ހުޅުމާލޭ ވޯޓާ ތީމް ޕާކުގެ ޢަމަލީ މަސައްކަތް ނުވަ އަހަރަށް ފަހު އަލުން ފަށައިފި

26 Nov 2026 | 14:38
ފޮޓޯ: އެޗްޑީސީ

ފޮޓޯ: އެޗްޑީސީ

2017 ވަނަ އަހަރު ފެށުމަށް ފަހު ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓާ ތީމް ޕާކު މަޝްރޫޢު، ބައިނަލްއަޤުވާމީ ފެންވަރުގެ ރިސޯޓް ހޮޓަލަކާ އެކީ ތަރައްޤީކުރާ އައު މާސްޓަރ ޕްލޭނެއްގެ ދަށުން މިއަދު އަލުން ފަށައިފިއެވެ.

ޖުމްލަ 41,549.7 އަކަމީޓަރުގެ ސަރަޙައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢު ޑިވެލޮޕްކުރަނީ ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުންނެވެ. ލަފާކުރެވޭ ގޮތުގައި 18 މަސް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ފުރިހަމަވާނެއެވެ. ދިވެހި ޢާއިލާތަކާއި ފަތުރުވެރިންނަށް ހުޅުމާލޭ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ރޭވިފައިވާ މި މަޝްރޫޢުގެ ފުރަތަމަ ބަޔަކީ 17,800 އަކަމީޓަރުގެ ވޯޓަރ ތީމް ޕާކެވެ.

Advertisement

މޫދާ ގުޅޭ ގޮތަށް ބިނާކުރާ އެ ޕާކުގައި 11 ވޯޓަރ އެޓްރެކްޝަނާއި ޚިދުމަތްދޭ 30 ވަސީލަތް ހިމެނެއެވެ. އޭގެ ތެރޭގައި އަށް ސްލައިޑް ހިމެނޭ ކޮމްޕްލެކްސެއް، 290 މީޓަރުގެ ލޭޒީ ރިވަރ، 900 އަކަމީޓަރުގެ ވޭވް ޕޫލް، 1,900 އަކަމީޓަރުގެ ސްޕްލޭޝް ޕެޑް އަދި ޓޯނޭޑޯ ސްލައިޑް ހިމެނެއެވެ. ކުޑަކުދިންނަށް ޚާއްޞަ ބޫމަރޭންގް ސްލައިޑާއި ޓޮޑްލަރ ޕޫލާއި 200 އަކަމީޓަރުގެ ސްޕާ ޕޫލެއް ވެސް ހުންނާނެއެވެ. މޫދު ފެންނަ 230 އަކަމީޓަރުގެ އިންފިނިޓީ ޕޫލަކާއި، މޫދުމަތީ އިންފްލޭޓަބަލް ޗެލެންޖް ގޭމްސް، ކޯސްޓަލް ސްލައިޑް، ވިއުއިންގ ޕްލެޓްފޯމް އަދި ޕްރައިވެޓް ކޮޓޭޖްތައް ވެސް ޕާކުގައި ތަރައްޤީކުރާނެއެވެ. އައު މާސްޓަރ ޕްލޭންގައި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް، ފަސް ފަންގިފިލާގެ އޮފީހާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް، ރެސްޓޯރެންޓް، ފޮޓޯ ޒޯންތައް، މަލްޓިމީޑިއާ ޒޯން އަދި ޕާކިންގ ޖާގަ ހިމަނާފައިވެއެވެ.

ދެވަނަ ބަޔަކީ 23,749.7 އަކަމީޓަރުގެ "ވޯކޯ ރިސޯޓް ހޮޓެލް" އެވެ. އެ ހޮޓެލުގައި 250 ކޮޓަރިއާއި ސުއިޓް، 95 ސާވިސްޑް އެޕާޓްމަންޓް، ދިގު މުއްދަތަށް ކުއްޔަށް ދޭ 15 އެޕާޓްމަންޓް އަދި ބީޗްފްރަންޓް ތިން ވިލާ ހުންނާނެއެވެ. 2,942 އަކަމީޓަރުގެ ރީޓެއިލް ޖާގައާއި ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓެއް ވެސް ހެދުމަށް ރޭވިފައިވެއެވެ. 3,550 އަކަމީޓަރުގެ ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް ބިނާކުރާއިރު، ކުރިން ހުރި ޢިމާރާތްތައް މަރާމާތުކޮށް ބޭނުންކުރުމަށް ވެސް ނިންމާފައިވެއެވެ. ބޭސްމަންޓުގައި 61 ކާރާއި 230 ސައިކަލަށް ޕާކުކުރެވޭ ގޮތް ހެދުމަށް ވެސް ޕްލޭނުގައި ހިމަނާފައިވެއެވެ.

ހުޅުމާލޭގައި ހުއްޓިފައި ހުރި އެހެން ބޮޑެތި މަޝްރޫޢުތައް ވެސް އެ ކޯޕަރޭޝަނުން ފާއިތުވި ދުވަސްތަކުގައި ނިންމާފައިވެއެވެ. ގާތްގަނޑަކަށް 21 އަހަރު ހުއްޓިފައި އޮތް ސިޓީ ހޮޓެލް ނިންމައި މިހާރު ޚިދުމަތް ދެމުން ގެންދެއެވެ. 2017 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫޢު ނިންމައި މީހުން ދިރިއުޅެން ފެށިފައިވާ އިރު، ދި ގާޑަން މަޝްރޫޢު ވެސް ފުރިހަމަކޮށްފައިވެއެވެ. 2018 ވަނަ އަހަރުން ފެށިގެން ބޭނުންނުކޮށް ހުރި ވާޓިކަލް ޕާކިން ނިޒާމުތައް ރީކޮމިޝަންކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށާއި ވަރަށް އަވަހަށް އެ ނިޒާމުތައް ބޭނުންކުރެވެން ފެށޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް