އާޓިފިޝަލް ބީޗަށް މާދަމާ ޢާންމުން ވަނުން ފުލުހުން މަނާކޮއްފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މާދަމާ އާޓީފިޝަލް ބީޗު ވާނީ އާންމު ފަރާތަތަކަށް ބަންދު ކުރެވިފައި ކަމަށާއި މާދަމާ އެ ސަރަހައްދަށް ވަދެވޭނީ އެއްވުމަށް ދާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އިން " މިންޖުވާން " ނަމުގައި މާދަމާ ބާއްވާ އެއްވުމުގައި މަގުމައްޗަށް ނުނިކުމެވޭނެކަމަށާއި މުޒާހަރާ ކުރިއަށް ގެންދެވޭނީ ހަމައެކަނި އާޓިފިޝަލް ބީޗުގައިކަން އެމްޑީޕީއަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
މުޒާހަރާކުރަން މަގުމައްޗަށް ނުނިކުމެވޭނެ ކަމުގެ ސަބަބެއް ކަމަށް ހަމްދޫން ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައިވާ އެހެން ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ހަމްދޫން އިތުރަށް ވިދާޅުވީ ފުލުހުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި އެމްޑީޕީން ވަނީ ސުލްހަވެރިކަމާއެކު އެއްވުން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށާއި އެގޮތުގެ މަތިން އެއްވުން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާކަމަށެވެ.
ހަމަމިއާއެކު މުޒާހަރާއާ ގުޅޭ ޚަބަރާއި މަޢުލޫމާތު ވީހާވެސް ހަގީގަތާއި އެއްގޮތަށް ގެނެސްދިނުމަށް އިލްތިމާސްކުރާ ކަމަށާއި ހަގީގަތާއި ޚިލާފަށް މަޢުލޫމާތު ފަތުރާ ނަމަ، އެމީޑިއާއަކާމެދު އަޅަންޖެހުނު ފިޔަވަޅެއް ވަގުތުން އަޅާނެ ކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް