އެމްޑީޕީން އިސްނަގައިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށް ގެންދިއުމުގައި ޤާނޫނާއި ޤަވާޢިދުތަކުގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަށް ހޯމް މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.
އެމިނިސްޓްރީން ނެރެފައިވާ މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤައުމު ހިންގުމާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮއްދޭ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮއްދިނުމާއި ރާއްޖޭގެ ޤާނޫނުތައް ނެގެހެއްޓުމާއި ޤައުމުގެ ހަމަޖެހުން ރައްޔިތުންނަށް ޔަޤީންކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ސުލްޙަވެރިކަމާއެކު އެއްވެއުޅުމާއި ޚިޔާޅުފާލުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރުމަށް ދިވެހިފުލުހުންނާއި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުން އަބަދުވެސް އެއްބާރުލުންދޭނެ ކަމަށާއި މިފަދަ ހަރަކާތްތަކުގެ ތެރޭގަ އާއި މުޒާހަރާތަކުގައި ބައިވެރިނުވާ އެހެން ފަރުދުންނަށް ދަތިތަކާ ކުރިމަތިނުވާނެ ގޮތަށާއި އެފަދަ ފަރާތްތަކުގެ ޙައްޤުތައް ނުގެއްލޭނެހެން ކަންކަން ބެހެއްޓުމަށް ކުރަންޖެހޭ ކަންކަންވެސް ކުރަމުން ގެންދާނެ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އަދި ހަމަނުޖެހުމަށާއި ޖިނާޢީ ޢަމަލުތަކަށް މަގުފަހިވާގޮތަށް ކަންކަން ކުރިއަށްދާނަމަ، ޢަންމު ރައްޔިތުންނާއި އެކިފަރާތްތަކުގެ މުދާ ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ވަގުތުން ކުރާނެ ކަމަށްވެސް އެބަޔާނުގައި ވެއެވެ.
ހަމައެއާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަޤީންކަންވެސް ސަރުކާރުންދޭ ކަމަށާއި އެގޮތުން މުޒާހަރާ ހިނގަމުންދާ ގަޑީގައި މާލެ އާއި ރިސޯޓުތަކާއި އެހެން ރަށްރަށުން ފަތުރުވެރިންނަށް ދެމުންގެންދާ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނާންނާނެކަމުގެ ޔަޤީންކަންވެސް ދޭކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އެމިނިސްޓްރީން އިތުރަށް ބުނެފައިވަނީ މުޒާހަރާގެ ކަންކަން ސުލްޙަވެރިކަމާއި އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި ރައްޔިތުންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް އިލްކޝަންސް ކޮމިޝަނަށާއި އެޗްއާރްސީއެމް އަދި އިންޓަރގްރިޓީ ކޮމިޝަނަށް ސަރުކާރުން ގޮވާލާކަމަށެވެ.
ހަމަނުޖެހުން އުފައްދާ ފައިދާނަގަން މުޒާހަރާއާ ނުގުޅޭ މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރައްވާފައިވާ އިރު، ޤައުމީ މަސްލަހަތަށް ވިސްނައިގެން ރާއްޖޭގެ މިހާރުގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ވަނީ ހޯމް މިނިސްޓްރީން ގޮވާލާފައެވެ.
ސަލާމަތީގޮތުން ރާއްޖެއަށް ރާއްޖެއަށް މިހާރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް ކޮންމެ ރައްޔިތަކަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮއްދީ، ޤައުމުގައި އަމަންއަމާންކަން ޤާއިމުކޮށް، ޤައުމުގެ ތަރައްޤީ އާއި ރައްޔިތުންގެ މަންފާއަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ސަރުކާރު އަބަދުވެސް ޘާބިތުވެ ދެމިއޮންނާނެކަމުގެ ޔަޤީންކަން މިފުރުޞަތުގައި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް