ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގައި އޮންލައިން ކޮމިނިޓީގެ ހިއްސާ ބޮޑު: ރައީސް މައުމޫން

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތުމުގައި އޮންލައިން ކޮމިއުނީޓީގެ ހިއްސާ ބޮޑު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާ...

26 Nov 2014 | 10:53

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތުމުގައި އޮންލައިން ކޮމިއުނީޓީގެ ހިއްސާ ބޮޑު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާގެ ވެރިކަންކުރާ ޕާޓީގެ UMNO ގެ އަހަރީ އާންމު ޖަލްސާގައި ތަގްރީރު ކުރައްވަމުންނެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އަދި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގައި ޑިޖިޓަލް ކެމްޕެއިން ސްޓްރެޓެޖީ ބޭނުންކޮށްގެން، އެ އިންތިހާބުތަކުގެ 75 ޕަސެންޓް ޕީޕީއެމް ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

އަދި ދިވެހި ދައުލަތް ހިންގުމުގައި ވެސް ސޯޝަލް މީޑިއާގެ ދައުރު ވަރަށް ބޮޑު ކަމަށާއި ހާއްސަކޮށް ސަރުކާރު ހިންގުމުގަ އާއި ރައްޔިތުންނަށް ކަންކަމަށް ގޮވާލުމުގައި އަދި ރައްޔިތުން ހިޔާލު ހޯދުމަށްޓަކައި ދާއިމީ ގޮތެއްގައި ސޯޝަލް މީޑިއާ ވަރުގަދަ ކުރެވެން ހުރި، ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ތަގްރީރުގައި އިތުރަށް ވިދާޅުވީ ޕީޕީއެމާއި UMNO ގުޅިގެން މަސައްކަތްކޮށް، ޕާޓީގެ ކުރިއެރުމަށާއި ދެ ގައުމުގެ ތަރައްގީ އަށް އިތުރު ފުރުސަތުތަކެއް ހޯދިދާނެ ކަމަށާއި ކުރިއަށް އޮތް ތާނގައި މެލޭޝިއާއާ އެކު ވިޔަފާރީގެ ގޮތުންނާއި އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުންނާއި މަތީ ތައުލީމް އަދި ސިއްހީ ދާއިރާ އިން އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

UMNO ގެ އަހަރީ އާންމު ޖަލްސާގައި 22 ގައުމަކުން 150 މަންދޫބުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި 70 އަށް ވުރެ ގިނަ ސަފީރުން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް