ރާއްޖޭގައި ޝޯއެއް ދިނުމަށް އަންނަ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލް، ރާއްޖެ އަތުވެއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ ބަޔަކު ވީޑިއޯއެއް އާންމުކޮށްފައިވާއިރު އެ ފަރާތްތަކަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ރައްދު ދެއްވައިފި އެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ "އެހެން ދޭ އިންޒާރުތަކަށް ބަލަން ބޭނުން ނުވާ ކަމަށެވެ. އަދި ރާއްޖެއާއި ޒުވާނުން ޕްރޮމޯޓްކުރަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ބަޔަކު މިހާ ދަށު ދަރަޖައަށް ވެއްޓޭތީ އެކަމާ ދެރަވާ ކަމަށްވެސް" ބުނެފައި ވެއެވެ.
https://twitter.com/Ahmed_Adeeb/status/548417336911216640
ބިލާދު އަލްޝާމްގެ ނަމުގައި ރޭ ބަޔަކު އާންމުކުރި ވީޑިއޯގައި ދައްކުވައިދޭ މެސެޖްތަކުގައި ބުނެފައިވަނީ “މިހިނގާ މީލާދީ 2014 ވަނަ އަހަރު ނިމި 2015 ވަނަ އާއަހަރުގެ މުނާސަބަތުގައި ރާއްޖެއިން ބޭރުގައުމަކުން އަންނަ ޝޯންޕޯލް (Sean Paul) އަކީ ބޮޑުވެގެންވާ ކާފިރެއް” ކަމަށެވެ. އަދި “މިފަދަ މީހުން ރާއްޖެ އައިސް މިތަން ފަސާދަ ކުރުމަށް ދެނެއް ޖާގައެއް ނުދޭނަން” ކަމަށާއި “މި ލޮބުވެތި ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވީ ހިނދު، މިކަހަލަ ފާހިޝް އަމަލުތައް ކުރާ ބޮޑެތި ޖައްބާރު ކާފިރުން މި ދިވެހި ފަސްގަނޑަށް މިފަދަ އަމަލެއް ހިންގަން އައުމަށް ރާއްޖޭގެ ސަރުކާރަށްވެސް ޖާގައެއް ނުދޭނަން” ކަމަށެވެ.
އަދި “ﷲގެ މަގުގައި ޖިހާދު ކުރުމަކީ ކޮންމެ މުސްލިމަކަށް ވާޖިބެއް” ކަމަށާއި “ޝޯންޕޯލް ފަދަ ކާފިރުން، އެހެނީ ސައިތާނާގެ ތެރެއިންވެސް އެންމެ ޖާހިލު މީހުންނަށް ހައްގުވަނީ މަރު” ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން “ސަލާމަތީ ބާރުތަކަކީ އެންމެ މަތިވެރި އިލާހުގެ ހަޒްރަތުގައި އެއްވެސް ބައެއް ނޫން” ކަމަށާއި “އަހަރެމެން ނަސްރު ހޯދާނީ ﷲގެ ހަޒްރަތުން” ކަމަށް އަދި “ޝޯން ޕޯލްގެ ހިމާޔަތަށް މަސައްތަކް ކުރާނީ މުނާފިގުން” ކަމަށާއި “ރާއްޖެ އައިސްފިނަމަ ދެން ފެނިގެންދާނީ (ޝޯންޕޯލް)ގެ ފުރާނަ ނެތް ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު” ކަމަށްވެސް އެ ވީޑިއޯގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް