ތިނަދޫ ހުޅުޖެހި މައްސަލައިގެ އިސްތއުނާފު އަޑުއެހުންތައް ނިންމައިފި

ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައާއި ގުޅިގެން ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހަ...

26 Nov 2014 | 09:27

ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައާއި ގުޅިގެން ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި މިއަދު ނިންމާލައިފި އެވެ.

ހައި ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށާއި އެ ދުވަސް ފަހުން ވަކި ގޮތެއް އަންގަވާނެ ކަމަށެވެ.

ތިނަދޫގެ 85 މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ހޮނިހިރު ދުވަހު ބާއްވަން އޮތް ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރުވެފައި ނެތް ކަމަށް ބުނެ އެ މައްސަލަ ބޭރުކޮށްލިކަން ކްރިމިނަލް ކޯޓުން އެންގި ސިޓީ ދައުލަތުން އިސްތިއުނާފުކުރި މައްސަލަ އަށް ދެ ފަރާތަކުން ތަދައްހުލްވެފައި ވެ އެވެ. އެއީ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޓެރަރިޒަމްގެ ދައުވާ ލިބޭ ދެ މީހެއް ކަމަށްވާ މުހައްމަދު ޖިނާހު އަލީ އާއި ޔޫޝާއު އިސްމާއީލްގެ ފަރާތުންނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ވަކީލާ ޝައުދާ ޝަމީމް ވިދާޅުވީ ތިނަދޫގެ މައްސަލަ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓާ އެކު ސިޓީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އެ ގޮތުން މި މަހުގެ 19-27 އަށް ސިލްސިލާކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭރު ކުރި ޝެޑިއުލްގައިވާ ގޮތުން 20 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ފަހު ދެން އަޑުއެހުމެއް ބޭއްވުމަށް އޮތީ އާދީއްތަ ދުވަހު ކަމަށާއި ހޮނިހިރު ދުވަހަށް އަޑުއެހުން ބަދަލުކުރުމުން އެ ދުވަހަށް ވަކީލުންނަށް ހާޒިރުނުވެވޭނެކަން ފޯނުން އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް ހޮނިހިރު ދުވަހު އަޑުއެހުމެއް ބާއްވާނެކަން ބުރާސްފަތި ދުވަހުގެ މެންދުރު ކްރިމިނަލް ކޯޓުން ސިޓީއަކުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އަންގާފައިވާކަން ތަދައްހުލްވި ފަރާތުގެ ވަކީލް އިބްރާހީމް ރިފްއަތު މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައި ވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދިފައި ވަނީ މިފަދަ އިދާރީ މައްސަލައަކާ ގުޅިގެން ސިޓީއެއް މެދުވެރިކޮށް ކޯޓުތަކުން މައްސަލަތައް ބޭރުކޮށްނުލެވޭނެކަން ކަނޑައަޅައި ދިނުމަށާއި ކްރިމިނަލް ކޯޓުން ބޭރުކޮށްލުމަށް ފޮނުވި ސިޓީއަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މިމައްސަލައަށް ތަދައްހުލްވި  ދެ ވަކީލުން އެދިފައިވަނީ މި މައްސަލަ އިތުރަށް ދެން ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ތިނަދޫގައި ހުޅުޖެހި މައްސަލަ ބޭރުކޮށްލުމުން ޕީޖީން އެ މައްސަލަ އަލުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ވެސް ޕީޖީން އެ މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް ހައި ކޯޓުގައި އިސްތިއުނާފީ މައްސަލަ ކުރިއަށްދާތީ ތިނަދޫ މައްސަލަ ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް