ޝޯންޕޯލް ރާއްޖެ އަތުވެއްޖެ ނަމަ މަރާލާނެ ކަމުގެ އިންޒާރު ބިލާދް އަލްޝާމްގެ ނަމުގައި ދީފި

މަޝްހޫރި ލަވަކިޔުންތެރިޔާ ޝޯންޕޯލްގެ ޝޯއެއް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރާއްޖެ އަތުވެއްޖެނަމަ މި ލަވަކިޔުންތެރިޔާ މަރާލާނެ ކަމުގެ އިންޒާރުދޭ ވީޑިއޯއެއް ބިލާދު އަލް ޝާމްގެ ނަމުގައި...

25 Dec 2014 | 21:22

މަޝްހޫރި ލަވަކިޔުންތެރިޔާ ޝޯންޕޯލްގެ ޝޯއެއް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރާއްޖެ އަތުވެއްޖެނަމަ މި ލަވަކިޔުންތެރިޔާ މަރާލާނެ ކަމުގެ އިންޒާރުދޭ ވީޑިއޯއެއް ބިލާދު އަލް ޝާމްގެ ނަމުގައި ޔޫޓިއުބްގައި ބަޔަކު އާންމުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އެނބުރެމުން އަންނަ އަދި ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ޝަހާދަތުގެ ކަލިމަ ލިޔެފައިވާ ދިދަ ކައިރީގައި މޫނު ނިވާކޮށްގެން މީހަކު އިނދެ އެ ފަރާތުން ދޭން ބޭނުންވާ މެސެޖްތައް ދިވެހިބަހުން ލިޔެފައިވާ ގަނޑުތަކެއް މެދުވެރިކޮށް ދޭތަނެވެ.

އެ ވީޑިއޯގައި ދައްކުވައިދޭ މެސެޖްތަކުގައި ބުނެފައިވަނީ "މިހިނގާ މީލާދީ 2014 ވަނަ އަހަރު ނިމި 2015 ވަނަ އާއަހަރުގެ މުނާސަބަތުގައި ރާއްޖެއިން ބޭރުގައުމަކުން އަންނަ ޝޯންޕޯލް (Sean Paul) އަކީ ބޮޑުވެގެންވާ ކާފިރެއް" ކަމަށެވެ. އަދި "މިފަދަ މީހުން ރާއްޖެ އައިސް މިތަން ފަސާދަ ކުރުމަށް ދެނެއް ޖާގައެއް ނުދޭނަން" ކަމަށާއި "މި ލޮބުވެތި ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވީ ހިނދު، މިކަހަލަ ފާހިޝް އަމަލުތައް ކުރާ ބޮޑެތި ޖައްބާރު ކާފިރުން މި ދިވެހި ފަސްގަނޑަށް މިފަދަ އަމަލެއް ހިންގަން އައުމަށް ރާއްޖޭގެ ސަރުކާރަށްވެސް ޖާގައެއް ނުދޭނަން" ކަމަށެވެ.

އަދި "ﷲގެ މަގުގައި ޖިހާދު ކުރުމަކީ ކޮންމެ މުސްލިމަކަށް ވާޖިބެއް" ކަމަށާއި "ޝޯންޕޯލް ފަދަ ކާފިރުން، އެހެނީ ސައިތާނާގެ ތެރެއިންވެސް އެންމެ ޖާހިލު މީހުންނަށް ހައްގުވަނީ މަރު" ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން "ސަލާމަތީ ބާރުތަކަކީ އެންމެ މަތިވެރި އިލާހުގެ ހަޒްރަތުގައި އެއްވެސް ބައެއް ނޫން" ކަމަށާއި "އަހަރެމެން ނަސްރު ހޯދާނީ ﷲގެ ހަޒްރަތުން" ކަމަށް އަދި "ޝޯން ޕޯލްގެ ހިމާޔަތަށް މަސައްތަކް ކުރާނީ މުނާފިގުން" ކަމަށާއި "ރާއްޖެ އައިސްފިނަމަ ދެން ފެނިގެންދާނީ (ޝޯންޕޯލް)ގެ ފުރާނަ ނެތް ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު" ކަމަށްވެސް އެ ވީޑިއޯގައި ބުނެފައި ވެއެވެ.

އެ ވީޑިއޯއިން ދައްކާ މެސެޖްގައި އިތުރަށް ބުނެފައިވަނީ ބުނެފައިވަނީ "ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުން، މިއަދު އަޅުގަނޑުމެންގެ މި ވަޒަން ހިމާޔަތް ކުރުމަކީ ފަރުދީ ވާޖިބެއް ކަމުގައި ދެކެން. އަދި ދީނީ ވާޖިބެއް ކަމުގައިވެސް ދެކެން، އެހެނީ އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން މިއަދާއި ހަމައަށް މިއައީ ދިވެހިންގެ އަގީދާއާއި ނަފްސުގެ ފައިތިލަތައް އެންމެ މަތިވެރި ދީނުގައި ސާބިތު ކުރެވިގެން އަޅުގަނޑުމެން ހުޝިޔާރު ވާންޖެހޭ، ދުޝްމިނުންނަކީ ނުބައި ނުލަފާ ޖައްބާރު ކާފިރުން، އަދި އެބައިމީހުންގެ ނުބައިކަމުން އަޅުގަނޑުމެންގެ މި އުންމަތް ސަލާމަތް ކުރުމަށް. މި ނުބައި ކާފަރުން އަޅުގަނޑުމެން މަގުފުރެއްދުމަށް ޝައިތާނާއެކޭ އެއްފަދައިން ވަރަށް ގިނަގުނަ މަސައްކަތް ކުރަމުންދޭ. ރީތި މަންޒަރުތަކާއި ލަވައާއި އަދި ނާޗަރަންގީތަކުން ދަނީ މި ލޮބުވެތި ވަތަނުގައި އޮތް މުޖްތަމައު ފަސާދަކުރަމުން. މީލާދީ އާ އަހަރާއި ލޯބިވެރިންގެ ދުވަހަކީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަންކަމެއް ނޫން. މިކަން އަޅުގަނޑުމެންގެ ޝަގާފަތާއި ގުޅުވުމަކީ ދިވެހި ރާއްޖޭގެ މުސްތަގްބަލާއި އަޅުގަނޑުމެންގެ ލޮބުވެތި ދަރިންގެ ހަލާކު. މިދެކެވެނީ ދީނުގައި ހައްދުފަހަނައަޅާފައިވާ ވިސްނުމަކުން ދެކެވޭ ވާހަކައެއް ނޫން.އެފަދައިން ތިބާއަށް އިހުސާސް ކުރެވުނު ކަމީ ތިބާގެ އީމާންތެރިކަން ބަލިކަށިކަން ދައްކުވައިދޭ ހެއްކެއް." މިހެންނެވެ.

https://www.youtube.com/watch?v=XX2LLBGiNwA

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް