ކައްދޫ އެކްސިޑެންޓް: ދުވަސްވީ މީހާގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

26 Oct 2026 | 08:58
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ލ. ކައްދޫގައި ސައިކަލުން ޖެހި މަގު ހުރަސްކުރަމުންދިޔަ އުމުރުން ދުވަސްވީ އަންހެނަކު މަރުވި މައްސަލައިގަ އެމީހާގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާނެވެ. މިދިޔަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ނައުސާން ޝަރީއަތް ނިމެންދެން ހުރީ ބަންދުކޮށްފައި އެވެ.

އިއްޔެ ބޭއްވި ޝަރީއަތުގައި ހުކުމް ކުރީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި ހަމަ އެ އެކްސިޑެންޓުގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާވެސް އުފުލާފައިވާއިރު އެ ދައުވާވެސް ސާބިތުވާ ކަމަށް ހުކުމް ކުރި އެވެ،

މި ދެ ދައުވާއަށްވެސް އޭނާ ވަނީ ބަންދުގައި ހުރެގެން އެއްބަސްވެ ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުން ހަދާފައި އެވެ. އެ އެއްބަސްވުމުގެ މައްޗަށް ރިއާޔަތްކޮށް ނައުސާންގެ މައްޗަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. މައްސަލައިގެ ބަންދުގައި އެއް އަހަރާއި ދެ މަސް ހޭދަކޮށްފައިވާތީ އިތުރަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ. 

ކުށުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމްގައި އަންގާފައިވެ އެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ، 36 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވެ އެވެ.

އެ އަންހެން މީހާގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބީ އޭނާގެ ފިރިމީހާ އާއި ހަތަރު ފިރިހެން ދަރިންނާއި ހަތަރު އަންހެން ދަރިންނެވެ،

މި އެކްސިޑެންޓު ހިނގީ ކައްދޫ އިސްކަންދަރު އެއާބޭސްގެ ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގެ ކަފިހިހުރަހުން ކައްދޫ ބަނދަރާ ދިމާލަށް ހުރަސްކުރަމުން ދިޔަ އެ ދެ މީހުންގެ ގައިގައި ސައިކަލުން ޖެހިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް