އެއީ މީގެ ދިހަ އަހަރު ކުރީގެ ހަދާންތަކެކެވެ. އޭރު އިބުރާހިމްގެ އުމުރުން 22 އަހަރެވެ. އާދައިގެ މަތިން އެދުވަހުގެ ހެނދުނުގެ ވަގުތު އިބުރާހިމްވެސް އޮތީ ގަދަ ނިދީގައި ނިދާފައެވެ. ހަމައެކޮޓަރީގައި އިބުރާހިމްގެ ކޮއްކޮވެސް އޮތީ ނިދާފައެވެ. އިބުރާހިމް ބުނިގޮތުގައި އެފަދަކަމެއް ދިމާވެދާނޭކަމަށް ދުވަހަކު ހިތައްވެސް ނާރައެވެ. އެދުވަހުގެ އެ ހިތްދަތި ވޭނީ ކާރިޘާގެ ވަގުތުތައް ދިހަ އަހަރު ފުރޭއިރުވެސް އިއްޔެ ހިނގިކަމެއްފަދައިން ސިފަވާކަމުގައި އިބުރާހިމް ކިޔައިދިނެވެ.
26 ޑިސެމްބަރ 2004 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގެ ހަނދާންތައް ދުވަހާ ހިއްސާކުރަމުން އިބުރާހިމް އެދުވަހު އުޅުނުގޮތާއި ކުރެވުނު އިހްސާސްތައް ކިޔައިދިނެވެ. އިބުރާހިމް ކިޔައިދިން ގޮތުގައި ނިދިން ހޭލެވުނީ މީހުންގެ ހަޅޭކުގެ އަޑަށެވެ. އޭރުވެސް ކޮއްކޮ އޮތީ ނިދީގައެވެ. އަވަސް އަވަހަށް ކޮއްކޮ ނަގާފައި ބަދިގެ ފަރާތުން ބޭރު ބަލާލިއިރު ދަޑި ފަނުން އަޅާފައި ހުރި ބަދިގެ ލުހިގެން ގެއާއި ދިމާލަށް އަންނަނީއެވެ. ދެން އިބުރާހިމް މަސައްކަތް ކުރީ ގޭގެ މައި ދޮރުން ބޭރަށް ނުކުމެވޭތޯއެވެ. ނިދާފައި ތިބުމުގެ ސަބަބުން އާއިލާގެ ދެންތިބި އެހެން މެންބަރުން ވީތަނެއް ނޭގެއެވެ. ގޭގައި އޭރު ތިބީ ހަމައެކަނި އިބުރާހިމާއި އޭނާގެ ކޮއްކޮއެވެ.
އިބުރާހިމް ކިޔައިދިން ގޮތުގައި ގޭގެ މައިދޮރުން ބޭރަށްނިކުމެ ބަލާލިއިރު ރުއްފަށުގެ މަތިން ރާޅު ގެ މަށްޗަށް ބިންދާލަނީއެވެ. އޭރު އެގޯތީގައި އަލަށް އިމާރާތްކޮށް ހިޔާކޮށްނިމި އަދި ބޭނުންކުރަން ނުފަށާހުރިބައި މައްޗަށް ރާޅު ބިންދާލަނީއެވެ. ދެން ދުއްވައިގަތީ އެއްގަމަށެވެ. ތަންކޮޅަކަށް ނުދެވެނީސް ލޮނުގަނޑު ބޮޑުވެ އޮޔާ ލައިފިއެވެ. އެވަގުތުކޮޅުތެރޭގައި އުޅެވުނު އެއްވެސް ގޮތެއް ކިޔައިދޭން ނޭގޭކަމުގައި އިބުރާހިމް ބުންޏެވެ. ހޭވެރިކަންވީއިރު އިބުރާހިމަށް އޮވެވުނީ ޖެހިގެން ހުރިގޭގައި ހުރި ދިއްގާ ގަހެއްގެ އޮފިގަނޑެއްގައި އެލިގެންނެވެ. އިބުރާހިމް ބުނިގޮތުގައި އޭނާވެސް އަޖައިބުވިއެވެ. އޭނާއަށް ހިފަހައްޓައިގެން އޮވެވުނީ ވަރަށް ހިމަހިމަ އަފިގަނޑެއް ކަމަށްވީމައެވެ.
ރާޅުއަރާ ފައިބައިގެން ދިޔުމުން އިބުރާހިމް އަވަސްވެގަތީ އޭނާގެ ކޮއްކޮ ހޯދުމަށެވެ. އޭރު އެހެންމީހުންވެސް ތިބެވުނު ތަންތަނުން ނިކުމެ ފެންގަނޑުތެރޭގައި ފަތަމުން ރޮމުން ހަޅޭއްލަވަމުން މީހުން ހޯދަމުން ދިޔައެވެ. އިބުރާހިމް ބުނިގޮތުގައި އެވަގުތު އެއިވުނު ހަޅޭކާއި ރުއިމުގެ އަޑު ހިތައް އަރުވާލިޔަސް ލޮލުން ކަރުނަ ހިލިގެންދެއެވެ. އެޑުތަކުގައިވާ ހިތްދަތިކަމާ ބިރުވެރިކަން ބުނެދެވޭ ވަރަށްވުރެ އަސަރުގަދަ އަޑުތަކެއްކަމަށެވެ.
ކޮއްކޮ ކޮބައިތޯ ބެލުމަށް ކުރި މަސައްކަތުން އިބުރާހިމަށް ކޮއްކޮ ފެނުނީ ރަޅާ އޮޔާ ގެންގޮސް މާދުރުގައި ހުރި ގެއެއްގެ ތެރޭގައި ހުއްޓައެވެ. އިބުރާހިމް ބުނިގޮތުގައި ފެންގަނޑުތެރޭގައި ފަތަމުން ގެ ބަލާލަން ދިޔައިރު ގެވަނީ މުޅިންހެން ތިރިވެ ބިމާ ހަމަވެފައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅިދިރުއުޅުން ބިމާހަމަވެގެން ދިޔައީއެވެ. ދެން އިބުރާހިމަށް އިވުނީ ކޮންމެވެސް ކުއްޖަކު ހަޅެއްލަވާ އަޑެވެ. އެކިދިމަ ދިމާ ބަލަމުންދަނިކޮށް ގޭގެ އަތިރިމަތީގައި ހުރި ރުކެއްގެ މެދާހަމައިގައި ކުއްޖަކު އޮއްވާ ފެނިއްޖެއެވެ. އެކުއްޖާ ފުންމާލަން އުޅެން ފެށުމުން އިބުރާހިމް ފުންމާނުލުމަށް ގޮވަގޮވާ އޮއްވާވެސް ފެން ގަނޑުތެރެއަށް ފުންމާލައިފިއެވެ. ފެންގަނޑު ފައިބައިގެން ދިޔައިރު އޮއިވަރު ގަދަކަމުން އެއޮއިވަރުގެތެރޭގައި އެކުއްޖާއްވެސް ދެމެމުން ދަނިކޮށް އިބުރާހިމް އެކުއްޖާ ސަމާތްކޮށްދިނީ އޮޔާ ދިޔަ އައިސް އަލަމާރިއެއްގެ މައްޗަށް އަރައިގެންގޮސް ކަމުގައި ވަރަށް އަސަރާއެކު އިބުރާހިމް ކިޔައިދިނެވެ.
ބިންމަތީގައި ފައިޖެހޭވަރަށް ލޮނުގަނޑުތިރިވުމުން ދެންބެލީ އާއިލާގެ މީހުންގެ ހަބަރެއްވޭތޯއެވެ. ވެއްޓިވައިވާ ފާރުތަކާ އޮޔާ ދެމެމުންދިޔަ ކުނިތަކުގެތެރެއިން ރަށުގެ ބޮޑުމަގަށް ނިކުތްއިރު މުޅި ރަށް އޮތީ ފެންބޮޑުވެފައެވެ. ވަށައިގެން ފެންނަމުންދިޔައީ އަސަރުން ފުރިގެންވާ މަންޒަރުތަކެކެވެ. އަވަށުގެ ކުދިބޮޑު އެންމެންކަހަލަ ގޮތަކަށް ރޮމުން މިސްކިތާ ދިމާލަށް ދިޔައެވެ. މަގުމަތިން ދިމާވާ މީހުންކައިރީގައި އަހަމުން ދިޔަނަމަވެސް އިބުރާހިމްގެ އާއިލާގެ މީހަކު ފެނުނުމީހަކާ ދިމާނުވުމުން މާޔޫސްވިކަމުގައި އިބުރާހިމް ބުންޏެވެ. ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ އާއިލާގެ މީހުން އެއްތަން ކުރެވޭތޯއެވެ. އިބުރާހިމް ބުނިގޮތުގައި އެތައް އިރެއްގެ މަސައްކަތުން އޭނާގެ އާއިލާގެ މީހުންނާ ދިމާވިއެވެ. އޭރު އޭމީހުންވެސް ތިބީ އިބުރާހިމް އާއި އޭނާގެ ބޭބެއަށް ވީގޮތެއްނޭގޭތީ ރޮއެރޮއެކަމުގައި އިބުރާހިމް ކިޔައިދިނެވެ. އިބުރާހިމް ކިޔައިދިންގޮތުގައި އެހަނދާންތައް އަބަދުވެސް ނުފިލާ ހިތުގައި ހުންނާނެއެވެ. އެއީ ހަދާނުން ފޮހެލަން ދަތި ކާރިޘާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް