ބްރިޖް މަޝްރޫއަށް ފައިނޭންސް ކުރެވޭނީ ދެކޮޅު ޖެއްސޭނަމަ: ޗައިނާ ސަރުކާރު

ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބްރިޖުގެ މަޝްރޫއަށް ފައިނޭންސް ކުރެވޭނީ މިހާރު ހަދަމުންދާ ސާވޭތައް ނިމުމުން މި މަޝްރޫއަކީ ދެކޮޅު ޖެއްސޭނެ މަޝްރޫއަކަށް ވާނަމަ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ. އިކޮ...

26 Oct 2014 | 10:27

ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބްރިޖުގެ މަޝްރޫއަށް ފައިނޭންސް ކުރެވޭނީ މިހާރު ހަދަމުންދާ ސާވޭތައް ނިމުމުން މި މަޝްރޫއަކީ ދެކޮޅު ޖެއްސޭނެ މަޝްރޫއަކަށް ވާނަމަ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.

އިކޮނޮމިކް ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނާ ލިއު ގިއަންގ ވިދާޅުވީ ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބްރިޖުގެ މަސައްކަތަށް އެހީވުމަކީ ޗައިނާއިން ވަރަށް އަހައްމިއްޔަތުކަން ދޭ ކަމެއްކަމަށާއި، އެކަމަށް ހަދަންޖޭ ސާވޭގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމޭތޯ ބަލާނެ ކަމަށެވެ. އެގޮތުން އެންމެ ގިނަވެގެން ސާވޭ ކުރުމަށް ހޭދަވާނީ 40 ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ. ސާވޭ ޓީމް ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެވެ. މި ޓީމްގައި އަށް މެންބަރުން ހިމެނެ އެވެ.

ގިއަންގ ވިދާޅުވީ ސާވޭ ކުރިޔަށް ގެންދާނީ ފަސް ސްޓޭޖަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ދިރާސާ ކުރާނެ ފަސް ކަމުގެ ތެރޭގައި ޕްރިމިނިލިނަރީ ފީޒިބިލިޓީ ސްޓަޑީ އާއި ޕްރޮޖެކްޓް ފީޒިބިލިޓީ ސްޓަޑީ އާއި ބްރިޖް ޑިޒައިން ކުރުމާ ގުޅޭ ދިރާސާ އާއި ބްރިޖް އަޅަން ބޭނުންވާ ފައިސާ ހޯދުމާ ގުޅޭ ބައިތަކާއި ބްރިޖް އަޅަން ފެށުމާ ގުޅޭ މަސައްކަތުގެ ބައިތައް ވެސް ހިމެނޭކަމަށް ވިދާޅުވި އެވެ.

ގިއަންގެ ވާހަކަފުޅުތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ދެކޮޅު ޖެއްސޭނެ މަޝްރޫއަކަށް ހެދުމަކީ އެފަދަ ބޮޑެތި މަޝްރޫއުތައް ހިނގާއިރު ކޮންމެ ގައުމަކުން ވެސް ކުރާނެ ކަމެއް ކަމަށެވެ. އަދީބު ވިދާޅުވީ އެންމެ ފުރަތަމަ އެމްއޯޔޫ އެކުލަވާލި އިރު ސަރުކާރުން އެ ސުވާލު ޗައިނާއާއި ކުރެއްވި ކަމަށެވެ.

"ކޮންމެ ގައުމަކުންވެސް މިކަހަލަ މަޝްރޫތައް ފަށާނީ ފީސިބިލިޓީ ސްޓަޑީއެއް ހަދާފައި.  ދެން އަޅުގަނޑުމެން ބްރިޖް އަޅާނެ ދިމާލެއްވެސް ނިންމާނީ މި ސްޓަޑީއަށް ފަހު. އެއީ މާލޭގެ ރީފް ސްޓްރަކްޗާ އާއި ބުޑުތައް ޖެހޭނެތޯ އާއި އޭގައި ވަރު ހިފޭނެތޯ ބަލައި ސާވޭކުރުމަށް ފަހު،" އަދީބު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓާ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ ހުޅުލެއާއި މާލެއާއި ދޭތެރޭ އަޅާނީ ރާއްޖެއަށް އެންމެ އެކަށީގެންވާ ވައްތަރެއްގެ ބްރިޖެއް ކަމަށެވެ. އެގޮތުން ވިސްނުން ހުރީ އިންޖިއަރިންގެ ގޮތުން ގޮންޖެހުންތައް ކުޑަ އަދި ސަރުކާރަށް ހަރަދު ކުޑަ ބްރިޖެއް އެޅުމަށް ކަމަށެވެ.

ބްރިޖް ސާވޭ ކުރުމަށް ޓީމެއް ރާއްޖެ އައިސް އުޅޭއިރު މި ސާވޭ ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެހެން ނަމަވެސް ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީއާއި ލޯންގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް