ކިއުއެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނި ރާއްޖޭގެ މަތީ ތައުލީމަށް މުހިންމު ކާމިޔާބެއް

08 Nov 2026 | 04:53
ފޮޓޯ: އެމްއެންޔޫ

ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަށް ކިއުއެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގެ 2027 ވަނަ އަހަރުގެ ލިސްޓުން ޖާގަ ލިބި، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް މުހިންމު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

އެ ޔުނިވަރސިޓީން ނެރުނު ބަޔާނުގައިވާ ގޮތުން މި ރޭންކިންގައި އެމްއެންޔޫ ހިމެނިފައި ވަނީ އޭޝިއާގެ 1101 އާ 1200 ވަނައާ ދެމެދުގެ ބޭންޑެއްގައެވެ. ދެކުނު އޭޝިއާ ސަރަޙައްދުގައި ގަދަ 400 ގެ ތެރެއިން ޖާގައެއް ލިބުމުގެ އިތުރުން، ރާއްޖޭގެ އެއްވަނައިގައި ހިމެނޭ ޔުނިވަރސިޓީއަކީ ވެސް އެމްއެންޔޫ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިއުއެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި ޔުނިވަރސިޓީތައް ވަޒަންކުރަނީ އެކެޑެމިކް ރެޕިއުޓޭޝަނާއި، ދިރާސާ ކުރުމުގެ ފެންވަރާއި، ކިޔަވައިދޭ މުވައްޒަފުންނާ ދަރިވަރުންގެ ނިސްބަތާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ހިންގުން ފަދަ ގިނަ ދާއިރާތަކަކުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މިއީ ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ބައިނަލްއަޤުވާމީ ފެންވަރުގައި ފެންނަ މިންވަރު އިތުރުކުރުމަށް ލިބުނު ފުރުޞަތެއް ކަމަށް ވެސް އެމްއެންޔޫން ދެކެއެވެ.

މި ކާމިޔާބީއާ ގުޅިގެން ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ "ﷲ ގެ ރަޙްމަތާއެކު، އެތައް ބައެއްގެ އެތައް އަހަރެއްގެ ބުރަ މަސައްކަތުން މި މުހިންމު ހިސާބަށް ވާޞިލުވެވިއްޖެ. މި ކާމިޔާބީއަކީ ހަމައެކަނި އަޅުގަނޑުމެންގެ ޔުނިވަރސިޓީއަށް ލިބުނު ކާމިޔާބީއެއް ނޫން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ވެސް ލިބުނު ކާމިޔާބީއެއް. މި ހިސާބަށް ވާޞިލުވެވުމުން އުފާކުރިޔަސް، ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަކަން ދަންނަން. އެންމެ މުހިންމީ ދެމުންގެންދާ ތަޢުލީމުގެ ފެންވަރު މަތިކޮށް، ދަރިވަރުންނަށް އެހީތެރިވެ، ދިރާސާ ވަރުގަދަކޮށް، ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންނާއި މުޖުތަމަޢުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުން" ކަމަށެވެ.

މި ކާމިޔާބީ ހާސިލުވެފައި ވަނީ މަތީ ތަޢުލީމު ދޭ ވަކިވަކި މުއައްސަސާތަކެއްގެ ގޮތުގައި ފެށުނު ހިސާބުން ޤައުމީ ޔުނިވަރސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރެވެންދެން، އެތައް ޒަމާނެއް ވަންދެން އެކި ފަރާތްތަކުން ކޮށްފައިވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް