހިނެތް އިނގޭނީ... އެކަމަކު އޭނަ އުޅެނީވެސް ހާދަ ރަނގަޅަށޭ... އަނެއްކާ ހުމޭދާ ދެކެ އެހާ ލޯބިވެސްވޭ... ކާކު ޤަބޫލު ކުރާނީ ތިކަހަލަ ކަމެއް ވެދާނެ ކަމަށްވެސް... ދެން ކިހިނެތް ހަދާނީ...؟ ތިކަމުން އެމަންޖެ ސަލާމަތް ކުރަންޖެހޭނެ...! އަހަރުމެންވެސް ތިކަމުން ސަލާމަތްވާނެ ގޮތެއް ހަދަން ޖެހޭނެ...." ނާޞިރު ވިސްނަން އިނދެ ވާހަކަ ދެއްކިއެވެ.

"އަހަރެން މިހުންނަނީ ހަމަ ސިކުނޑި ސުމަކަށް ގޮއްސަ...! ހަދާނެ ގޮތެއްވެސް ނޭނގިފައި... ނާޝިދު ކުރިމައްޗަށްވެސް އަރަން ނުކުރިފަ..." ޚާލިދު އިސްދަށަށް ޖަހައިގެން އިނދެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ތިކަން ހަސީނާއަށް އެނގޭތަ...؟" ނާޞިރު ސުވާލު ކުރިއެވެ.

"އެއްވެސް މީހަކަށް ނޭނގޭނެ... ކިހިނެތް މީހެއް ކައިރީގައި މިވާހަކަ އަހަރެން ބުނާނީ...؟ ކާކު ޤަބޫލު ކުރާނީ އިންސާނެއްގެ ސިފައިގައި ގެއަށް އައިސް ޖިންނިއެއް އުޅެދާނެ ކަމަށް...! ކިހިނެތް ދެން މިކަމުގައި ހަދާނީ...؟ ކޮންމެސް ޚިޔާލެއް ދީބަލަ...! ދެންމެ ނާޝިދު ފެނުނީމަވެސް އަހަންނަށް ނުކެރުނު އޭނައާ ދިމާއަށް އިސްއުފުލާ ބަލާލާކަވެސް... ކިހިނެތް އޭނައާ ހަތުކަޅި ހަމަކުރާނީވެސް...؟" ޚާލިދު ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ތިހެންބުނީމަ ނާޝިދުގެ ކިބައިން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވޭ.... ޚާލިދު ވެއްޓިގެން އުޅުން ދުވަސްކޮޅުވެސް ފާޑެއްގެ ބޭސްގަނޑެއް ތައްޔާރު ކުރުމާ މިކަހަލަ އެތައް ކަމެއް މިހާރު އެބަ ފާހަގަ ކުރެވޭ... ތިކަމުން އަވަހަށް ސަލާމަތް ވެވޭނެ ގޮތެއް ހޯދަންވީ...." ނާޞިރު ވިސްނަން އިނދެ ވާހަކަ ދެއްކިއެވެ.

"މިކަމުން ސަލާމަތްވާން ކިހިނެތް ހަދާނީ...؟ ކާކުހުރީ މިރަށުގަ އެކަހަލަ ކަމެއް ކޮށްދޭވަރުގެ... އަހަރެން ދަންމަ މީހަކުވެސް ނުހުންނާނެ...!" ޚާލިދު، ނާޞިރު އާ ސުވާލުކޮށްލިއެވެ.

"މިރަށުގައި އުޅޭނެ އެކަހަލަ ކަންތަކަށް ވަރަށް މޮޅު މީހެއް... އޭނައަށް ކިޔާނީ އަހަންމާބެ.... ހިނގާ އަހަންމާބެ ހޯދައިގެން އޭނަ އާ ވާހަކަ ދައްކަން... އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ..." ޚާލިދުގެ ބުރަކަށީގައި އަތް ޖައްސާލަމުން ނާޞިރު ވާހަކަ ދެއްކިއެވެ.

"އާނ ވަރަށް ކުރިންސުރެ އަޑުއަހަން އެކަހަލަ ކަންކަމަށް ވަރަށް މޮޅެތި މީހުން ފުވައްމުލަކުގައި އުޅެޔޭ ކިޔާއަޑު... ހަމަ މިއަދު ތިބުނާ މީހަކާ ވާހަކަ ދައްކަންވާނެ..." އިސްދަށަށް ޖަހައިގެން އިނދެ ޚާލިދު ބުންޏެވެ.

"ދެން ހިނގާ ގެއަށްދާން..." ހޮޅުއަށިން ތެދުވަމުން ނާޞިރު ބުނެލިއެވެ.

"ތެދަށް ބުނަން...! އަހަރެން ގެއަށް ވަންނަން ވަރަށް ބިރުގަނޭ...! ނާޝިދު ކުރިމައްޗަށް އަރާކަށް އެއްގޮތަކަށްވެސް އަހަރެން ބޭނުމެއް ނޫން...! އެހާ ހިތްވަރެއް އަހަރެންނެތް..." ޚާލިދު ވާހަކަ ދެއްކިއިރު އެނާގެ ލޮލަށް ކަރުނަ ގިނަވަމުން ދިޔައެވެ.

"އެކަމަކު ތިއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެއްނު... އަނބިމީހާ އާއި ދަރިފުޅުފާ ކާފަ ދަރިފުޅުވެސް އެތިބީ ގޭގައި... އެހެންވީމަ އެމީހުންގެ ސަލާމަތަކަށްވެސް ތިބީ އަހަރުމެންނެއްނު... ހިތްވަރު ކުރަންވާނޭ... އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ... ހިނގާ ގެއަށްދާން...." ޚާލިދުގެ އަތުގައި ހިފާލަމުން ނާޞިރު ބުނެލިއެވެ.

"އެކަމަކު އަހަރެން އެންމެ ޖެހިލުންވަނީ އަހަރެން ކާފަ ދަރިފުޅަކީ ޖިންނި ޢާއިލާއެއްގެ ކުއްޖަކަށްވީމަ....! ނޭނގެ ވާނެ ގޮތެއްވެސް... އިންސާނެއްގެ ސިފައި އެކުއްޖާ އޮތަސް އެވެސްވާނީ ހަމަ ޖިންނިއަކަށްނު...! ޚާލިދު ހިނގައިގަންނަމުން އަސަރާއެކު ވާހަކަ ކުރިއަށް ގެންދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ޚާލިދު ތައްޔާރުވަމުންދިޔައީ ނާޞިރާއެކު އަހަންމާބެ ކައިރަށް ދިއުމަށެވެ.

"އައްދެ.. މިރޭ މާ ޚާއްޞަތަކަށް ދާންތަ ތިއުޅެނީ.... މަށެއް ނުގެންދާނަންތަ...؟ ހީނލާފައި މަޖާ ރާގަކަށް ޙަސީނާ ވާހަކަ ދެއްކިއެވެ.

"އާނ... ތިހީވީ ހަމަރަނގަޅަށް... މިއުޅެނީ ވަރަށް މުހިންމު ތާކަށް ދާންވެގެން... ޙަސީނާ ދާނެކަމެއް... އަހަރެން ނާޞިރު ގޮވައިގެން މިދަނީ... ނާޞިރުގެ ރައްޓެއްސަކާ ދިމާވެލަންގެން..." ފުނާއަޅަން ހުރެ ނާޞިރު ވާހަކަ ދެއްކިއެވެ.

'އެންމެރަނގަޅޭ... ދެން ދޭބަލަ... އެކަމަކު ކައިގެން ދެން ދާންވާނީ... އަށެއްވެސް ޖެހީނު... ހިނގާ ކާންދާން" ހަސީނާ ކޮޓަރިން ނުކުންނަށް ހިނގައިގަންނަމުން ބުނެލިއެވެ.

"ކޮބައި އެމަންޖެ ކައިފިތަ..؟' ހަސީނާ އާ ދިމާއަށް ބަލަން އިނދެ ޚާލިދު އަހާލިއެވެ.

"އަދި ނުކައި... ތަންކޮޅެއް ފަހުންނޭ ބުނީ ކާނީ... އަދި އަށެކޭ އެޖެހީ..." ޚާލިދު އާ ދިމާއަށް ބަލާލުމަށްފަހު ހަސީނާ ބުނެލިއެވެ.

"ކޮބާ ނާޝިދު...؟ ގޭގަ އެބަ އުޅޭތަ...؟ މިހާރު އަބަދުގަ ބޭރުގަ އުޅޭތަން ފެންނަނީ... އެމަންޖެ އެހާ ބަލިވެ އުޅޭއިރުވެސް ގެއަކު މަޑެއްނުވެ... ދުވާލު ގިނަވަގުތު ބޭރުގަ.... ރޭގަނޑު ގިނަވަގުތު ބޭރުގަ... ނުވިތާކަށް ދަންވަރުވެސް ބޭރަށްދަނީ... މިހާރު ނާޝިދު ކިހިނެތްތަ އެއުޅެނީ...." ޚާލިދު ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

"ނާޝިދު އޭހާ ގިނަވަގުތަކު ބޭރަކު ނޫޅެ... އެމަންޖެ ބަލިވީންސުރެ އަބަދު އެމަންޖެ ގާތުގަ އެ އިންނަނީ.... އާން ކޮންމެރެއަކު ދަންވަރު ބޭރަށްދޭ... އަހަންނަށް ނޭނގެނީ ރަށު ތެރޭގައި މީހުން ނިދީމަ ކޮންމެރެއަކު ދަންވަރު ބޭރަށްގޮސް އޭނަ އެކުރާކަމެއް...." ހަސީނާ، ޚާލިދަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.

"އޭނަ ދަންވަރު ބޭރަށްގޮސް އެކުރާ ކަމެއް ދެން ވަރަށް އަވަހަށް އެނގިދާނެ... ހިނގާ ކާންދަމާ..." ހިނގައިގަންނަމުން ޚާލިދު ބުނެލިއެވެ.

ހަސީނާ އާ ޚާލިދު އަށް ކޮޓަރިން ބޭރަށް ނުކުމެވުނީ ނާޝިދުގެ ކުރިމައްޗަށެވެ. ނާޝިދު ފެނުމާއެކު ސިއްސައިގެންގޮސް ޚާލިދު ބިރުން ތުރުތުރު އަޅައިގަތެވެ. ބިރުން ދެލޯބޮޑުވެ ކުއްލިއަކަށް ފަހަތަށް ޖެހިލެވުނެވެ.

"ކިހިނެތް އެވީ... ސިއްސައިގެން ދިޔައީތަ....؟ އެއީ ކީއްވެ ވީގޮތެއް...!" ޚާލިދު ސިއްސައިގެން ދިޔަތަން ފެނިގެން ހަސީނާ ސުވާލު ކުރިއެވެ.

"ނުވެ... ނުވެކަމެއް... އެއީ .. އެއީ... ކުއްލިއަކަށް... ފަޔަށް ތަދެއް އެރީ...." އަޅައަޅައި ގަންނަމުން ޚާލިދު މަޑުމަޑުން ބުނެލިއެވެ.

މިއަދު ޚާލިދުއާއި ދިމާވި ދެފަހަރުވެސް މާބޮޑު އަޅާލުމެއް ނެތުމާއެކު ކޮންމެސް ބަދަލެއް ޚާލިދަށް އައިސްފައިވާކަން ނާޝިދު އަށް ފާހަގަވިއެވެ.

ކެއުމަށްފަހު ޚާލިދުއާއި ނާޞިރު ދިޔައީ އަހަންމާބޭ މެންގެއަށެވެ.

"އައްސަލާމް ޢަލައިކުމް... އަހަންމާބެއާ ބައްދަލުކޮށްލަން އަހަރުމެން މިއައީ..." ފެންޑާގައި ހުރި އަށްޓެއްގައި އިށީނދެ އިން އަހަންމާބެ ފެނުމާއެކު ނާޞިރު ބުނެލިއެވެ.

"ވަޢަލައިކުމުއް ސަލާމް..." އަހާނ... ނާޞިރު، ކޮންވަޑާމެން... ކިހިނެތް މިގެ ފެނުނީ.... އަލަށް ކަންނޭނގެ އަދި މިގެއަށް ތިއައީ...." އަހަންމާބެ ތެދުވެ ނާޞިރު އާ ސަލާން ކޮށްލަމުން ބުނެލިއެވެ.

"އާނ... އަލަށް މިއައީ... މިހިސާބަށް ވަރަށް ނާދެވެއޭ... އެހެންވެ ކަމާކަންފަށާ ދެން ނާދެވެނީ... އެކަމަކު މިރޭ މިއައީ ވަރަށް ބޮޑުކަމެއް ދިމާވެގެން... ކޮބައިތަ ރުޤިއްޔާތަ...؟ ނާޞިރު ވާހަކަ ދެއްކިއެވެ.

"މިތާ އިށީނދޭ.... ރުޤިއްޔާ އެދިޔައީ ދުންގަނޑެއް ބޯށޭ ކިޔާފަ ޖެހިގެން މިހިރި ގެއަށް... އަދިވެސް އެކަމެއް ހުއްޓާކަށް ނޫޅޭވިއްޔަ... އެއްދުވަހު ބުނާނެ މިހާރު އަހަރެން ދުމެއް ނުބޮމޭ... އެކަމަކު އަނެއްދުވަހު ބުނާނެ ދުންގަނޑެއް ބޯލައިގެން އެބަ އަންނަމޭ.. ހަދާ ނުހަދާއެއް ނޭނގެ.... ކޮންކަމަކުއޭ ތިއައީ..." ނާޞިރުއާ ދިމާއަށް ބަލަންއިނދެ އަހަންމާބޭ ވާހަކަ ދެއްކިއެވެ.

ނާޞިރު: މިއީ ޚާލިދު... ޚާލިދު މެން އުޅެނީ އަހަރުމެންގޭގެ... ޚާލިދުއާ ޚާލިދުގެ އަންހެނުންނާއި، ދަރިފުޅާއި ދަރިފުޅުގެ ފިރިމީހާ... ވަރަށް ބޮޑު ކަމެއް ލައިގަނެގެން މިއުޅެނީ.... އަހަންމާބެއަށް މިކަމުގައި ކަމެއް ކޮށްދެން އޮތީ... އެހެންވެ އަހަންމާބޭ ކައިރިއަށް މިއައީ..." ނާޞިރު ވާހަކަ ފެށިއެވެ.

އަހަންމާބޭ: އަނެއްކާ ކިހާވަރެއްގެ ކަމެއްބާ ދިމާވެގެން ތިއުޅެނީ...؟ ބުނެބަލަ...! އަހަންމާބެއަށް އިނގިފައޮތް ވަރަކުން ކޮށްދެވެންއޮތް ކަމެއް ކޮށްދޭނަން..." ނާޞިރުއާ ދިމާއަށް ބަލަން އިނދެ އަހަންމާބޭ ވާހަކަ ދެއްކިއެވެ.

ޚާލިދު، ނާޝިދުއާ ދިމާވީގޮތާއި، އެދުވަހުން ފެށިގެން މިއަދާ ހަމައަށް ކަންކަން ވަމުންދިޔަގޮތް ވަރަށް ތަފްޞީލްކޮށް އަހަންމާބެއަށް ކިޔައިދިނެވެ.

"މިކަމުގަ ހަދާނެ އެއްވެސް ގޮތެއް ނޭނގިގެން ހަމަ މުހައްމާބެ ކައިރިއަށް އަންނަން މިޖެހުނީ... މިކަމަށް ހެދޭނެ ގޮތަކީ ކޮބައިތަ...؟ ޚާލިދު، އަހަންމާބެއާ ސުވާލުކޮށްލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 27 ފެބްރުއަރީ 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް