ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ބާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ސިލްކް ފޮތީގެ ގަދަ ރަތްކުލައިގެ ސާޅިއެއް އަޅައިގެންހުރި ޝްރަދާ ވަރަށް ރީއްޗެވެ. ބޮޑީގާރޑުންނާއެކު ފަރިހިނގުމެއްގައި އެތެރެއަށް ވަދެގެން އައިސް ނާޝިދާއި އަދި ރާއިދުއާއި ސަލާންކޮ...

26 Sep 2023 | 04:59

ކުރީގެ އަދަދާއި ގުޅޭ...

ސިލްކް ފޮތީގެ ގަދަ ރަތްކުލައިގެ ސާޅިއެއް އަޅައިގެންހުރި ޝްރަދާ ވަރަށް ރީއްޗެވެ. ބޮޑީގާރޑުންނާއެކު ފަރިހިނގުމެއްގައި އެތެރެއަށް ވަދެގެން އައިސް ނާޝިދާއި އަދި ރާއިދުއާއި ސަލާންކޮށްލުމަށްފަހު އިށީނދެ ވާހަކަ ދައްކަންފެށިއެވެ. ރާއްޖޭގެ ރީތި ވާހަކައާއި، ދޮންވެލި ގޮނޑުދޮށްތަކުގެ ސާފުކަމުގެ ވާހަކައާއި، ސްނޯކްލިންގ އަށް ދިޔައިރު ފެނުނު ކަނޑުއަޑީގެ ރީތި ބަގީޗާތަކުގެ ވާހަކައާއި ކުލަކުލައިގެ ރީތި މަސްތަކުގެ ވާހަކަ ދެއްކިއެވެ. މިދަތުރަކީ ދުވަހަކުވެސް ހިތުން ނުފިލާނެ ދަތުރެއް ކަމަށާއި، އަދިވެސް ރާއްޖެއައިސް ރާއްޖޭގެ ރީތިމޫދުގައި ފަތާލާ ހުދުކުލައިގެ ސާފު ދޮންވެލިގަނޑުގައި ވަގުތުތައް ހޭދަކުރުމަށް ބޭނުންވާ ކަމަށާއި، އަދި ދޮންވެލިގަނޑުމަތީ އިނދެގެން އިރުއޮއްސޭ ހިތްގައިމު މަންޒަރާއި، އިރު އަރާއިރު އެފެންނަ ރީތިކުލަތައް ބަލާލަން ބޭނުންވާ ކަމަށް ބުންޏެވެ. މިއީ ދުވަހަކުވެސް ފެނިފައިނުވާފަދަ ރީތި މަންޒަރުތަކެއް ކަމަށާއި، ފުރައިގެން މިދަނީ އެހިތްގަމު ރީތި މަންޒަރުތައް ކެމަރާގައާއި އަދި ހިތުގައި ރައްކާކޮށްގެން ކަމުގައިވެސް ޝްރަދާ ފާހަގަ ކުރިއެވެ. އަދި ނާޝިދު ކަހަލަ ބޮޑު ސަޕޯޓަރެއް ރާއްޖޭގައި ހުރުމުން އެކަމާ ވަރަށް އުފާކުރާ ކަމަށްވެސް ބުންޏެވެ. ނާޝިދުވެސް ފިނިވެފައި އިނދެގެން ވަރަށް ގިނަ ވާހަކަތައް ދައްކާ އެކުގައި ފޮޓޯ ނަގާހެދިއެވެ. މިބައްދަލުވުން ގާތްގަޑަކަށް 10 ވަރަކަށް މިނިޓަށް ދެމިގެން ދިޔައެވެ. ބައްދަލުވުން ނިމިގެން ނިކުމެގެންދިޔައިރު ނާޝިދުވަނީ ވަރަށްބޮޑަށް ހިތްހަމަ ޖެހިފައެވެ. ކުރުމަށް ބޭނުންވެފައިހުރި މުހިންމު ކަންތައްތަކުގެ ތެރެއިން އެއްކަންތައް ޙާޞިލް ވެވުނީމައެވެ.

"ކޮބާ ހިތްހަމަ ޖެހިއްޖެތަ...؟" ލިފްޓަށް އަރަމުން ނާޝިދުގެ ކޮނޑުގައި ޖަހާލަމުން ރާއިދު ބުނެލިއެވެ.

"އާން... ވަރަށް ބޮޑަށް... ބޭނުންވި ވަރަށް މުހިންމު ކަމެއް މިވީ... މިހާރު ދެން އެންމެ ބޭނުންވަނީ ހުމޭއާއި ކައިވެނި ކުރެވޭނެ ދުވަހެއް... އޭރުން ދެން ހުރިހާ ކަމެއް ފުރިހަމަވީ.... އެހެން ނޫނަސް ޝްރަދާއާއި ބައްދަލުވީމަ ރާއިދުވެސް ތިހިރީ އުފާވެފައެއްނު.." ސަމާސާ ރާގަށް ނާޝިދު ބުނެލިއެވެ.

ގެއަށް ދެވުމާއެކު ނާޝިދު ކޮޓަރިއަށްވަދެ ހުމޭދާއަށް ގުޅައިގެން ޝްރަދާއި ބައްދަލުކުރެވުނު ވާހަކައާއި، ދެކެވުނު ވާހަކާތަކާއި ފޮޓޯ ނެގިވާހަކަތައް ކިޔާދިނެވެ. އަދި ނެގި ފޮޓޯތައް ވައިބަރ މެދުވެރިކޮށް ހުމޭދާއަށް ފޮނުވިއެވެ. ނާޝިދު އުފާވެފާހުރިކަން އެނގުމުން ހުމޭދާވެސް އުފާވިއެވެ. ހުމޭދާ ބޭނުންވަނީ އަބަދުވެސް ނާޝިދު އުފަލުގައި ހުންނަތަން ދެކޭށެވެ.

ހަވީރުގެ ވަގުތެވެ. ނާޝިދު އޮފީސް ނިމިގެން ގެއަށް އައިސް ފިލްމެއް ބަލަން އެނދުމަތީ އޮއްވާ ނާޝިދުގެ ފޯނު ރިންގވާން ފެށިއެވެ. ނާޝިދަށް ފޯނަށް ބަލައިލިއެވެ. ގުޅަނީ ރާއިދެވެ.

"ހެލޯ.... " ނާޝިދު ލެޕްޓޮޕަށް ބަލަން އިނދެ ފޯނު ނެގުމަށްފަހު ބުނެލިއެވެ.

"ހިނގާބަލަ ކޮފީއަކަށް ދާން.... މާދަން ފުރަންޖެހޭ އެބަ.. ބުނީމެއްނު އޮފީސް ދަތުރެއް ދާންޖެހޭ ވާހަކަ... ދެންމެ އެނގުނީ މާދަމާ ފުރަންޖެހޭ ކަން... " ރާއިދު ބުނެލިއެވެ.

"ކިހާ ދުވަހަކަށް ތިދަނީ.... ހުމޭ ދިޔައީ... ދެންހުރި މީހާ ތި ދަނީ.... ހާދަ ފޫހިވާނެޔޭދޯ..." ބަލަންއިން ފިލްމް ޕޯސްކޮށްލަމުން ނާޝިދު ބުނެލިއެވެ.

"އެހާ ދުވަހެއް ނުވާނެ.. ގޮއްސަ މަސައްކަތްތައް ފެށީމަ އިނގޭނީ.. ތިން ހަތަރު ދުވަހެއްގެ ތެރޭގައި އާދެވޭނެހެން ހީވަނީ.. އިތުރު ދެކުއްޖަކުވެސް އެބަދެއޭ... އާދެބަލަ ކޮފީއަކަށް ގޮސްލަން... " ރާއިދު ބުނެލިއެވެ.

"އޯކޭ.... ބައިގަޑިއެއްހާއިރު ތެރޭދާނަން... ރެޑީވެގެން ހުރޭ...." ނާޝިދު ފޯނު ކަނޑާލަމުން ބުނެލިއެވެ.

ގަޑިން ހެނދުނު 6 ޖެހީއެވެ. ހުމޭދާ ފޯނުން ގަޑި ބަލާލުމަށްފަހު އެނދުމަތީގައި އޮވެ މޯޅިއަކަށް ދެމިލިއެވެ. ރޭގައި އެއްގޮތަށްވެސް ހުމޭދާއަށް ނިދޭގޮތެއް ނުވިއެވެ. ނިދޭއިރަށް ފާޑެއްގެ ހުވަފެނެއް ފެނިގެން ހޭލެވެއެވެ. ކޮންމެ ފަހަރަކު ފެންނަނީ އެއް ހުވަފެނެކެވެ. ހޭލެވޭއިރު ހުވަފެނުން ފެންނަ އެއްޗެއް ހަނދާނެއް ނުހުރެއެވެ. ދެފަހަރަކު މޯޅިއަކަށް ދެމިލުމަށްފަހު ހުމޭދާވަނީ ފާހާނާއަށެވެ. ފެންވަރާ ތައްޔާރު ވެލައިގެން ތިރިޔަށް ފޭބިއިރު ހަސީނާ އާއި ޒާހިރާ ހެނދުނުގެ ސައި ތައްޔާރުކުރަން އުޅެއެވެ.

"ކޮބާ... ރޭގަ ރަނގަޅަށް ނިދުނުތަ...؟" ހުމޭދާ ފެނުމުން ޒާހިރާ އަހާލިއެވެ.

"އާތަނެއްވީމަ ކަންނޭގެ.... އިރުއިރުކޮޅާ ހޭލެވޭ.... އެކަމު ދެން ކޮންމެސް ވަރަކަށް ނިދުނު" ހުމޭދާ ބުނެލިއެވެ.

"ދަރިފުޅު މި ތަށިތައް ދޮވެލާފަ، ތަށިތަކަށް ސައިއަޅާބަލަ..." ކަބަޑުން ޖޯޑުތައް ނަގަމުން ހަސީނާ ބުނެލިއެވެ.

"ހުމޭދާ ތަށިތައް ދޮންނާނެ ކަމެއްނެތް... އަހަރެން ތިކަން ކޮށްލަފާނަން... ރޮށިފިހެވެސް މި ނިމުނީނު..." އުނދުން ނިއްވާލަމުން ޒާހިރާ ބުނެލިއެވެ.

"ދަރިފުޅުގޮސް ބަލާލަބަލަ ބޭބެ ހޭލައިފިތޯ... ދެފަހަރު މިހާރުގޮސް ގޮވާވެސް ލައިފިން... ހިޔެއްނުވެ އަދި ތެދުވިހެނެއް..." ހަސީނާ ބުނެލިއެވެ.

"ނޫނޭ... ބޭބެ ހޭލައިފި... ތިރިއަށް ފޭބިއިރު ބެލްކަނީގަ އެބަހުރި ކޮންމެވެސް މީހަކަށް ފޯނުކޮށްގެން... " ހުމޭދާ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

"ސައިބޮއިގެން ރަށުތެރެ ބަލާލަންދާންވާނެދޯ.....! ތަންތަން ބަލާލާފަ އެންމެފަހުން ތުނިޑިއަށްދާނީ... ސައިބޮއިގެން މަޖާހަދާނީ.... އެފަރާތުގެ ހުރި ބޮޑު އަނބުގަހުގަ އޮށްފެޅޭވަރުގެ ޅައަނބުތައް އެބަހުރި.... ތުނޑިއަށް ގޮސް މޫދަށް އެރޭނީ... ވަރަށް މަޖާވާނެ.. " ޒަހިރާ ސައިތަށިތައް މޭޒުމަތީގައި އަތުރަމުން ވާހަކަ ދެއްކެވިއެވެ.

"ޒާހިރާއްތަ.. ކޮބާތަ އާއިޝާ... އަދި ނުހޭލަތަ... ؟" ހުމޭދާ ސުވާލުކުރިއެވެ.

"ނޫނޭ ފަތިހު ހޭލައިގެން ޖޮގިންއަށް ގޮއްސައައިސް ފެންވަރަން ދިޔަތާ އިރުކޮޅެއް ވެއްޖެ.." ޒާހިރާ ބުނެލިއެވެ.

ޒާހިރާއާއި ނާޞިރުގެ ތިބެނީ ދެކުދިންނެވެ. ފިރިހެން ކުއްޖަކާ އަންހެނުން ކުއްޖެކެވެ. ދޮށީ ފިރިހެން ދަރިފުޅު އަޒާން އެވެ. އަޒާން ދިރިއުޅެނީ މާލޭގައެވެ. ދެންހުރީ ޢާއިޝާ އެވެ. ސްކޫލް ނިންމުމަށްފަހު އަދި ރަށުގައި ދިރިއުޅެމުންދަނީ ރަށުން ވަޒީފާއެއް ލިބޭތޯ އެވެ. ގޭގައި ދެންދިރއުޅެނީ ޒާހިރާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ދެމަފިރިންނެވެ. އެމީހުން މިވަގުތު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ގޮސްފައިވާތީ އެގޭގައި މިވަގުތު ދިރިއުޅެނީ ޒާހިރުމެންގެ ދެމަފިރިންނާއި، އަންހެން ދަރިފުޅު ޢާއިޝާ އެވެ. ހެނދުނުގެ ސައިގެ ކަންތައް ނިންމާލުމަށްފަހު މަޖާހަދައިގެން ރަށުތެރެ ބަލާލުމަށާއި، ތުނޑިއަށް މޫދަށް ދިއުމަށްޓަކައި އެންމެން ނިކުތެވެ. ވޭންގައި ފުރަތަމަވެސް ދިޔައީ ކުޅި ބަލާލާށެވެ. ކުޅީގައި ހެދިފައިވާ ގަސްތަކާއި، ފެންގަނޑުތެރޭގައި ފޮޅިފާވާ ލޮޓަސް މާތައް ފެނުމުން ހުމޭދާއަކަށް ނުހުރެވުނެވެ. ފޮޓޯތައް ނަގާ ނާޝިދަށް ފޮޓޯތައް ވައިބަރ ކުރަމުން ގެންދިޔައެވެ. ކުޅިތައް ބަލާލުމަށްފަހު ވޭންގައި ރަށުގެ އެކިއެކި ތަންތަނަށް ދުއްވަމުން ގެންދިޔައެވެ. ރަށުގެ ރީތިކަން ވަރަށްފުރިހަމައަށެވެ. ގިނަ އަދަދަށް އޮޅުއަލަ ހައްދާފައިވެއެވެ. އޮޅުއަލަ ދަނޑުތަކަކީ ހުމޭދާއަށް މުޅިން އާތަންތަނެވެ.

"މިރޭ މަޣުރިބު ނަމާދުން ފައިބައިގެން ގާދިރުބޭ އަންނާނަމޭބުނި... އެގަޑިއަށް ކަށިމަލެއް ހޯދާފަ ބާއްވާށޯ ބުނީ... މިދާއިރު ވާނެ ދެތިން ކަށިމާ ބިނދެލަން... ތުނޑީގަ ކޮންމެސް ވަރަކަށް ކަށިމާ ހުންނާނެ... " ނާޞިރު ބުނެލިއެވެ.

ގާދިރުބޭ އަކީ އައްޑުއަތޮޅު މީހެކެވެ. ފުވައްމުލަކު މީހަކާ އިނދެގެން އެރަށުގައި ދިރިއުޅޭތާ ފަންސަވީހަކަށްއަރުވަނީ ވެފައެވެ. މުޅި އެސަރަޙައްދުގައިވެސް ފަންޑިތަވެރިކަމަށް އެންމެމޮޅު މީހަކީ ޤާދިރުބެއެވެ. ރަށުގެ އެކި ސަރަޙައްދުތައް ބެލުމަށްފަހު އެންމެފަހުންދިޔައީ ތުނޑިއަށެވެ. ފުވައްމުލަކު ތުނޑީގައި އުފެދިފައިވާ ބިއްސާވެލިގަނޑުވެސް ހުމޭދައަށްވީ މުޅިން އާކަމަށެވެ. އޮފްއަރާ ރީތި ވެލިގަނޑާއި ގޮނޑުދޮށަށް ޖަހާ ބޮޑެތި ރާޅުތަކަށް ބަލަން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ހުމޭދާއަކަށް ނޭގެއެވެ. ހުމޭދާއިނީ ބޮޑުގަހެއްގައި ލެގިލައިގެންނެވެ. އެހެންމީހުން އޭރު އަނބުތަކާއި މަޖާތައް ތަށިތަކަށް އަޅަން ގޮނޑުދޮށުގައި ތިއްބެވެ. ކުއްލިއަކަށް ހީވީ ހުމޭދާގެ ކަންފަތް ކައިރިން ބާރުވައިރޯޅިއެއް ދިޔަހެނެވެ. ހުމޭދާ ސިހިފައި ބަލާލިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، 28 ސެޕްޓެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް