ކުނިވެފައިވާ ހަށިތަކުގެ ތެރޭގައި 22 ދުވަސް ހޭދަކުރި އަށް އަހަރުގެ ކުއްޖާ މިއަދު މަގްބޫލު ކުއްޖަކަށް

އޭޝިއާގެ ކަނޑުގެ ސަރަހައްދު ގުގުމާލި ނުރައްކާތެރި ސުނާމީ ކާރިޘާ ހިނގިތާ މިއަދަށްމިވަނީ 10 އަހަރު ފާއިތެވެ ގޮސްފައެވެ. އެ ބިރުވެރިކަން ތަހައްމަލު ކުރިތާ ގިނައަހަރުތަކެއް ފާއިތުވެފައި ވީނަމަވެސް، ހާދިޘާ...

26 Dec 2014 | 15:47

އޭޝިއާގެ ކަނޑުގެ ސަރަހައްދު ގުގުމާލި ނުރައްކާތެރި ސުނާމީ ކާރިޘާ ހިނގިތާ މިއަދަށްމިވަނީ 10 އަހަރު ފާއިތެވެ ގޮސްފައެވެ. އެ ބިރުވެރިކަން ތަހައްމަލު ކުރިތާ ގިނައަހަރުތަކެއް ފާއިތުވެފައި ވީނަމަވެސް، ހާދިޘާއާއި ކުރިމަތިލާންޖެހުނު ފަރާތްތަކުގެ ހިތްތަކުގައި ކެނޑި ނެގިފައި ހާދިޘާގެ ބިރުވެރިކަން އަދިވެސް ވެއެވެ.

މިއަދު ދައްކަމުން މިދަނީ ތަފާތު ގޮތްގޮތުން ތަފާތު ސަރަހައްދުތަކުން ހާދިޘާއާއި ގުޅިގެން ސަލާމަތްވި މީހުންގެ ވާހަކައާއި އެކިގޮތްގޮތުން މަރުވެދިޔަ މީހުންގެ ވާހަކައެވެ. އެމީހުންގެ ހަދާންތަކެވެ. 14 ގައުމަކުން 230000 މީހުން މަރުވި ސުނާމީގައި އިންޑޮނޭޝިއާގެ ބަންޑާއާޗޭން އެކަނިވެސް 170000 މީހުންވަނީ މަރުވެފައެވެ. 50 ހާހަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

ސުނާމީގައި އެންމެ ބޮޑު ގެއްލުމެއްލިބުނު އިންޑޮނޭޝިއާގެ ބަންޑާ އާޗޭގައި ދިރިއުޅެމުންދިޔަ އޭރު އުމުރުން 8 އަހަރުގެ މާޓުނިސްއަކީ އޭނާގެ ވާހަކައިން ދުނިޔޭގެ އެތަކެއް ބަޔަކު ސަމާލުކަން ހޯދި މައުސޫމް ކުއްޖެކެވެ. އޭނާ އާދަޔާހިލާފަށް ސަލާމަތްވިގޮތުގެ ވާހަކައިގެ އިތުރުން އެދުވަހު މާޓުނިސް ލައިގެންހުރި ޕޯރޗުގަލް ޖޯޒީގެ ވާހަކައަކީ ފަލަސުރުހީތަކަށް އެރި ވާހަކަތަކެކެވެ.

ރެކްޓަރ މިންގަނޑުން 9.1 ގެ ބާރުމިނުގައި 2004 ވަނަ އަހަރުގެ ޑިސެންބަރ 26 ވަނަދުވަހު އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުންއައި ވަގުތު މާޓުނިސްހުރީ އޭނާގެ އަވަށް ކަމަށްވާ ޓިބަންގްގައި އޭނާގެ ރަހުމަތްތެރިންނާއެކު ފުޓުބޯޅަ ކުޅޭށެވެ. ބާރުގަދަ ބިންހެލުމާއެކު މާޓުނިސް ދުއްވައިގަތީ 7 ކިލޯ މީޓަރުގެ ދުރުގައިވާ އޭނާގެ ގޭގައި ތިބި އޭނާގެ މަންމައާއި ދެ އަންހެން ދައްތައާއި ދިމާއަށެވެ. ކަމަކު ދާކަށް ނެތެވެ. ބިންހެލުމާއެކު އުފެދުނު ބާރުގަދަ ސުނާމީގެ ރާޅާއެކު މާޓުނިސްގެ ކުރިމަތީގައި އޭނާގެ މަންމަ އަދި ދެ ދައްތަ ރާޅާއެކު ދޮވެލީއެވެ.

ކުނި ބުނިތަކުގައި ހިފަހައްޓައިގެން ގެބުނަނުދީ ހިފަހައްޓަމުންދިޔަ މާޓިނުސް ރާޅާއެކު ދޮވިގެންދިޔައީ ދިރިހުރި ފުރާނައެއްގެ ހިލަމެއްނުވާ މާސިންގާ ކަނޑުގެ ތެރެއަށެވެ. ފުރަތަމަ އޮތީ ގޮނޑިއެއްގެ މަތީގައެވެ. ދެން ގޮދަޑިއެއްގެ މަތީގައެވެ. އެއަށްފަހު ސޯފާއެއްގެ މައްޗަށްވެސް ކަނޑުމަތިން މާޓުނިސް އެރިއެވެ. 21 ދުވަސްވަންދެން މަރުވެފާވާ ފުރާނަނެތް މުޅަ މަސްތަކުގެ މެދުގައި ކުނިބުނިން ފުރިފައިވާ މޫދުގެ ތެރޭގައި މާޓުނިސް ސަލާމަތްވުމަށް ބޭނުންކުރީ އޭނާގެ ހިތްވަރެވެ. ފުރަތަމަ ދުވަސްކޮޅު ނޫޑްލްސް، ޕާނުގެ އިތުރުން ދަޅުގައި ބަންދުކުރި ސާމާނުގެ އެހީގައި ކަރުހިތްކުން ފިލުވާ ބަނޑުފުރާނަ މުއްތިކުރިނަމަވެސް 19 ވަނަ ދުވަހުގެ ފަހުން މާޓުނިސްއަށް ބޯނެ ފެންފޮދެއް އަދި އަނގެއަށްލާނެ ކާއެއްޗެސް ނުލިބެއެވެ.

" އަހަރެން އެވަގުތުވެސް ބިރެއް ނުގަނޭ، އަހެރެން ބޭނުންވީ ސަލާމަތްވެ އާއިލާއާއި ބައްދަލުކުރަން، އަހަރެން ބޭނުންވީ ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމަށް ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހަދަން" ހިތްވަރުގަދަ މާޓުނިސް ކިޔާދިނެވެ.

ނަސީބު ދިމާކުރިގޮތުން މޫދުގައި މަރާ ހަނގުރާމަ ކުރަމުންދަނިކޮށް މާޓުނިސް ފެނިފައިވަނީ ކަނޑުގައި ދަތުރު ކުރިބަޔަކަށެވެ. އެއީ ސުނާމީއަށްފަހު 21 ދުވަސްފަހެވެ. މާޓުނިސް ސަލާމަތްވުމާއެކު އޭނާއާއި ހަވާލުވީ އިނގެރޭސިވިލާތުގެ ނޫސްވެރިއެކެވެ. އެ ނޫސްވެރިޔާ މާޓުނިސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމާއެކު މީޑިއާގެ ސަމާލުކަމަށް މާޓުނިސްއައެވެ. ޓީވީތަކުން މާޓުނިސްގެ ވާހަކަ ދައްކަންފެށިއެވެ. މިއީ އުމުރުން އަށް އަހަރުގެ މާޓުނިސް ސުނާމީގެ ބިޔަ ރާޅާ ސަލާމަތްވި ގޮތުގެ ވާހަކައެވެ. ދެން އޮތީ އޭނާގެ ހުވަފެންތަށް ހަގީގަތަކަށް ވެގެންދިޔަ ގޮތުގެ ވާހަކައެވެ.

އޭނާ ސުނާމީ އެރިދުވަހު ލައިގެންހުރި ޕޯޗުގީޒް ގައުމީ ފުޓުބޯޅަ ޓީމުގެ ޖޯޒީީއަކީ އެނާގެ ނަސީބުކަމުގައި ބުނެވިދާނެއެވެ. މާޓުނިސް ޓީވީން ދައްކާ މަންޒަރު ފެނުމާއެކު އޭރު މެންޗަސްޓާ ޔުނައިޓެޑަށް ކުޅެމުންއައި ދުނިޔޭގެ އެންމެންދަންނަ ޕޯރޗުގީޒްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޮލުގައި މާޓިނޭޒް އަޅައިގަތެވެ.

ރޮނާލްޑޯގެ ހިތުގައި އުފެދުނު ކުލުނާއެކު ނިކަމެތު ކުއްޖާއަށް އެހީވުމަށް ރޮނާލްޑޯ ނިންމިއެވެ. ސުނާމީގެ ސަބަބުން ދޮވެލާފައިވާ އިންޑޮނޭޝިއާގެ ބަންޑާއާޗޭގައި މާޓުނިސް މިހާރު އުޅެމުންދާ ގެ ހެދުމަށް ހުރިހާ ހަރަދެއްކޮށްފައިވަނީ ރޮނާލްޑޯއެވެ.

ރޮނާލްޑޯއާއި ދިމާވިތާ ފަސްމަސް ފަހުން މާޓުނިސްގެ އިތުރުން ސުނާމީގައި އޭނާގެ އާއިލާއިން ސަލާމަތްވި އޭނާގެ ބައްޕަ ސާބިނީއަށް ޕޯޗުގަލްއަށް ދިއުމަށް ދައުވަތެއް ދިނެވެ. ޕޯރޗުގަލްގެ ގައުމީޓީމުގެ ހުރިހާ ކުޅުންތެރިންނާއި ބައްދަލުކުރުމަށެވެ. ފުޓުބޯޅައަށް މަރުދޭ މާޓުނިސްއަށް ކޮންފަދަ އުފަލެއްތޯއެވެ. މާގިނަދުވަހެއްނުވެ ރޮނާލްޑޯ އިންޑޮނޭޝިއާގެ ބަންޑާ އާޗޭއަށް ޒިޔާރަތްކުރިއެވެ. ހަމައެކަނި މާޓުނިސްއަށްޓަކައެވެ. ރޮނާލްޑޯ މާޓުނިސްއާއި ބައްދަލުކޮށް ދިން ފޯނުގައި ޕޯޗުގަލްގެ ގައުމީޓީމުގެ ހުރިހާ ކުޅުންތެރިންގެ ނަމްބަރު ސޭވް ކޮށްފައިވެއެވެ.

ލަދުރަކި މިޒާޖެއްގެވެރި މާޓުނިސް ގެ އުމުރުން މިހާރު 17 އަހަރެވެ، އޭނާވަނީ މިހާރު ސީނިއާ ހައިސްކޫލް ނިންމާފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާއާއި ސެލިން ޑިއޯންވެސް ވަނީ މާޓުނިސްއާއި ބައްދަލުކޮށްފައެވެ.

މީގެ 10 އަހަރުކުރިން ސުނާމީގެ ބިޔަ ރާޅާއެކު ކަނޑުމަތީގައި 21 ދުވަސް ހޭދަކުރި މާޓުނިސް މިހާރުދަނީ އޭނާގެ ހުވަފެންތަށް ހަގީގަތަކަށް ހަދަމުނެވެ. އޭނާގެ ހިތްވަރަކީ ދުނިޔެ ސިއްސުވާލި ހިތްވަރެކެވެ. ފުޓުބޯޅައަށް ހުރި ލޯތްބާއެކު މާޓުނިސްވާން ބޭނުންވަނީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއަކަށެވެ. އޭނާގެ ރޯލް މޮޑެލް ރޮނާލްޑޯ ފަދައިންނެވެ. އެންމެފަހުން މާޓުނިސް ރޮނާލްޑޯއާއި ދިމާވެފައިވަނީ އިންޑޮނޭޝިއާގެ ބާލީއިންނެވެ. " ރޮނާލްޑޯ ބުނީ ރަނގަޅަށް ކިޔެވުމާއެކު ފަރިތަކުރުމަށް، އޭރުން އަހަންނަށް ފުޓުބޯޅަ ކުޅުންތެރިއަކަށް ނުވެވޭނެ ސަބަބެއް ނެތްކަމަށް" މާޓުނިސް ބުންޏެވެ.

މާޓުނިސް ހަފްތާއަކު ތިން ދުވަހު އިނގެރޭސި ކްލާސްތަކަށް ދިއުމާއެކު ބަންޑާ އާޗޭގައި ރިއާލް މެޑްރިޑް ފައުންޑޭޝަނުން އަޅާދީފައިވާ ސޮކާ ސްކޫލަށް ބަރާބަރަށް ދެއެވެ. " ގައުމީޓީމަށް ދިއުމަށް އެއްފަހަރު މަސައްކަތްކޮށްފިން، ނަމަވެސް އަހަރެން ފިޒިކަލީ ތަންކޮޅެއްދަށީ ، މާ އަވަހާ ވަރުބަލިވަނީ" މާޓުނިސް ބުނެފައިވެއެވެ.

ސުނާމީގައި އާދަޔާހިލާފަށް ސަލާމަތްވި މާޓުނިސް މިހާރުއެދަނީ އޭނާގެ ހުވެފެނުގައި ކުލަޖައްސަމުންނެވެ. 10 އަހަރު ކުރިން ދިރިހުންނާނެ ކަމުގެ އުންމީދު ފަނޑުވި މާޓުނިސް ގަބޫލުކުރަނީ ދިރުއުޅުމަކީ ގަދަ ހިތްވަރާއި އަޒުމުކަމަށެވެ. އޭނާގެ މިހާރު އުންމީދަކީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ އުންމީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް