އެމް.ޑަބްލިޔު.އެސް.ސީ އިން ހުޅުމާލޭގައި އިތުރު ފެން ޕްލާންޓެއް ބަހައްޓައިފި

މާލޭ އެރޭޓެޑް އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނ...

26 Sep 2019 | 15:25

މާލޭ އެރޭޓެޑް އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި އިތުރު ފެން އުފައްދާ އާރު.އޯ ޕްލާންޓެއް ބަހައްޓައިފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނެފައިވާގޮތުގައި ފެން ޕްލާންޓް ބެހެއްޓުމުގެ ހުރިހާ މަސައްކަތަކެއް ނިމި މިހާރު ވަނީ ކޮމިޝަން ކޮށްފައެވެ. މި ފެން ޕްލާންޓަކީ ދުވާލަކު 3000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ. އަލަށް ބެހެއްޓުނު މި ފެން ޕްލާންޓާއިއެކު، ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުން ދުވާލަކު ޖުމްލަ 7500 ޓަނު ފެން އުފެއްދޭނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ދެމެހެއްޓެނިވި ގޮތެއްގައި ފޯރު ކޮށްދިނުމުގެ ގާބިލްކަމާއި ޔަގީންކަން އިތުރުވެގެންދާނެ ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

"މީގެ އިތުރުންވެސް، މިކުންފުނީގެ ފަރާތުން ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިހާރު ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ބޭނުންކުރާ ޕްލާންޓުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އަދި މިއަހަރު ފަހުކޮޅުގައި، ދުވާލަކު 3000 ޓަނު އުފެއްދޭ ކެޕޭސިޓީގެ އިތުރު ޕްލާންޓަކާއި 10000 ޓަނުގެ ފެން ރައްކާކުރާނެ އިތުރު ތާންގީއެއް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ނިމުމުން، އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުން ދުވާލެއްގެ މައްޗަށް ފެން އުފެއްދޭ މިންވަރު 10500 ޓަނަށް، އަދި ފެނުގެ ޖުމްލަ ސްޓޯރޭޖް ކެޕޭސިޓީ 21000 ޓަނަށް އިތުރުވެގެންދާނެއެވެ." އެ ކުންފުނިން ބުނެފައިވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް