ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް
ޤައުމެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ، އެޤައުމެއްގެ
ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ޤާބިލުކަން
ލިބިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް
ފާހަގަކުރުމަށް، މިރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި
ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގައި ޞިއްޙަތު، އައު
ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ
ފިކުރީ އަދި ޢަމަލީ ޤާބިލިއްޔަތު ކުރިއެރުވުމަށްކަމަށެވެ. މީގެއިތުރުން، އުފެއްދުންތެރިކަން،
ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ޤައުމުގެ މުސްތަޤުބަލު
ބިނާކުރުމަށް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަޚުލާޤު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް
އުފެއްދުމަކީ އުފާވެރި މުސްތަޤުބަލެއް ޙާޞިލުކުރުމަށާއި، ޤައުމަށް އުފެއްދުންތެރިކަމާއި
ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައިވެސް އެކަމަނާ
ވިދާޅުވިއެވެ. އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި
ޔަގީންކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުން
ފޯރުކޮށްދޭ ތަޢުލީމުގައިވެސް އަދި ސަރުކާރުން ދެމުން ގެންދާ ތަޢުލީމުގައިވެސް މި މުހިންމު
އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކްލިކް ކޮލެޖުން ކުރިއަށްގެންދަވާ ތަޢުލީމީ ޕްރޮގްރާމުތަކަށް
އިޝާރާތްކުރައްވައި އެކަމަނާ ވިދާޅުވީ، އެފަދަ ދަރިވަރުން އުފެއްދޭނެފަދަ ޕްރޮގްރާމްތައް
ކްލިކް ކޮލެޖްގައި ކުރިއަށް ގެންދަވާ ކަމަށެވެ.
އެކަމަނާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަޢުލީމީ
ތާރީޚުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ޚިދުމަތް، މުހިއްމު ދައުރެއް އަދާކޮށްފައިވާކަން
ފާހަގަކުރައްވައި، ޤައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހީންގެ ބަހާއި
ސަޤާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި
ޖީލެއް ބިނާވެގެން އައުމަށް އުއްމީދު އައުކުރައްވަމުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ކްލިކް ކޮލެޖުގެ ފަރާތުން ދެއްވާ
އެއްލައްކަ ރުފިޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތަށް އިނާމު ޙަވާލުކޮށްދެއްވީ
ރައީސުލްޖްމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖަށް ދިގުމުއްދަތަށް
ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ޚާއްޞަ އިނާމު ޙަވާލުކޮށްދެއްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖްގެ އިސްވެރިންނާއި
ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް