ރައީސް މުޙައްމަދު ނަޝީދަށް ފުރުޞަތު ނުދެއްވައި ސުޕްރީމް ކޯޓުގެ އަޑުއެހުން ބޭއްވުމުން އެމަނިކުފާނުގެ މަޞްލަޙަތަށް އުނިކަން ލިބޭ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ހާމަކޮށްފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީޢަތުގައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް ހިނގާފައިވޭތޯ ކަށަވަރުކޮށްދިނުމަށް އެދި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރެލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިޖްރާޢީ އަޑުއެހުމެއް ބުދަ ދުވަހު މެންދުރު 1.30 ގައި ތާވަލުކޮށް، އެ އަޑުއެހުން ބާއްވައި، އަދި އެކަން ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ޢާންމުކޮށްގައިވާހިނދު، ބުނެވިދަ މައްސަލާގައި ދައުވާލިބޭ ފަރާތްތަކަމަށް ބުނެފައިވާ ރައީސް މުޙައްމަދު ނަޝީދު ކޯޓަށް ޙާޟިރުކޮށްފައިނުވާތީއާއި އަދި ބުނެވިދިޔަ އަޑުއެހުމާބެހޭ އެއްވެސް މަޢްލޫމާތެއް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް އަންގަވާފައިނުވާކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ޕްރޮސިކިއުޓަރ ޖެނެރެލްގެ ފަރާތުން އެދިފައިވާ ކަންކަމަކީ ކްރިމިނަލް ކޯޓުން ހިންގާފައިވާ ޝަރީޢަތުގައި ރައީސް މުޙައްމަދު ނަޝީދުގެ ޙައްޤުތަކަށް އުނިކަމެއް ލިބިފައިވާކަން ނުވަތަ ނޫންކަން ބެލުން ކަމަށް ވީހިނދު، ރައީސް މުޙައްމަދު ނަޝީދުގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށާއި ޕްރޮސިކިއުޓަރ ޖެނެރަލް ފާހަގަކޮށްފައިވާ ޤާނޫނީ ނުކުތާތަކަށާއި އެނޫން އެހެން ވާހަކަތަކާގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙާޟިރުގައި ޖަވާބުދާރީވުމަށާއި އަދި ރައީސް މުޙައްމަދު ނަޝީދަށް ޤާނޫނުއަސާސީން ލިބިގެންވާ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކުރުމުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމުގެ ފުރުޞަތު ލިބިދިނުމަކާ ނުލައި މިފަދަ އަޑުއެހުމެއް ބޭއްވެވުމަކީ ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތް ކުރެވުމަށް އެމިނަކުފާނަށްވެސް ލިބިގެންވާ ޙައްޤު ނިގުޅައިގަނެ، ރައީސް މުޙައްމަދު ނަޝީދުގެ މަޞްލަޙަތަށް ލިބުނު އުނިކަމެއް" ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅި ހުށަހެޅުން ބިނާވެފައިވަނީ ރައީސް މުޙައްމަދު ނަޝީދަށް ޤާނޫނުން ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ކަމެއް ހިނގާފައިވާ ނުވަތަ ނޫންކަމާމެދު ހައިކޯޓުގެ ޙުކުމް ރިވިއުކުރުންކަމަށްވާހިނދު، ޝަރީޢަތް ކުރުމުގެ ޢާންމު އުޞޫލުތައް ނިޔާކުރާ ގޮތުގެ މަތިން ޝަރީޢަތުގެ ކޮންމެ މަރުޙަލާއްގައިވެސް ޚަޞްމުންގެ މެދުގައި ކަށަވަރުކުރަންޖެހޭ ހަމަހަމަކަމާއި ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރެވުމާއި އަދި ޖަވާބުދާރީވުމަށް ފުރުޞަތު ލިބިދިނުމާއި އަދި ޤާނޫނީ ވަކީލުންގެ އެހީ ހޯދުމަށް ފުރުޞަތު ލިބިދިނުން ކަށަވަރުކުރުމަކީ ޤާނޫނުއަސާސީގެ ހަމަތައް ނެގެހެއްޓުމަށާއި ޤާނޫނާއި ފަރުދުންގެ ޙައްޤުތަކާއި މިނިވަން ނެގެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ދުސްތޫރީ ޛިންމާއެއްކަމަށްވާތީ، ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމުގައި ބުނެވިދިޔަ ކަންކަން ޔަޤީންކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އިލްތިމާސްކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް