މިއަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ފާހަގަކުރުމަށް"ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން" ގެ ނަމުގައި 2014 ޑިސެމްބަރު 31 ވަނަ ދުވަހުގެރޭ މާލޭގައި އޮންނަ ޝޯވގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފުލުހުންނާ އެހެނިހެން ފަރާތްތައް ގުޅިގެން ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޝޯވ ބެލުމަށް ހާޒިރުވާ މީހުންގެ ސަލާމަތާ ރައްކާތެރިކަމަށާއި ޝޯވގައި ބައިވެރިވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޕްލޭން އެކުލަވާލައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ފުލުހުން ވަމުން އަންނަ ކަމަށެވެ.
"މިޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ކަމަށްވުމާއެކު ދަނޑަށް ހާޒިރުވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ކުރަންޖެހޭ ކަންކަން ކަމުގެ އިތުރުން ގަލޮޅު ދަނޑަށް ގިނަ ބަޔަކު ޖަމާވާނެކަމަށް ބެލެވޭތީ އެސަރަޙައްދުގެ ސަލާމަތީ ކަންކަން ކުރިޔަށް ގެންދާނެ ގޮތްވެސް މިހާރު ވަނީ އެކުލަވާ ލެވިފައެވެ. އަދި ޝޯވ ހިނގަމުންދާ ވަގުތު އެސަރަޙައްދުގެ މަގުތައް ބަންދު ކުރެވޭނެ ގޮތާއި ގަލޮޅު ދަނޑަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންކުރައްވާ އެއްގަމު އުޅަނދު ޕާކު ކުރެވޭނެ މަގުތައްވެސް ވަނީ ކަނޑައެޅިފައެވެ. މިގޮތުން ބަންދުކުރެވޭނެ މަގުތަކާއި އުޅަނދު ޕާކު ކުރާނެ ސަރަޙައްދުތައް ފުލުހުން ޢާއްމު ކުރަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އިޖުތިމާޢީ ގޮތުން ކުރެވޭ މިފަދަ ކަންކަމާއި ގުޅިގެން ސަލާމަތާ ރައްކާތެރިކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ބަޔަކު ކަންކަން ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މީގެ ކުރިން ގަލޮޅު ދަނޑުގައި ބައިނަލް އަޤުވާމީ ބޮޑެތި މުބާރާތްތަކުގެ މެޗްތައް ކުޅެވުނު އިރު އެ މެޗްތަކުގައި ވާދަކުރި ބޭރުގެ ކުޅުންތެރިންނާއި މެޗްތައް ބެލުމަށް ދަނޑަށް ހާޒިރުވި ސަޕޯޓަރުންނަށް ދޭންޖެހުނު ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގަލޮޅު ދަނޑުގައި ބާއްވާ ގިނަ ޙަރަކާތްތަކެއްގެ ސަލާމަތީ ކަންކަން ގެންދިޔައިރު ލިބިފައިވާ ތަޖުރިބާގެ އަލީގައި މިޝޯވގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންނާއި ކަމާ ގުޅޭ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމުގެ ޔަޤީންކަން މިފުރުޞަތުގައި ދޭ ކަމަށެވެ.
އަދި އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ރާއްޖޭގައި ކުރެވޭ މުހިއްމު ކަންކަމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލޮބުވެތި ރައްޔިތުން ފުލުހުންނަށް ދެމުންދާ އެއްބާރުލެއްވުމަށް މިފުރުޞަތުގައިވެސް ޝުކުރު ދަންނަވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް