ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި މާލޭ ސިޓީ ކައުންސިލަށް ފުލުހުންވަދެ އެ ކައުންސިލްގެ ހާޑް ޑިސްކްތަކެއް ގެންގޮސްފައިވާއިރު އެ ހާޑް ޑިސްކްތައް ލިބެންދެން ސިޓީ ކައުންސިލްގެ ސެކްޝަންތަކުން ދެމުން ގެންދާ ހިދުމަތްތައް ވަނީ މެދުކެނޑިފައިކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މިކަން އެ ކައުންސިލުން އާންމުކޮށްފައިވަނީ މިއަދު ނެރުނު އެންގުމެއްގަ އެއެ. އެ އެންގުމުގައި ބުނެފައިވަނީ ފުލުހުން އެ އިދާރާއަށްވަދެ އިދާރާގެ ބައެއް ކޮމްޕިއުޓަރުތަކުގެ ހާޑް ޑްރައިވްއާއި ފައިލް ސާވާ އަދި އެޕްލިކޭޝަން ސާވާގެ ހާޑް ޑިސްކް އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.
"މި އިދާރާއިން ސެކްޝަންތަކުގައި ކުރާ މަސައްކަތްތަކުގެ ޑޭޓާ ރައްކާ ކުރެވިފައިވަނީ ސާވާތަކުގެ ހާޑް ޑިސްކްގައި ކަމުން، ހާޑު ޑިސްކު އަނބުރާ ލިބެންދެން މި އިދާރާގެ ސެކްޝަންތަކުން ދެމުން ގެންދާ ހިދުމަތްތައް މެދުކެނޑިފައިވާ ވާހަކަ ދަންނަވަން" ކައުންސިލްގެ އެންގުމުގައި ވެއެވެ.
ކޯޓު އަމުރެއްގެ ދަށުން ސިޓީ ކައުންސިލް ބަލާ ފާސްކުރީ ފުލުހުން ބަލަމުން އަންނަ ކޮރަޕްޝަނާ ގުޅުންހުރި މައްސަލައަކާއި ގުޅިގެން ކަމަށާއި ފުލުހުންނަށް ސިޓީ ކައުންސިލުން އެ މައްސަލައާއި ގުޅޭ ޕޮޓެންސިއަލް ލިޔެކިޔުންތަކެއް ލިބިފައިވާކަމަށް ފުލުހުން ވަނީ ރޭ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް