ރައީސް ސާލިޙްގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މައުލޫމާތު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއަށް) ހުށަހެޅުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޝްވަރާކޮށްފިއެވެ. މިގޮތަށް މަޝްވަރާކޮށްފައިވަނީ، އެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ކޮމިޓީގައި ދިރާސާ ކުރުމގެ މަރުހަލާގައެވެ.
މި ހުށަހެޅުން އެ ކޮމިޓީގައި ހުށަހަޅާފައިވަނީ މަރަދޫ ދާއިރާގެ މެމްްބަަރު އިބްރާހިމް ޝަރީފެވެ. އޭނާ ވިދާޅުވެފައިވަނީ ތިއްބަވަން ޖެހޭނީ ނަޒާހަތްތެރި ވަޒީރުން ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުމުގައި މީގެ ކުރިން އަމަލުކޮށްފައިވާ އުސޫލު ދޫކޮށްލައި ރަނގަޅަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.
ޝަރީފްގެ އެ ހުށަހެޅުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ތާއީދުކުރައްވާފައިވާއިރު އޭނާ ވިދާޅުވެފައިވަނީ ވަޒީރުން އައްޔަން ކުރުމާ ހަމަޔަށް އެ ބޭފުޅުންގެ ވިޔަފާރިތަކާ ބެހޭ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީ އިން ވެސް ސާފު ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ވަޒީރުންގެ ފަތިފުށް ސިއްރު ޑޮކިއުމަންޓެއްގެ ގޮތުގައި ވިޔަސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުށަހެޅުމަށް އެދިލައްވާކަމުގައިވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
މި މަޝްވަރާތައް މިގޮތަށް ކުރެވުނު ނަމަވެސް، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެކަމާއި މެދު ވޯޓަކަށް އަހާފައެއް ނުވެއެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމާލާފައިވަނީ ވަޒީރުންނަށް ރުހުން ދިނުމާއިބެހޭ މަސައްކަތްތައް ކޮމިޓީގެ އެހެން ބައްދަލުވުމެއްގައި ކުރިއަށް ގެންދާނެ ކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް