އަސްކޮއި ޖަމާއަތަށް ފޭކް ޓިކެޓް ވިއްކި ކުންފުނީގެ މެނޭޖަރަކު ހައްޔަރުކޮށްފި

އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި 48 މީހުންނަށް ފޭކް ޓިކެޓް ތަކެއް އިޝޫކުރި މައްސަލާގައި އެ ގްރޫޕަށް ޓިކެޓް ވިއްކި ކުންފުނީގެ މެނޭޖަރަކު ހައްޔަރުކޮށްފިއެވެ. ދީފައި ހުރީ ފޭކ...

26 Nov 2018 | 07:00

އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި 48 މީހުންނަށް ފޭކް ޓިކެޓް ތަކެއް އިޝޫކުރި މައްސަލާގައި އެ ގްރޫޕަށް ޓިކެޓް ވިއްކި ކުންފުނީގެ މެނޭޖަރަކު ހައްޔަރުކޮށްފިއެވެ.

ދީފައި ހުރީ ފޭކު ޓިކެޓުތަކެއްކަން އެނގުނީ އެމީހުން އުމްރާއަށް ފުރަން އިއްޔެ މެންްދުރު އެއާޕޯޓަށް ގޮސް ޗެކިން ކައުންޓަރަށް ދިއުމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ ޓްރެވަލް އެޖެންސީއެއް ކަމަށްވާ، ޑީބީ ޓްރެވަލްސްގެ ޓިކެޓިން މެނޭޖަރު  ކ. ގުޅި ރޯޒްމީޑް، ހަސަން ނިޝާނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ސްރީލަންކާ އަށް ފުރަން މަސައްކަތް ކުރަނިކޮށް އައްޑޫ އިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަސްކޮއި ގްރޫޕްގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވާގޮތުގައި އުމްރާއަށް ދިޔުމަށް ފައިސާ ދައްކާފައި ތިބި އެންމެންނަށް ޓިކެޓް ނެގުމަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ޓިކެޓިން އެޖެންޓައި ވާނީ ހަވާލުކޮށްފައެވެ.  އަދި އެ ފޭކު ޓިކެޓު ތަކަކީ އެޖެންޓް އެ ޖަމާއަތާ ހަވާލުކުރި ޓިކެޓްތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އުމްރާއަށް ދާން އުޅުނު މީހުންނަށް ފުރޭގޮތް ނުވުމުން އަސްކޮއި ގްރޫޕުން މިހާރު ނިންމާފައިވަނީ އެ ޖަމާއަތުން އަމިއްލައަށް އެއާލައިންއާ ގުޅައިގެން ޓިކެޓް ނަގައި މީހުން ފުރުވާ ލުމަށެވެ. އެގޮތުން މި ހަފްތާ ފަހުކޮޅު އެ އެންމެންނަށް ވެސް ފުރޭނެ ގޮތް ހަމަޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް