މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިނިސްޓަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަންނަން ނިންމައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. މައްސަލަ ބަލައި ނުގަނެ ރިޔާސަތުން އަނބުރާ ފޮނުވާލީ މައްސަލަ ހުށަހެޅުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގައި ފަހުން ވާހަކަ ދައްކަން އޮތް މައްސަލައަކާ ބެހޭގޮތުން ކުރިއަށް ޓަކައި ޚިޔާލު ފާޅުކުރުމަށް ކުއްލި މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ. އެ ޝަރުތު މި މައްސަލައިގައި ފުރިހަމަ ނުވާތީ އެ މައްސަލަ އަނބުރާ ފޮނުއްވާލެއްވީ ކަމަށް ވިދާޅުވި އެވެ.
މަޢުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވަނީ ސިޔާސީ ބައެއް މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ނިންމާފައިވަނީ ޤައުމުގެ އިޤްތިޞާދު ވަރަށް ދަށަށް ގޮސް، މީހުންގެ ދިރިއުޅުމުގެ ޚަރަދު ކުރެވެން ނެތް ވަރަށް މަތިވެފައިވާ ވަގުތެއްގައި ކަމަށެވެ. ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބި، މުސާރަ އެއްހަމަކުރުމުގެ ކަންބޮޑުވުންތައް ހުރިއިރު، މި ފިޔަވަޅަކީ ޢާންމުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
މުސާރަ އެއްހަމަކުރުމާ ބެހޭގޮތުން ވޭތުވެދިޔަ އަހަރުގެ ޖޫން މަހު ހުށަހެޅި ޤަރާރުގެ މަސައްކަތް ވެސް އަދި ނުނިމޭ ކަމަށް އޭގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް، އެ ކުންފުނިތަކުގެ މުވައްޒަފުން %33 މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގާފައިވާ ވަގުތެއްގައި، ދައުލަތުގެ ޚަރަދު އިތުރުވާ ފަދަ ނިންމުމެއް މާލިއްޔަތު ކޮމިޓީން ނިންމި ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ. މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ވެސް އޭގައި ފާހަގަކޮށްފައިވެއެވެ.
މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު ގޮތުގައި މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73,125 ރުފިޔާއެވެ. ނައިބު ރައީސަށް 91,000 ރުފިޔާ އަދި މެންބަރުންނަށް 82,500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ރައީސަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީ ކޮމިޓީ އިނާޔަތް ނުލިބޭތީ މި ތަފާތު އަންނަ ކަމަށް ކޮމިޓީގައި ބުނެފައިވެއެވެ.
އެހެންވެ ކޮމިޓީން ނިންމާފައިވަނީ ރައީސަށް 22,000 ރުފިޔާގެ އިނާޔަތެއް އިތުރުކޮށް ޖުމްލަ މުސާރަ 95,125 ރުފިޔާއަށް އަރާ ގޮތަށް ކޮމިޓީން ފާސްކުރިއެވެ. މިނިސްޓަރުންގެ ކާރު އިނާޔަތާއި ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ކޮމިޓީން ނިންމިއެވެ.
މި ނިންމުމުގެ ސަބަބުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެ ނިންމުން ބަދަލުކުރުމަށް އެދި އެމްޑީޕީގެ މެންބަރުން އިއްޔެ ބަޔާނެއް ނެރެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް