އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކޮށްފި

26 Oct 2026 | 14:31
އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަ ކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް – ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" އެވެ.

މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތެރި ހުނަރުތައް މެދުވެރިކޮށް ޝުއޫރު ފާޅުކުރުމަށް ފުރުސަތު ދިނުމެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވާފަދަ އެކުވެރި މާހައުލެއް އެމްއެންޔޫގައި ގާއިމުކުރުން ކަމަށް ބުނެ އެވެ.

ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޔޫގެ މައި ކެމްޕަހުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އިރު، އެމްއެންޔޫގެ ރީޖަނަލް ކެމްޕަސްތަކުގައިވެސް ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގޮންގޮސްފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ އެމްއެންޔޫގެ ވައިސް ޗާންސެލަރެވެ. މިއީ މުޅި ޔުނިވާސިޓީއަށް ހުޅުވާލައިގެން މިފަދަ ބޮޑު ހަރަކާތެއް މައި އެމްއެންޔޫގައި ބޭއްވި ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވުނު އާޓް މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރެވުނެވެ. މި މުބާރާތަކީ ދަރިވަރުންގެ އަމިއްލަ ތަޖުރިބާތަކާއި ދެކޭގޮތް ކުރެހުމުގެ ކަލާ މެދުވެރިކޮށް ފާޅުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން، މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ދެވުނު އިނާމުތައް ސްޕޮންސަރުކޮށްދީފައިވަނީ "ލިޓްލް ފިނޯ" ގެ ފަރާތުން ކަމަށްވާތީ އެމްއެންޔޫއިން ވަނީ އެ ފަރާތަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންގެ އުފެއްދުންތެރި ލިޔުންތަކުގެ އެގްޒިބިޝަނަކާއި، "ފީލިންގްސް ޓްރީ" ގެ އިތުރުން ޅެންވެރިކަމުގެ ހަރަކާތްތައްވެސް މި ހަފްލާގެ ތެރޭގައި ކުރިއަށްދިޔައެވެ. މިއީ އެމްއެންޔޫގެ މެންބަރުންނަށް އެމީހުންގެ ހިޔާލުތަކާއި އިހުސާސްތައް މިނިވަންކަމާއެކު ފާޅުކުރުމަށް ހުޅުވާލެވުނު މުހިންމު ހަރަކާތްތަކެއް ކަން އެމްއެންޔޫއިން ފާހަގަކުރެއެވެ. ހަމައެއާއެކު، ރީޖަނަލް ކެމްޕަސްތަކުގެ ކުތުބުހާނާތަކުގައި ޕަޒަލް ކުޅުމާއި، ޑޫޑްލިންގ ފަދަ ހަރަކާތްތައް ރޭވިގެން ކުރިއަށްދިޔައެވެ.

މިފަދަ ހަރަކާތްތަކުން އެމްއެންޔޫއިން މަސައްކަތްކުރަނީ ނަފްސާނީ ދުޅަހެޔޮކަމާއި އަމިއްލަ އިހުސާސްތައް ފާޅުކުރުމަށް ހިތްވަރުދޭ ރައްކާތެރި މާހައުލެއް ބިނާކުރުމަށެވެ. ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަކީ އުނގަނެދިނުމުގެ މާހައުލު އިތުރަށް ފުރިހަމަވެގެންދާނެ ކަމެއްގެ ގޮތުގައި އެމްއެންޔޫއިން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް