ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޫގްޖީގެ މަރަކީ ރާވައިގެން ހިންގި ކަމެއް ކަމަށް ސައުދީން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.
މިއީ ނޫސްވެރިޔާ މައްސަލައިގާ ސައުދީން ރަސްމީ ބަސް ބަދަލުކުރި ތިންވަނަ ފަހަރެވެ.
ސައުދީން އެންމެ ފުރަތަމަ ބުނެފައިވަނީ ހޯދަން ދިޔަ ހިދުމަތް ހޯދުމަށްފަހު ކޮންސިއުލޭޓް ދޫކޮށް އޭނާ ދިޔައީ ކަމަށެވެ. ނަމަވެސް ދެ ހަފްތާ ފަހުން ސައުދީން ބުނެފައިވަނީ ނޫސްވެރިޔާ މަރުވީ ކޮންސިއުލޭޓް ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް އިއްޔެ ސައުދީން ބުނެފައިމިވަނީ އެއީ ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށެވެ.
ހަޝޫގްޖީ އަކީ ސައުދީގެ ސިޔާސަތު ތަކަށާއި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އަށް ފާޅުގައި ފާޑުކިޔާ ނޫސްވެރިއެކެވެ. އޭނާގެ މަރާއި ގުޅިގެން ތުހުމަތުގެ އިނގިލި އެންމެ ގިނަ ބަޔަކު ދިއްކުރަނީވެސް އެމްބީއެސް އަށެވެ.
ނޫސްވެރިޔާގެ މަރުގެ މައްސަލައިގާ ސައުދީގެ ބަސް ތިން ވަނަ ފަހަރަށް ބަދލުކޮށްފައިމިވަނީ އެމެރިކާގެ ސީއައިއޭ ޑިރެކްޓަރ ޖެނެރަލް ޖިނާ ހޭސްޕެލް ތުރުކީއަށް ކުރި ތަހުގީގީ ދަތުރުގައި، ނޫސްވެރިޔާ މަރާލި ވަގުތު ކުރެވިފައިވާ އޯޑިއޯ ރެކޯޑިން ތުރުކީން އޭނާއަށް އިއްވާފައިވަނިކޮށެވެ.
------------------------
އޮކްޓޯބަރު ދޭއްގައި ހަޝޫގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ތުރުކީގެ ރައްޔިތެއް ކަމުގައިވާ ހަދީޖާ އާއި ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުމެއް ހޯދުމަށެވެ. ހަޝޫގްޖީ އަކީ ސައުދީ ނޫސްވެރިއެއް ނަމަވެސް 2017 ޑިސެމްބަރުން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ އެމެރިކާގައެވެ. އޭނާ އެމެރިކާއަށް ދިޔައީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ސައުދީގައި ނޯންނަ ކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް