ދައުލަތުން 2019 ވަނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓްގެ މަސައަކަތްތަށް ނިންމާ، މަޖިލީހުން މާދަމާ ފާސް ކުރުމަށް ނިންމަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީސް ރައީސް ޤާސިމް އިބްރާހިމް ވިދާޅުވީ ބަޖެޓަށް އިތުރު އިސްލާހެއް ހުށަހަޅަން ބޭނުން ނަމަ މިއަދު 6:00 ގެ ކުރިން އެ އިސްލާހެއް ހުށަހަޅަން އެދޭ ކަމަށެވެ. އަދި މާދަމާ ބަޖެޓު ފާސް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސާލިޙުގެ އޮފީހުގެ ލަފާގެ މަތިން މިދިޔަ ސަރުކާރުން މަޖިލީހަށް ފޮނުވީ، އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް، ހަރަދުގެ ގޮތުގައިި 29.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ބަލައި 3.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ނަމަވެސް ދެ ހަފްތާއަށް ކުރިއަށް ގެންދިޔަ ބަޖެޓް ކޮމިޓީގެ ޖަލްސާތަކުގެ ތެރޭގައި މެންބަރުން މި ވަނީ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އާންމު އޮފީސްތަކުގެ ބަޖެޓުންނާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ، ބަޖެޓްގެ ބައި ޕީއެސްއައިޕީ ހިމެނޭ ގޮތުން އިތުރު 615 މިލިއަނެއްހާ ރުފިޔާ ބަޖެޓްގެ ހަރަދުތަކުގެ ތެރެއަށް ވަނީ އިތުރުކޮށްފަ އެވެ.
ބަޖެޓް އިތުރުކުރި ދާއިރާތައް:
- ފޮރިން މިނިސްޓްރީއަށް 25 މިލިއަން ރުފިޔާ
- ފުރަތަމަ ޑިގްރީ ޕްރޮގްރާމަށް 100 މިލިއަން ރުފިޔާ
- ކުރީގެ ރައީސުންގެ އިނާޔަތަށް އެއް މިލިއަން ރުފިޔާ
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ދެ މިލިއަން ރުފިޔާ
- ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 35 މިލިއަން ރުފިޔާ
- ޕީއެސްއައިޕީއަށް 452 މިލިއަން ރުފިޔާ
އޭގެ އިތުރުން އެހީގެ ގޮތުގައި ލިބޭނެ އަދަދު އިތުރުކޮށް އާމްދަނީއަށް އިތުރު 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނައިފަ އެވެ. މަޖިލީހުން އިސްލާހުކުރި ބަޖެޓްގައި މިހާރުވާ ގޮތުގައި ހިލޭ އެހީ ހިމަނައިގެން އާމްދަނީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ، 23.3 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން މަޖިލީހަށް ބަޖެޓް ފޮނުވި އިރު އެ އަދަދު އޮތީ، 23 ބިލިއަން ރުފިޔާގަ އެވެ.
ބަޖެޓާއެކު 10 ރެކަމެންޑޭޝަނެއް ވެސް ވަނީ މީގެ ކުރިން ފާސްކޮށްފަ އެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން ފާސް ކުރި ފުރަތަމަ ރެކަމެންޑޭޝަނަކީ ބަޖެޓަކީ ކުރީގެ ސަރުކާރުން އެކުލަަވާލި ބަޖެޓަކަށް ވުމުން އާ ސަރުކާރުގެ އޮފީސްތަކަށް އައި ބަދަލުތަކާއި އެ އޮފީސްތަކަށް ބަޖެޓު ކަނޑައެޅި ގޮތް ބަޖެޓު ފާސް ކުރާތާ 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށެވެ. ދެވަނަ ކަމަކަށް އިންކަމް ޓެކްސް ތާރަފް ކުރުމެވެ.
މީގެ އިތުރުން ޑީޖޭއޭގެ ބަޖެޓު އިތުރުކޮށްދީފައިވާ އިރު މިހާރަށް ވުރެ ބާރު ސްޕީޑަށް މައްސަލަތައް ނިންމާ، ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު މާލިއްޔަތު ކޮމިޓީއަށާއި މިނިވަން މުއައްސަސާތަކުގެ ކޮމީޓީއަށް ފޮނުވައިދިނުމަށް ވަނީ ބަޖެޓްގައި އެދިފަ އެވެ. އަދި މިހާރު ހަދަން ފަށާފައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް ނުހުއްޓާ ކުރިޔަށް ގެންދިޔުމަށާއި ލާމަރުކަޒީ ހިންގުން ހަރުދަނާ ކުރަން، ކައުންސިލްތައް ހިންގުމުގެ ބަޖެޓު ފިނޭންސް އިން ހަމަޖައްސައިދިނުމަށެވެ.
އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޕާފޯމަންސް އޮޑިޓެއް ހެދުމަށާއި ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ކަމަށްވާ، ހިޔާ މަޝްރޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ބްރިޖާއި، އައިޖީއެމްއެޗް އިމާރާތުގެ މަޝްރޫއަށް ފައިނޭންސް ހޯދީ، ގާނޫނުތަކާ އެއްގޮތަށްތޯ ބަލައި އޮޑިޓެއް މާލިއްޔަތަށް ހުށަހެޅުމަށް ވެސް ފާސް ކުރި އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި ކަހާ ސާފު ކުރަން މިހާރު ދެނީ ވަރަށް ކުޑަ އަގަކަށް ވާތީ އެ އަގުތައް އަލުން ރިވިއުކޮށް ބޮޑު ކޮށްދިނުމަށާއި ކޮންޓެންޖަންސީ ބަޖެޓުގެ ތެރެއިން މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ހަމަޖެއްސުމަށް ވެސް ބަޖެޓް ރެކޮމެންޑޭޝަންގައި ހިމެނުމަށް ވަނީ ފާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް