އިޒްރޭލު ސިފައިންތަކެއް --
ފަލަސްތީނުގެ ހުޅަނގުއައްސޭރީ ހިބްރުންގައި އިޒްރޭލު އިފައިން ކުރިޔަށް ގެންދާ ނިރުބަވެރި އޮޕަރޭޝަންގައި އަތްގަދަ ކުރުމުގެ ގޮތުން އާންމުން ގެތަކުން ނެރެ އެ ގެތައް ސިފައިންގެ މަރުކަޒުތަކުގެ ގޮތުގައި ހަދަމުންދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ފަލަސްޠީނުގެ ރަސްމީ ޚަބަރު އިދާރާ ވަފާއިން މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިބްރުންގެ ދެކުނުގައި އޮންނަ ޚައްލަތު މަންނާ އާއި ޟާޙިޔަތު އަލް ޒައިތޫން ސަރަހައްދުގެ ގެތައް އިޒްރޭލު ސިފައިން މަރުކަޒުތަކުގެ ގޮތުގައި ބޭނުންކުރުމަށް ހިފާފައިވާ ކަމަށެވެ. އެހެން ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވެސް ގެތަކުން ނެރެ، އެ ގެތައް ރައްޔިތުންނަށް ފާރަލުމަށް ބަހައްޓާ ޕޯސްޓްތަކަކަށް ހަދާފައިވާ ކަމަށް ވަފާއިން ބުނެއެވެ.
ހުކުރު ދުވަހުން ފެށިގެން އެތައް ސަތޭކަ ޢާއިލާތަކެއް ގެތަކުން ބާރުގަދަކޮށް ބޭރުކޮށްފައިވަނީ ފުޅާ ސަރަހައްދެއްގައި ހިންގާ ރެއިޑްތަކާއި، މަގުތައް ބަންދުކޮށް، ދަތުރުފަތުރަށް ހަރުކަށި ހުރަސްތައް އަޅާފައިވާ ދުވަސްވަރެއްގައެވެ.
އެ ސަރަހައްދުގައި އިޒްރޭލް ސިފައިންގެ ވަރުގަދަ އޮޕަރޭޝަނެއް ފެށީ އެމީހުންގެ ޗެކްޕޮއިންޓަކަށް ހަމަލާދީ އިޒްރޭލުގެ ދެ ސިފައިންގެ މީހަކު މަރާލުމުންނެވެ. އަދި ތިން ތިން ސިފައިން ވަރަށް ބޮޑަށް ޒަހަމްވި އެވެ. މި ހަމަލާދިން ޕަލަސްތީނުގެ ދެ ރައްޔިތުން އިޒްރޭލުން ވަނީ ޝަހީދުކޮށްލާފައި އެވެ.
މި ހަމަލާއާއި ގުޅިގެން އިޒްރޭލުން ވަނީ ދުވަސްކޮޅަކަށް ދިގުދެމިގެންދާ އޮޕަރޭޝަނެއް އެސަރަހައްދުގައި ފެށިކަން އިއުލާނުކޮށްފައި އެވެ. އެއީ ހަތިޔާރާއި ޓެރަރިޒަމާއި ގުޅުން ހުރި މީހުންނާއި ތަކެތި ހޯދުމަށް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް