ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – އެގާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ފުވައްމުލަކުގެ ހިތްގައިމު އެއަރޕޯޓަށް ބޯޓު ތިރިކުރަމުން ދިޔައިރު ހުމޭދާ އިނީ މަލަމަތިން ފެންނަމުން ދިޔަ ރީތި މަންޒަރުތަކަށް ހިތް ދޫކޮށްލައިގެންނެވެ. ބޯޓު ޖައްސައިގެން އައިސް ހު...

21 Sep 2023 | 04:56

ކުރީގެ އަދަދާއި ގުޅޭ...

ފުވައްމުލަކުގެ ހިތްގައިމު އެއަރޕޯޓަށް ބޯޓު ތިރިކުރަމުން ދިޔައިރު ހުމޭދާ އިނީ މަލަމަތިން ފެންނަމުން ދިޔަ ރީތި މަންޒަރުތަކަށް ހިތް ދޫކޮށްލައިގެންނެވެ. ބޯޓު ޖައްސައިގެން އައިސް ހުއްޓުމަށް ހަމަޖެހިފައިވާ ހިސާބުގައި ހުއްޓުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓުގެ ދޮރު ހުޅުވާލިއެވެ. މީހުންގަނޑުގެ ތެރެއިން ހަސީނާ އާއި ޚާލިދާއި ހުމޭދާވެސް ބޯޓުން ފައިބައިގެންގޮސް އެއަރޕޯޓަށްވަދެ ފޮށިތައް ލިބުމުން އެއަރޕޯޓުން ބޭރަށް ނުކުމެ ބޭރުގައި މަޑުކޮށްލިއެވެ. ޚާލިދު ހޯދަމުންދިޔައީ ނާޞިރެވެ. ނާޞިރަކީ ޚާލިދާއެކު ބޯޓުދަތުރުކުރަން އުޅުނު އެކުވެރިއެކެވެ. ގިނަ އަހަރުތަކެއް ވަންދެން މަސައްކަތުގައި އެކުގައި އުޅެވިފައިވާތީ ދެމީހުންގެ ދެމެދުގައިވަނީ ގާތް އެކުވެރިކަމެއް އުފެދިފައެވެ. ހުމޭދާއަށް ދިމާވި ކަންތައް ނާޞިރަށް ކިޔާދިނުމުން އެކަހަލަ ކަންތައްތަކަށް ވަރަށް ރަނގަޅު މީހެއް ފުވައްމުލަކުގައި ހުންނަކަމަށްބުނެ ފުވައްމުލަކަށް އައުމަށް ޚާލިދަށް ޚިޔާލުދިނީ ނާޞިރެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނާޞިރު އަންނަތަން ޚާލިދަށް ފެނުނެވެ. ދިމާނުވެ ގިނަސް ދުވަސްތަކެއް ވެފައިވާތީ ނާޞިރު ފެންނަނީ މިހާރު ވަރަށް ތަފާތުކޮށެވެ. ކުރިން ހިމަތޮޅިކޮށްހުރި ނާޞިރުގެ ސިއްޙަތު ރަނގަޅުވެ، ހަށިގަނޑުވަނީ ކުރިއަށްވުރެ ބިޔަވެފައެވެ.

"އައްސަލާމް އަލައިކުން... ކުޑަކޮށް ލަސްވެއްޖެ ދޯ....؟" ނާޞިރު ސަލާންކޮށްލުމަށް އަތްދިއްކޮށްލަމުން ބުނެލިއެވެ.

"ވަޢަލައިކުމުއް ސަލާން.... ނޫނޭ އަދި ހަމަ މި ނުކުމެވުނީ.. މާގިނަ އިރެއްނުވެ.... ނާޞިރު ތަފާތު ކަމުން ފެނުންއިރުވެސް ނޭނގިފަ މިހުންނަނީ..." ސަލާންކޮށްލުމަށް އަތްދިއްކޮށްލަމުން ޚާލިދު ބުނެލިއެވެ.

"މީ ހަސީނާ... އަންހެނުން... ދެން މީ ހުމޭދާ... މިއީ އަހަރުމެންގެ ދަރިފުޅު.... !" ނާޞިރަށް ތަޢާރުފުކޮށްދިނުމުގެ ގޮތުން ޚާލިދު ބުނެލިއެވެ.

"ހިނގާދަމާ... އެއޮތީ ވޭން...." ދުރުގައި އޮތް ވޭނެއް ދައްކާލަމުން ނާޞިރު ބުނެލިއެވެ.

އެވަގުތު ކައިރީގައިހުރި ވޭން ޑްރައިވަރު އެމީހުން ގެނައި ފޮށިތައް ގެންގޮސް ވޭނަށް އަރުވަން ފެށިއެވެ. އަދި ޚާލިދުމެންވެސް ގޮސް ވޭނަށް އެރުމާއެކު ވޭން ދުއްވާލިއެވެ. ފުވައްމުލަކު ރިންގ ރޯޑުން ވޭން ދުއްވަމުން ދިޔައިރު ދެފަރާތުން ފެންނަ ހިތްގައިމު މަންޒަރަށް ހިތްދޫކޮށްލައިގެން ހުމޭދާ އިނެވެ. ތާރުއަޅާފައިވާ އެބޮޑު މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ގަސްތަކުން ފެންނަ މަންޒަރުތައް ވަރަށް ފުރިހަމަ އެވެ. އިރުއޮއްސޭވަގުތު ކަމުގައިވާތީ އެހިތްގައިމު ރިންގ ރޯޑުގައި އުފާކޮށްލުމަށްޓަކައި ސައިކަލުގައި ބުރުޖަހާ މީހުންނާއި ކުދިން ވަރަށް ގިނައެވެ.

"މިރަށް ވަރަށްރީތިވާނެ... ރާއްޖޭގެ އެހެން ރަށްރަށުން ނުފެންނަ އެތައް ރީތިކަމެއް މިރަށުން ފެންނާނެ... މާދަންވާނެ ތަންތަން ބަލާލަން ދާން... " ނާޞިރު ވާހަކަ ދައްކަމުން ދިޔައެވެ.

ގާތްގަޑަކަށް 10 ވަރަކަށް މިނިޓް ދުއްވުމަށްފަހު ވޭންގޮސް މަޑުކޮށްލީ ނާޞިރުމެންގޭ ދޮށަށެވެ. ވަރަށް ފުރިހަމައަށް ހަދާފައިވާ ދެބުރީގެ ގެއެކެވެ. މުޅިގޭގައިވަނީ ތަފާތު މާމެލާމެލީގެ ގަސްތަކެވެ. ގޯތިތެރެއަށް ވަދެގެން ދިޔައިރު ގަސްތަކުގައި ހަވީރު ފޮޅިފައިހުރި މާތަކުގެ މީރުވަހުން އެންމެންގެ ހިތްތަކަށްވެސް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ގޭގެ ދޮރުމައްޗަށް އަރުވާފައިވާ ޗަންޕާޕޫލް ގަހުގައި ފަރިވެ ފޮޅިފައިވާ މާތަކުން ހިތްގައިމު މީރުވަހެއް ދުވަދުވާ ހުއްޓެވެ. ގޯތިތެރޭގައި ވަކި ތަރުތީބަކުން އިންދާފައިހުރި މާގަސްތަކުގައި އެކިކުލަކުލައިގެ މާތައް ފޮޅިފައިހުއްޓެވެ. ޚާލިދުމެން ގޯތިތެރެއަށް ވަދެގެން ދިޔައިރު ނާޞިރުގެ އަންހެނުން ޒާހިރާ ފެންޑާގައި ހުރި އުދޯންޔެއްގައި މުރަނގަފަތްތަކެއް ނޮޅަން އިނެވެ.

"މިބިތީ އެމީހުން... މިއީ، ޚާލިދު... މިއީ ޚާލިދުގެ އަންހެނުން ހަސީނާ.... ދެން މިހިރީ ހުމޭދާ...." ނާޞިރު އޭނާގެ އަންހެނުންނަށް ޚާލިދުމެން ތަޢާރަފު ކޮށްދިނެވެ.

ޚާލިދުގޮސް ޒާހިރާ އާއި ސާލާންކޮށްލިއެވެ.

"މިއީ މަގޭ އަންހެނުން.... ޒާހިރާ....." ޒާހިރާ އަށް އިޝާރާތް ކޮށްލަމުން ނާޞިރު ބުންޏެވެ.

"ހިނގާ ކޮޓަރިއަށް ދާން.. މަތިން ދެކޮޓަރި ހަމަޖައްސާފަ ހުންނާނީ.. ރަނގަޅުވާނެދޯ.... " ޚާލިދު ފޮއްޓެއް ހިފައިގެން ހިނގާގަންނަމުން ބުނެލިއެވެ.

"މައްޗަށްގޮސް ކުޑަކޮށް ތައްޔާރުވެލައިގެން އެއްޗެއް ބޯލަން އާދޭ... ވަރަށް ވަރުބަލިވެފައެއްނު ތިބޭނީ.... ކެޔުމާ ދޭތެރޭ އަދި ވަގުތުކޮޅެއް އެބައޮތެއްނު.... " ޒާހިރާ ބުނެލިއެވެ.

ނާޝިދު ކޮޓަރީގައި އޮތީ ހުމޭދާއާ ދޭތެރޭގައި ވިސްނާށެވެ. އެވަގުތު ނާޝިދުގެ ފޯނު ރިންގވާން ފެށުމާއެކު ފޯނަށް ބަލާލިއެވެ. ހުމޭދާގެ ކޯލެކެވެ.

"ހަލޯ.. ހުމޭ... ދެވުނީތަ....؟" ނާޝިދު އެނދުން ތެދުވަމުން ބުނެލިއެވެ.

"އާން... މިއާދެވުނީ... އައިސް ޗޭންޖްކޮށްލައިގެން ފުރަތަމަވެސް މިގުޅީ ނާޝިދަށް... އިނގޭ ޚަބަރެއް ނުވެގެން ކަންބޮޑުވެފަކަން ހުންނާނީ" ހުމޭދާ ހީނލާފާ ޖަވާބު ދިނެވެ.

"އާން... ހުމޭގެ ކޯލްގެ އިންތިޒާރުގަ އޮއްވަ ތިގުޅީ... ވަރަށް މިސްވޭ އިނގޭ... އެކަމަކުވެސް ހުމޭ ރަނގަޅު ވެގެން އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްކޮށް މިހުންނަނީ.. އިރާދަކުރެއްވިއްޔާ ރަނގަޅު ވެގެން ހުމޭއަށް ވަރަށް އަވަހަށް އާދެވޭނެ... " ނާޝިދު ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ.

"އާން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅު ވެގެން ދާނަން.. ނާޝިދު ހުމޭއަށް އިންތިޒާރު ކުރާތި... މާދަން ހެނދުނު އެމީހާ މިގެއަށް އަންނާނެއޭ ނާސިރުބޭ ބުނި... މިރޭ އަދި ފަހުން ގުޅާނަން.... މިހާރު ބާއްވަނީ އިނގޭ..." ހުމޭދާ ކޮޓަރިން ބޭރަށް ނުކުންނަމުން ބުނެލިއެވެ.

ނާޝިދު ފޯނު ބޭއްވިއިރު ފޯނަށް ދެ މިސްކޯލް އައިސްފައިއޮތެވެ. ނުދަންނަ ނަންބަރަކުންނެވެ. ނާޝިދު އެނަންބަރަށް ގުޅާލުމަށްފަހު ކޮންތަނެއްތޯއާއި ގުޅާލާފަ އޮތީ ކޮން ބޭނުމެއްގައިތޯ ސާފުކޮށްލިއެވެ. ނާޝިދު އެފޯނު ބޭއްވިއިރު ހުރީ ވަރަށް އުފާވެފައެވެ. ފޯނު ބޭއްވުމަށްފަހު ނާޝިދު ގުޅާލީ ރާއިދުއަށެވެ.

"ރާއިދު .... އެމީހުން ގުޅައިފި... 9:00 އަށް އަންނާށޯ މާގިރި ހޮޓަލަށް.... މަށާއެކީ ރާއިދު ދާންވާނެ އިނގޭ.... " ނާޝިދު އަވަސް އަވަހަށް ބުނެލިއެވެ.

"ކީއްވެ މަގޮވައިގެން ދާން ތިއުޅެނީ.. އެކަނި ދިޔާމައެއްނު ކަމެއްވާނީ ވެސް... އެބައޮތް ވާހަކައެއްވެސް ބުނަންވެފަ އަދި... އެބަޖެހޭ އޮފީސް ދަތުރެއްގައި ދެތިން ދުވަހަށް މިތާކައިރި ރަށަކަށްދާން... މާދަން ޔަޤީންވާނީ އަދި.. " ރާއިދު ހެމުން ހެމުން ބުނެލިއެވެ.

"ދެން ވާހަކަ ދައްކާނީ ފަހުން.. އަވަހަށްދޭ ރެޑީވާން... މަވެސް މިދަނީ ރެޑީވާން.... 8:30 އަށް ދާނަން ބަލާ...." ނާޝިދު ފޯނު ބާއްވަމުން ބުނެލިއެވެ.

ނާޝިދު ހުރީ ވަރަށް އުފާވެފައެވެ. އެންމެފަހުން ޝްރަދާ އާއި ބައްދަލުވާތީއެވެ. ފޮޓޯ ނަގާނީ ބާއެވެ. ނޫނީ ވާހަކަ ދައްކާނީ ބާއެވެ. ނާޝިދު ވިސްނާލިއެވެ. ފަހަށް ރައްކާކޮށްލުމަށްޓަކައި ކޮންމެހެންވެސް ފޮޓޯ ނަގަންޖެހޭނެއެވެ. ނާޝިދު ހިތާ ހިތާ ވިސްނަމުން ދިޔައެވެ. އައިސްބްލޫ ޖިންސަކާއި، ރަތްކުލައިގެ ރޮނގުދެމި ހުދު ޓީޝާޓެއް ލައިގެން ނާޝިދު ސައިކަލް ދުއްވާލީ ރާއިދު މެންގެއާ ދިމާއަށެވެ. ރާއިދުވެސް މިރޭ ވަރަށް ފުރިހަމައަށް ތައްޔާރުވެލިއެވެ. ދެމީހުން މާގިރި ހޮޓަލަށް ދިޔައިރު 9 ޖަހަން 10 މިނިޓް ހުއްޓެވެ. އެމީހުން މަޑުކުރަންޖެހުނީ ހޮޓަލުގެ ހަތަރުވަނަ ފަންގިފިލާގައިހުރި ސިޓިންރޫމެއްގައެވެ. ނާޝިދުގެ ހިތް އަވަސްވަމުންދިޔައެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލާލުމަށްފަހު ދޮރާ ދިމާއަށް ބަލާލައެވެ. ގަޑިން ނުވަގަޑި ދެމިޓްގައި ދުރުހުޅުވާލުމަށްފަހު ދެސެކިޔުރިޓީ އޮފިސަރުންނާއި އިތުރު ދެމީހަކާއެކު ވަދެގެން އެއަންނަނީ ޝްރަދާ އެވެ. ނާޝިދު ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، 24 ސެޕްޓެމްބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް