ރައީސް ނަޝީދު މިނިވަން ވެއްޖެ

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިއަދު ސުޕްރީމް ކޯޓުން މިނިވަންކޮށްފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ...

26 Nov 2018 | 09:50

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިއަދު ސުޕްރީމް ކޯޓުން މިނިވަންކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރު،މާޗް 15 ގަ އެވެ. އަދި އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ތާއީދުކޮށްފައިވެ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި މީގެ ކުރިން ނިހާއީ ހުކުމެއް އިއްވާފައެއް ނުވެ އެވެ.

ހުކުމުގެ ދަށުން ދުވަސްކޮޅެއްގައި މާފުށީ ޖަލުގައި ހުންނެވުމަށް ފަހު، އެމަނިކުފާނު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެނބުރި އައިސްފައެއް ނުވެ އެވެ. އދ ގެ ވޯކިން ގްރޫޕަށް އެމަނިކުފާނުގެ ޖަލު ހުކުމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލައި އެ ޖަމާއަތުން ބުނެފައި ވަނީ، އެމަނިކުފާނުގެ ޝަރީއަތް ހިންގީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެހެން ކަމުން އެމަނިކުފާނު މިނިވަންކޮށް ހިފަހައްޓާފައިވާ ހުރިހާ ހައްގެއް އެމަނިކުފާނަށް ލިބިދޭން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބު، އިބްރާހިމް މުޙައްމަދު ސާލިޙު ކާމިޔާބު ކުރެއްވުމާއެކު، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމެވުމުން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން އެ މައްސަލަ ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓްގައި އެދުނެވެ. އަދި އެ ކޯޓުން ވަގުތީ އަމުރެއް ނެރުނީ، ކުރިން އިއްވާފައިވާ ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އެމަނިކުފާނުގެ މައްޗަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅުމަށެވެ.

ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވެސް ބާތިލް އިޖުރާއަތެއްގެ މައްޗަށް ކަމަށާއި އެހެންވެ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާތިލް ކަމެއް ކަމަށެވެ.

މައްސަލަ ބެއްލެވީ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗްގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ޝަރީއަތުގެ އަޑުއެހުމަށް ރައީސް ނަޝީދު ވެސް ވަޑައިގެންނެވިި އެވެ. ރައީސް ނަޝީދު ގެންދެވީ ހުކުމްގެ މުހިންމު ނުކުތާތައް އަމިއްލައަށް ނޯޓް ކުރައްވަމުންނެވެ. އަރިހުގައި އެމަނިކުފާނުގެ ދެ ވަކީލުން ކަމަށްވާ ހިސާން ހުސެއިން އާއި ސަފާ ޝަރީފް ތިއްބެވެ. މިއަދުގެ އަޑުއެހުން އަޑުއައްސަވަން ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލް ޖެރަޑް ޖެންސާ ވެސް ވަޑައިގެންނެވި އެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުން ވެސް ތިއްބެވެ.

ތިން ފަނޑިޔާރުގެ ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުގައި ޖިނާއީ ކުށެއްގެ ތުހުމަތުކުރާނަމަ، އެއީ ގާނޫނެއްގައި ބަޔާންކޮށް، އަދަބު ކަނޑައަޅާފައިވާ އަމަލެއް ހިންގައިގެން ކުރާ ތުހުމަތަކަށް ނުވަތަ ދައުވާއަކަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްސަލާގައި ސިފައިންގެ ގާނޫނުގެ ދަށުން ކޮށްފައިވާ ކަމެއް، ޓެރަރިޒަމްގެ ކުށަކަށް ހަދައި، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޕީޖީއިން ހިންގި ބާތިލް އިޖުރާއަތެއްގެ މައްޗަށް ކަމަށް ވެސް ހުކުމްގައިވެ އެވެ.

ދައުވާ އުފުލާއިރު އެކަންކަމަށް ބެލުމަކީ ޕީޖީގެ ޒިންމާއަކަށްވާއިރު، ކުރިމިނަލް ކޯޓުގައި ދައުވާ އުފުލުމުން މަދަނީ ގޮތުން މައްސަލަ ކުރިއަށް ގެންދިޔުމުގައި ދައުވާ އުފުލާފައިވަނީ ސައްހަކޮށްތޯ ކޯޓުން ވެސް ކަށަވަރުކުރަން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ޝަރީއަތް ހިންގީ ދައުވާ ސައްހަތޯ ބެލުމެއް ނެތި ކަމަށެވެ. އެހެންވެ، އެ މައްސަލަ ފެށިގެން އައިސްފައިވަނީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށާއި ބާތިލް އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވަމުން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމަކަށް ވާނެ ކަމަށް ހުކުމްގައި ބުންޏެވެ.

ދަށު ކޯޓުން އިއްވާ ހުކުމްތައް އިސްތިއުނާފު ކުރުމަކީ ދެ ފަރާތަށް ވެސް ލިބޭ ހައްގަކަށްވާއިރު ރައީސް ނަޝީދުގެ ފަރާތުން އެއްވެސް މަރުހަލާއެއްގައި އެ ހައްގުގެ ބޭނުން ނުކުރާކަން ހުކުމްގައި ފާހަގަކުރި އެވެ. ހުކުމް ކަށަވަރުކުރަން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ހުށަހެޅީ ޕީޖީއިންނެވެ. ހައިކޯޓުން ވެސް ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމް ރަނގަޅު ކަމަށް ކުރިން ނިންމާފަ އެވެ. ނަމަވެސް މިއަދުގެ ހުކުމްގައި ބުނީ އެ މައްސަލާގައި ފައިސަލާކުރުވަނިވި ހުކުމެއް އިސްތިއުނާފީ މަރުހަލާގައި އިއްވާފައިނުވާ ކަމަށެވެ.

އެ ސަބަބުތައް އެހެން ހުރުމުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ އެންމެ ފުރަތަމަ ވެސް ބާތިލް އިޖުރާއަތްތަކެއްގެ މަތިން ފެށިގެން އައި މައްސަލައަކަށްވާތީ އެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ.

ރައީސް ނަޝީދުގެ ހުކުމް ބާތިލްކުރި، އެމަނިކުފާނުގެ ސަޕޯޓަރުން ސުޕްރީމް ކޯޓުގެ ބޭރުގައި އުފާ ފާޅުކުރަމުން ދިޔަ އެވެ. ކޯޓުން ނުކުންނަވާ އެމަނިކުފާނު ވަނީ ސަޕޯޓަރުންނަށާއި ގާނޫނީ ޓީމަށް ޝުކުރު އަދާކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ހުކުމް ބާތިލް ވެގެން ދިޔައީ ދިވެހި ރައްޔިތުން ދެއްކި ހިތްވަރުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް