މީގެ ކުރިން ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް
ވައިގެ މަގުން އެތެރެކުރަން އުޅުނު ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފި އެވެ.
ކަސްޓަމްސްއިން ބުނީ އެތަކެތި އެތެރެކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ވައިގެ މަގުން އައި އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 6.75 ކިލޯ ހުރިކަމަށް ބުނެފައިވެ އެވެ.
އޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އެވެ.
މި މައްސަލައިގަ މިހާރު ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށް މުއްދަތު ޖަހާފައި އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ބަންދުގެ އަމުރު ނެރަފައިވަނީ ބަންގްލަދޭޝް ރައްޔިތުންތަކެއް ކަމަށްވާ މިރްޒާ އަލް އަމީން އާއި އެމްޑީ މިޒަންނޫރު ރަހްމާނާއި އެމްޑީ ޖިހާދު ބިން އަރީފް އަދި އެމްޑީ އަރްމާން އަލީ އަށެވެ.
އޭގެ ތެރެއިން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް ތިން މީހުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކޮށްފައިވަނީ ވައިމަގުން އެތެރެކުރި މަސްތުވާތަކެތި ބަލާ އަންނަ ބަޔަކު ހޯދަން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އެ މީހުން އެ ތަކެތި ބަލައި ދިޔުމުންނެވެ.
ފުލުހުން އެމީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް