ތ. ގާދިއްފުށީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ދިރާގު އެންޓަނާ ތިން މަސްތެރޭ ނަގަން އެރަށު ކައުންސިލުން ދީފައިވާ މުއްދަތުގައި ވަކި ގޮތަކަށް އަމަލު ކުރާނެކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ދުވަހަށް ވިދާޅުވީ އެ ރަށު ކައުންސިލުން ފާސްކުރި ގަރާރަށް އަމަލު ކުރާނެ ގޮތެއް ނިންމާނީ ދިރާގުގެ އިދާރީ ބައިން ކަމަށާއި، ކައުންސިލް އިދާރާގައި ހުރި އެންޓަނާ ނަގަން ކައުންސިލުން އަންގަނީ އެ ބިން ބޭނުންވެގެން ކަމަށް ވާނަމަ އެކަމަށް ދިރާގުން ފިޔަވަޅެއް އަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދިރާގުގެ އެންޓަނާ ކޮންމެ ރަށެއްގެ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ޖެހިޔަސް ޖަހާފައިވާނީ ސަރުކާރުން ހުއްދަ ދީގެން ކަމަށެވެ.
އިމްޖާދު ވިދާޅުވީ ރައްޔިތުންގެ ޝަކުވާއެއް ކަމަށް ކައުންސިލްގެ ގަރާރުގައި ފާހަގަކޮށްފައިވާ ހިދުމަތް ނުލިބުމުގެ މައްސަލަ ބަލާނެކަމަށާއި އެހެން ނަމަވެސް ދިރާގުގެ ތްރީޖީ ހިދުމަތް އެކަށީގެންވާ ގޮތުގައި ނުލިބޭކަމަށް ބުނެ އެދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ގާދިއްފުއްޓަކީ އަދި ދިރާގުން ތްރީޖީ ހިދުމަތް ފޯރުކޮށްދޭ ރަށެއް ނޫންކަމަށާއި އެރަށަށް އަދި ފޯރުކޮށްދެމުންދަނީ ޓޫޖީގެ ހިދުމަތް ކަމަށެވެ.
ވަރަށް އަވަހަށް އެރަށަށް ތްރީޖީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ތ. ގާދިއްފުށީ ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި ބުނެފައިވަނީ އާބާދީގައި 678 މީހުން ދިރިއުޅޭ ގާދިއްފުއްޓަށް ދިރާގުގެ ތްރީޖީގެ ހިދުމަތް އެއްގޮތަކަށްވެސް ނުލިބޭ އިރު ދިރާގުގެ ރޭންޖު ރަނގަޅަށް ލިބެނީ ދެ ދުވަހުން އެއް ދުވަހު ކަމަށެވެ. އަދި މައްސަލައެއް ޖެހިއްޖެނަމަ މައްސަލަ ހައްލު ކުރުމަށް ހިދުމަތް ނުލިބި ތިން ހަތަރު ދުވަސް މަދުވެގެން ހޭދަވާ ކަމަށާއި މިކަންކަމަށް ދިރާގުން ދާއިމީ ހައްލެއް ގެނެސްފައިނުވާތީ ހިތާމަކުރާ ކަމަށެވެ.
އަދި ތިން މަސްތެރޭ އެންޓަނާ ނުނަގައިފިނަމަ އެންޓަނާއިން ކަރަންޓް ކަނޑާލާނެކަމަށާއި، އެންޓަނާ ބަހައްޓާފައިހުރި ބިން ކައުންސިލްގެ ގުދަނެއް އަޅަން ބޭނުން ކުރަން ބޭނުންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް