ބަންގާޅު ކަނޑުގައި އުފެދިފައިވާ ތޫފާނު ބުދަ ދުވަހު އިންޑިއާއަށް އަރަނީ، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

26 Oct 2026 | 09:44
ބަންގާޅު ކަނޑުގައި އުފެދިފައިވާ ތޫފާނު ބުދަ ދުވަހު އިންޑިއާއަށް އަރަނީ، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

ބަންގާޅު ކަނޑުގައި އުފެއްދިފައިވާ ތޫފާން "އަރްނަބް" ގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

އެ އިދާރާއިން މިއަދު ވަނީ އެ ސަރަހައްދުގައި ތޫފާނެއް އުފެދިފައިވާ ކަމުގެ ސެޓެލައިޓް ފޮޓޯތައް ހާމަކޮށްފައި އެވެ. އޭގެ ފަހުން މެޓުން ބުނީ އެ ތޫފާނުގެ އަސަރު ސީދާ ރާއްޖެ ސަރަހައްދަށް ނުކުރި ނަމަވެސް އުތުރާއި މެދު ރާއްޖެއަށް ތެރެއަށް ވިއްސާރަވާނެ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައަކީ އިންޑިއާގެ ދެކުނާއި ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝާއެެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް ބުނެ އެވެ. މި ވިއްސާރައިގަ ކުރިޔަށް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްރަށަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެ އެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ބާރުގަދަވެ ތޫފާން އަރްނަބް އަންނަ ބުދަ ދުވަހު އިންޑިއާގެ އޮޑިޝާ އާއި އަންދަރްޕްރަދޭޝްއަށް އަރާނެ އެވެ. މި އެލާޓާއި ގުޅިގެން އެ ދެ ސްޓޭޓްގެ އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ދަނީ އަންގަމުންނެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާގޮތުގައި ތޫފާން އެ ސަރަހައްދުތަކަށް އަރާއިރު ގަޑިއަކު 140 ކިލޯމީޓަރާ ހަމައަށް ވައިޖެހޭނެ އެވެ. އެއަށްވުރެވެސް ވައި ގަދަވާނެ ކަމަށް ލަފާ ކުރާއިރު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަންދަރްޕަދޭޝްއިން އެކަނިވެސް 570،000 އަށްވުރެ ގިނަ މީހުން ތޫފާނުން ސަލާމަތް ކުރަން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހެ އެވެ.. އެ ފަރާތްތަކަށް ތިބެވޭނެ ވަގުތީ ބޯކިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް މިއަދު ހަވީރު ފަށާއިރު މަސްވެރިން އެނބުރި އައުމަށް ވަނީ އަންގާފައި އެވެ.

އޮޑިޝާ ސަރުކާރުން ފަސް ޑިސްޓްރިކްޓެއްގެ ސްކޫލްތަކާއި ކޮލެޖްތައް އަންގާރަ އާއި ބުދަ ދުވަހު ބަންދުކުރާނެ ކަމަށް އިޢުލާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް