މަސް ދުވަސް ނުވަނީސް ދީނާ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފި

26 Nov 2026 | 14:16
މަސް ދުވަސް ނުވަނީސް ދީނާ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފި

ކޮރަޕްޝަނާއި ގުޅުން ހުރި ދައުވާއެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އޭނާ ޖަލަށް ލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ ސާބިތުވެގެންނެވެ. ދީނާ އަހަރާއި ހަތް މަހާއި 11 ދުވަހަށް ޖަލަށް ލާން ހުކުމް ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އޭނާ ގޭ ބަންދަށް ބަދަލު ކުރިކަން މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ. އެއިދާރާގެ އޮފިޝަލަކު ވިދާޅުވީ ދީނާ ގޭ ބަންދަށް ބަދަލު ކުރީ ސިއްހީ ހާލަތު ދަށަށް ދިޔުމާއި ގުޅިގެން، ޑޮކްޓަރުގެ ލަފާގެ މަތިން ވަގުތީ ގޮތުން ކަމަށެވެ.

ދީނާއަށް ހުކުމް ކުރި ދުވަހުވެސް ސިއްޙީ އަދި ޢާއިލީ ހާލަތަށް ބެލުމަށްފަހު ޖަލު އަދަބު ގޭބަންދާއި ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ދީނާގެ ދިފާއީ ވަކީލުން އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު އެ ދުވަހު ވިދާޅުވީ "ދީނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް ހުރި މީހެއްކަން އެނގޭނެ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައި ނުވާ" ކަމަށެވެ.

ދީނާގެ މި މައްސަލައާ ގުޅިފައިވަނީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް އާ ދެމެދު ހެދި 848,000 ރުފިޔާގެ އެއްބަސްވުމަކާއި އެވެ. އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރިކަން ޔަޤީންނުކޮށް ބްލޭޒަން އިންކަށް ފެނަކައިން ފައިސާ ދޫކޮށްފައިވަނީ ދީނާގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް