ތިލަފުށި ބޭރުގައި އޮތް "ސަން ޓޫނާ" ނަމަކަށް ކިޔާ އުފުލާ ބާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 07:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ވަނީ ބާޖު އޮތް ސަރަޙައްދަށް ގޮސް ރޯވެފައިވާ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެފްއާރުއެސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 14:25 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އަލިފާން ނިއްވަން އެހާ ގިނަ އިރު ނެގީ އެ ބާޖުގައި ގިނަ އަދަދަކަށް އެމީނޯ ގޭސް ހުރުމުންނެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ބާޖުގެ އިންޖީން ރޫމްގައި ކަމުގައި އެމްއެންޑީއެފުން ބުނެއެވެ. މި ބާޖަކީ މަސް ކިރާ އަދި ކަންނެލި މަސްވެރިކަން ކުރާ ދޯނި ފަހަރަށް އައިސް ދޫކުރުމަށް ހަދާފައިވާ 320 ފޫޓު ދިގު ބާޖެކެވެ.
މި ބާޖުގައި އަލިފާނުގެ ހާދިސާ ހިނގި އިރު 20 މީހުން ތިބި ކަމަށާއި މި އެންމެންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗަކަށް ވަނީ ނަގާފައި ކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ ތަހުޤީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް