ރޭމެރިންގެ އެކްސިއަމް+ ޗާޓްޕްލޮޓަރު؛ ފޮޓޯ / ރޭމެރިން
އުޅަނދުތަކުގައި ބޭނުންކުރާ ޗާޓްޕްލޮޓަރުގެ އާ ޖީލެއްގެ ގޮތުގައި ކުރީގެ ވާޝަނަށްވުރެ 25 ޕަސެންޓު އިތުރަށް އަލި ސްކްރީނަކާއި ހަލުވި ޕްރޮސެސަރެއް ހިމެނޭ އެކްސިއަމް+ ރޭމެރިން ކުންފުނިން ތަޢާރަފުކޮށްފިއެވެ.
އެ ކުންފުނިން ބުނީ އެކްސިއަމް+ ގެ ސްކްރީނުގެ އަލިކަން 1,800 ނިޓްސް އަށް އަރާ ކަމަށާއި، އެހެންވެ ހަރު އިރުއަލީގައި ވެސް ސްކްރީނަށް ފަސޭހައިން ފެންނާނެ ކަމަށެވެ. ކޮންމެ މޫސުމަކަށް ވެސް ތައްޔާރުކޮށްފައިވާ މި ސްކްރީންތަކުގެ ރިޒޮލިއުޝަން ވެސް ކުރީގެ ޖީލަށްވުރެ މަތިކޮށްފައިވާ ކަމަށް ކުންފުނިން ބުނެއެވެ.
ޗާޓާއި ސޯނަރާއި ރެޑާރާއި ވީޑިއޯގެ ކުލަތައް ފާޅުކޮށް ފެންނާނެ ގޮތަށް އައިޕީއެސް ޑިސްޕްލޭ ޓެކްނޮލޮޖީ ރަނގަޅުކޮށްފައިވާއިރު، ތަފާތު އަލިކަމަށް ފެތޭ ލައިޓްހައުސް ކުލަތަކުގެ ތީމްތައް ވެސް ހިމަނާފައިވެއެވެ.
ހައިޑްރޯޓަފް ނޭނޯ ކޯޓިން ލާފައިވާ މި ސްކްރީނަށް ތަޅުމަކުން ފަސޭހައިން ގެއްލުމެއް ނުލިބޭ ކަމަށް ކުންފުނިން ބުނެއެވެ. އެ ކޯޓިންގެ ސަބަބުން ފެނާއި ތެލާއި ތިކިތައް ސްކްރީނުގައި ނުހަރުލާއިރު، ސްކްރީން ތެތްވެފައި ހުއްޓަސް ޓަޗު ރަނގަޅަށް މަސައްކަތްކުރާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
ކުއަޑް ކޯ ޕްރޮސެސަރު ހިމަނާފައިވާތީ ލައިޓްހައުސް، ނެވިއޮނިކްސް އަދި ސީމެޕްގެ އިލެކްޓްރޯނިކް ޗާޓްތައް ލަސްނުވެ އަލުން ފެންނަން ފަށާނެ ކަމަށް ކުންފުނިން ބުނެއެވެ. ޒާތީ މަޢުލޫމާތާއި އެޕްތަކަށް ޖާގަ އިތުރުކޮށްފައިވާއިރު، ބޭނުންކުރަން ފަސޭހަ ލައިޓްހައުސް އޮޕަރޭޓިންގ ސިސްޓަމް ވެސް އޭގައި ހިމެނެއެވެ.
އެ ޗާޓްޕްލޮޓަރާ ގިނަ ސްކްރީންތަކާއި ރެޑާރާއި އިންޖީނާއި ކަނޑުމަތީގައި ބޭނުންކުރާ ކެމެރާ ފަދަ ތަކެތި ގުޅާލެވޭނެއެވެ. ސޮލިޑް ސްޓޭޓް ރެޑާރާއި ފްލިއާގެ ތާމަލް ކެމެރާ ވެސް ގުޅާލެވޭއިރު، ކެމެރާއެއް ގުޅާލުމުން ކްލިއަރކްރޫޒް އޯގްމެންޓެޑް ރިއަލިޓީ ބޭނުންކޮށް ދަތުރުކުރެވޭނެ ކަމަށް ކުންފުނިން ބުނެއެވެ. މި ޓެކްނޮލޮޖީން ވަށައިގެން ހުރި ތަކެތި ހައި ޑެފިނިޝަނުން ދައްކައިދޭއިރު، އޭއައިއެސް ޓާގެޓްތަކާއި ނެވިގޭޝަން އެއިޑްސް އަދި ވޭޕޮއިންޓްތައް ވެސް އޭގައި ފެންނާނެއެވެ.
ސަލާމަތީ ގޮތުން ބަލާއިރު، ގިނަ ސަރަހައްދުތަކުގައި ދަތުރުކުރުން ފަސޭހަކޮށްދޭ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ރިސީވަރ (އޭއައިއެސް) ވެސް ހިމަނާލެވޭނެއެވެ. ކުއަންޓަމް އާއި ސައިކްލޯން ރެޑާރު ގުޅާލުމުން ޑޮޕްލާ ޓްރެކިންގ މެދުވެރިކޮށް ހުރަސްތަކުން ދުރުހެލިވެ، އެއްޗަކާ ތަޅައިގަތުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް