ތިލަފުށީ ބޭރުގައި އޮތް ބާޖެއްގައި އަލިފާން ރޯވެފައިވާއިރު ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އެބަދެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "ސަން ޓޫނާ" ނަމަކަށް ކިޔާ އެ ބާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ ހެނދުނު 07:53ގައި ކަމަށާއި އެ ވަގުތުން ފެށިގެން އެ އޮޕަރޭޝަން ފަށާފައިވާކަމަށެވެ.
"މި ބާޖަކީ ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކުން މަސް ކިރުމަށާއި އައިސް ދޫކުރާ ބާޖެއް، މި ބާޖްގައި އަލިފާނުގެ ހާދިސާ ހިނގި އިރު 20 މީހުން ތިބި، އެ ހުރިހާ އެންމެންވެސް މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ގެ ލޯންޗަށް ނަގާފައި" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ދިގުމިނުގައި 320 ފޫޓު ހުރި އެ ބާޖުގައި ގިނަ އަދަދަކަށް އެމޯނިއާ ގޭސް ހުރުމުން އަލިފާން ކޮންޓްރޯލް ކުރަން ވަގުތު ނަގާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާރު 80 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާކަމަށާއި އަލިފާން ނިއްވުމަށް ފޯމު ބޭނުން ކުރަމުން އަންނަކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް