ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން، މަސައްކަތުގެ މާހައުލު ވަޒަންކުރާ ބައިނަލްއަޤުވާމީ މިންގަނޑެއް ކަމަށްވާ "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހާސިލުކޮށްފިއެވެ.
މި ސެޓިފިކޭޝަނަކީ "ޓްރަސްޓް އިންޑެކްސް ސާވޭ" ނަމަކަށް ކިޔާ ސާވޭއެއް މެދުވެރިކޮށް، މުވައްޒަފުން އެ ބައެއްގެ ކުންފުންޏަށް ކުރާ އިތުބާރާއި އިހުތިރާމުގެ މިންވަރު ވަޒަންކުރުމަށް ފަހު ދުނިޔޭގެ ފެންވަރުގައި ދެވޭ ބައިނަލްއަޤުވާމީ ސެޓިފިކޭޝަނެކެވެ. ކުންފުންޏާ މެދު މުވައްޒަފުން ފަޚުރުވެރިވާ މިންވަރާއި، މުވައްޒަފުންގެ ޖުމްލަ ތަޖުރިބާ ހުރި ގޮތް ވެސް މި ސާވޭއިން ބެލެވެއެވެ.
ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު އަޒްހާ ޒަމީރު ވިދާޅުވީ ޖެހިޖެހިގެން ދެވަނަ އަހަރު 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ލިބުމަކީ، ދިރާގުގެ އެންމެހައި މުވައްޒަފުންގެ ބައިވެރިވުމާއެކު ބިނާކޮށްފައިވާ ހަރުދަނާ މަސައްކަތުގެ މާހައުލު އެގޮތުގައި ދެމެހެއްޓި، އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ.
މި ސަގާފަތް ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމުގެ އިތުރުން އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ މައްޗަށް ކަމަށް މިއީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދިރާގުގެ މުވައްޒަފަކަށް ވީތީ ފަހުރުވެރިވާ ފަދަ ވެއްޓެއް ގާއިމުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ. އަދި، މި ސަގާފަތް ދެމެހެއްޓުމުގައި ދިރާގުގެ މުވައްޒަފުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އަމާޒަކީ، މި ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް މި ހަރުދަނާ މިންގަނޑުތައް ހިފަހައްޓައި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމާއި ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބުން" ކަމަށެވެ.
ދިރާގުގެ މުވައްޒަފުންގެ 99.9 އިންސައްތައަކީ ދިވެހިން ކަމަށްވާ އިރު، އެ ކުންފުނިން ދަނީ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް