ހޯމް ސްކޫލިން ތައާރަފު ކުރުމަށް އަނާރާ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި

26 Oct 2026 | 06:24
އަނާރާ ނައީމް -- ފޮޓޯ: މަޖިލީސް

އަނާރާ ނައީމް -- ފޮޓޯ: މަޖިލީސް

ސްކޫލަށް ހާޒިރުވެގެން ކިޔަވަން ދަތިވާ ކުދިންނަށް ގޭގައި ތަޢުލީމު ދިނުމުގެ ފުރުސަތު ހުޅުވާލުމަށް ތަޢުލީމުގެ ޤާނޫނަށް ބަދަލުގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި ބިލު ހުށަހެޅުއްވީ ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމެވެ. "ހޯމް ސްކޫލިން" ގެ ނަމުގައި ތަޢާރަފުކުރަން ހުށަހަޅާފައިވާ މި އުސޫލާއެކު، ތަޢުލީމުގެ ޤާނޫނަށް ގެންނަ އެހެން ބައެއް ބަދަލުތައް ވެސް އެ ބިލުގައި ހިމެނެއެވެ.

ބިލުގައިވާ ގޮތުން ގޭގައި ކިޔަވައިދިނުމަށް ކުއްޖަކު ޝަރުތު ހަމަވާނީ ތިން ހާލަތެއްގައެވެ.

އެއީ ސްކޫލަށް ގޮސް ކިޔަވަން ނުކުޅެދޭ ފެންވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމާއި، އެފަދަ ނަފްސާނީ މައްސަލައެއް ހުރުމާއި، މި ދެ ސަބަބު ނޫން އެހެން ޚާއްޞަ ހާލަތެއް މެދުވެރިވުމެވެ. އަދި މި ޚިދުމަތަށް އެދެވޭނީ ރަސްމީ ތަޢުލީމީ ނިޒާމުގައި ރަޖިސްޓްރީވެފައިވާ ކުދިންނަށް އެކަނިއެވެ.

މީގެ އިތުރުން، މި ޚިދުމަތް ކުއްޖަކަށް ލިބޭނީ އެ ޚިދުމަތުގެ ޚަރަދު ކުރުމުގެ މާލީ ޤާބިލުކަން އެ ކުއްޖާގެ ބެލެނިވެރިންނަށް ހުރިނަމައެވެ.

ޝަރުތު ހަމަވާ ކުދިން ދެނެގަތުމަށް ކުރާ އެސެސްމެންޓުގެ ގަވާއިދާއި، ކުދިން ރަޖިސްޓްރީކުރުމާއި ޕްލޭން ހެދުމުގެ އުސޫލުތަކާއި، ކިޔަވައިދޭ ޓީޗަރުންގެ ޝަރުތުތައް ކަނޑައެޅުމުގެ ބާރު ބިލުން ހަވާލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެގޮތުން ކިޔަވާ ކުދިން މޮނިޓަރކުރާނެ އުސޫލުތައް ވެސް ކަނޑައަޅަންޖެހޭނީ އެ މިނިސްޓްރީންނެވެ.

ގޭގައިވެސް ކިޔަވަން ދަތިވާ ފަދަ މައްސަލަތައް ހުންނަ ކުދިންނަށް ރަސްމީ ތަޢުލީމު ދިނުން ލާޒިމުނުވާ ގޮތަށް ޤާނޫނު ބަދަލުކުރުމަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް