ތިން ފުރޮޅުލީ އުޅަނދު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްދީ، ފީތައް މާފުކޮށްދޭން ނިންމައިފި

ރަށްރަށުގައި ރަޖިސްޓްރީ ނުކޮށް ދުއްވާ ތިން ފުރޮޅުލީ ޕިކަޕްތައް އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްދީ، ރަޖިސްޓްރީ ކުރުމުގެ ފީތައް މާފުކޮށްދޭން މިނިސްޓްރީން ނިންމައިފިއެވެ.

26 Nov 2026 | 10:39
ތިން ފުރޮޅުލީ އުޅަނދު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްދީ، ފީތައް މާފުކޮށްދޭން ނިންމައިފި

ރަށްރަށުގައި ރަޖިސްޓްރީ ނުކޮށް ދުއްވަމުންދާ ތިން ފުރޮޅުލީ ޕިކަޕްތައް ގަވާއިދަށް ފެއްޓުވުމަށް ޓެކީ ލުއިތަކެއް ތައާރަފުކުރަން އިގްތިސާދީ ތަރައްގީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ލިޔެކިޔުންތައް ނެތުމާއި އެ ނޫން ވެސް ސަބަބުތައް މެދުވެރިވެގެން ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސް ވެފައިވާ އެއްގަމު އުޅަނދުތައް އަތޮޅުތަކުގައި ދުއްވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސީ3 އަދި ސީ4 ކެޓަގަރީގެ ތިން ފުރޮޅުލީ އުޅަނދުތައް، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްދެވޭ ބާވަތެއްގެ ގޮތުގައި ގިންތިކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

މި ބަދަލާ އެކު، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ އެ ދެ ކެޓަގަރީގެ އުޅަނދުތައް ދެން އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ހަމައެއާ އެކު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ރަޖިސްޓްރީ ކުރުމާ ގުޅިގެން ދައްކަން ޖެހޭ ފީތައް މާފުކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރާއްޖެ އެތެރެކުރި ތާ ގިނަ ދުވަސްވެ، ނުވަތަ ރަޖިސްޓްރީ ލާޒިމުކުރުމުގެ ކުރިން ގެނެސް ރަށްރަށުގައި ދުއްވަމުން އައި ސީ3 އަދި ސީ4 އުޅަނދުތައް، ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތް ހާލަތުގައި ވެސް، ރޯޑްވާރދިނަސް ލިޔުމަށް ބެލުމަށް ފަހު ރަޖިސްޓްރީކޮށްދިނުމަށް ވެސް ނިންމާފައިވެއެވެ.

ބެޓެރީ ބޭނުންކޮށްގެން ދުއްވާ ރަށު ޕިކަޕްތަކުން ނަގަމުން ދިޔަ 1،800 ރުފިޔާގެ އަހަރީ ފީ އުވައިލުމަށް ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ވަނީ އިއުލާނުކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް