މެންބަރުންގެ އިންޝުއަރެންސް ޕެޓިޝަން: އެންމެންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ދިރާސާއެއް ކުރަނީ

26 Oct 2026 | 11:01
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ: މަޖިލީސް

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ: މަޖިލީސް

މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް އެދި ހުށަހެޅި ޕެޓިޝަނަށް ބަލައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހެލްތު އިންޝުއަރެންސް ދެވޭނެ ގޮތެއް ހޯދުމަށް ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

އާއްމު ރައްޔިތުންނަށް ނުލިބޭ އަގުބޮޑު ހެލްތް އިންޝުއަރެންސް ޕެކޭޖެއް މެންބަރުންނަށް ދޭތީ އެ ޚިދުމަތް ހުއްޓާލުމަށް ގޮވާލި ޕެޓިޝަނުގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ. މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށްފަހު، އެ ޕެޓިޝަން ދިރާސާކުރުމަށް ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދިރާސާ ކުރުމަށް ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްވީ ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ކަމާ ބެހޭ ހުރިހާ އިދާރާއަކުން މަޝްވަރާ ހޯދައި، ސަރުކާރުގެ ވިސްނުމަށް ވެސް ބަލައިގެން، އެންމެ ހަރަދު ކުޑަ ގޮތަކަށް ހެލްތު އިންޝުއަރެންސް ނިޒާމަށް ބަދަލު ގެނައުމަށް އަޒާން ހުށަހެޅުއްވިއެވެ. ކޮމިޓީން ކުޑަ ކޮމިޓީއެއް އެކުލަވާލައިގެން މުޅި މައްސަލަ ދިރާސާކުރުމަށް ޑރ. ޝަމްހީދު ހުށަހެޅުއްވިއެވެ.

އަޒާން ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ޤާނޫނެއްގެ ދަށުން ކަމަށާއި، މިނިސްޓަރުންގެ މަޖިލީހާއި ކޯޓުތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ދައުލަތުގެ ގިނަ މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް އާސަންދައަށް އިތުރަށް ހެލްތު އިންޝުއަރެންސް ލިބޭ ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަން ޖެހޭ ނަމަވެސް، ބަދަލެއް ގެންނަން ޖެހޭނީ މި ޚިދުމަތް ލިބޭ އެންމެން ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަށް ބަދަލެއް ގެންނަ ނަމަ އެ ބަދަލު ގެންނަން ޖެހޭނީ އަޅުގަނޑު އިސްވެ މި ދެންނެވި ހުރިހާ ފަރާތްތަކަށް ވެސް މި އިންޝުއަރެންސް ކަނޑާލަންޏާ ކަނޑާލަންވީ ނޫނީ ބަދަލެއް ގެނަންޏާ ބަދަލު ގެންނަންވީ،" އަޒާން ވިދާޅުވިއެވެ.

މެންބަރުންނަށް ދޭ ފަދަ ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދިނުމުން ހަރަދު ކުޑަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. "އެހެންވީމާ ރައްޔިތުން އޭރަކުން މީހުން ކައިރީ ސަލާން ޖަހާކަށް ވެސް ނުޖެހޭނެ ރާއްޖެއިން ބޭރަށް ގޮސް ބޭސްފަރުވާކުރާކަށް. އަދި ދައުލަތުން ކުރާ ޖުމްލަ ހޭދަ ކުޑަވެގެން ވެސް ހިނގައިދާނެ،" އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ރައްޔިތުން ހިތްހަމަނުޖެހެނީ ނިޒާމު އިންސާފުވެރި ނުވާތީ ކަމަށާއި، އެހެން ނަމަވެސް އާސަންދައިން ބޮލަކަށް ކުރާ ހަރަދު މާ ބޮޑު ކަމަށެވެ. ސިއްޙީ ނިޒާމަށް ކުރާ ހަރަދު މިހާރު ދެމެހެއްޓެނިވި ނޫން ކަމަށާއި، ހެލްތު މިނިސްޓްރީއާއި އާސަންދައިގެ ހަރަދު އެކުލެވޭއިރު ޖުމްލަ ފަސް ބިލިއަނަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕެޓިޝަނަށް ތަޅުމުގައި ބަހުސްކުރިއިރު، އާސަންދައިގެ ބަދަލުގައި ހުރިހާ ރައްޔިތުން އެލައިޑް އިންޝުއަރެންސްގައި ބައިވެރިކުރަން ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޝާހިދު ގޮވާލައްވާފައިވެއެވެ. މެންބަރުންނަށް ރައްޔިތުންނަށް ނުލިބޭ އަގުބޮޑު ޕެކޭޖެއް ދޭ ކަމަށް ބުނުމަކީ އޮޅުވާލުމެއް ކަމަށް ވެސް އޭނާ އޭރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް