ޝާހްޖަހާންޕޫރުގެ ކައުންސިލަރުން ރިޝްވަތު ހަމަހަމައަށް ބެހުމަށް ހުވާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޝާހްޖަހާންޕޫރު މުނިސިޕަލް ކޯޕަރޭޝަންގެ ކައުންސިލަރުންތަކެއް ރިޝްވަތުން ލިބޭ ފައިސާ އެންމެންގެ މެދުގައި ހަމަހަމައަށް ބެހުމަށް ހުވާކުރާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯއ...

26 Aug 2026 | 06:58
N/A

N/A

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޝާހްޖަހާންޕޫރު މުނިސިޕަލް ކޯޕަރޭޝަންގެ ކައުންސިލަރުންތަކެއް ރިޝްވަތުން ލިބޭ ފައިސާ އެންމެންގެ މެދުގައި ހަމަހަމައަށް ބެހުމަށް ހުވާކުރާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެ އެ ކޯޕަރޭޝަނުން ތަހުގީގެއް ހިންގުމަށް އަންގައިފިއެވެ.

ޕީޓީއައި ނިއުސް އެޖެންސީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ވީޑިއޯގައި ފެންނަނީ މުނިސިޕަލް ކައުންސިލަރަކު ގަންގާ ޖަލް (ގަންގާކޯރުގެ ފެން) އަޅާފައިވާ އެއްޗެއް ހިފައިގެން ހުރެ ރިޝްވަތުގެ ފައިސާ 60 މީހެއްގެ މެދުގައި ހަމައަށް ބެހުމަށް ހުވާ ކުރާ މަންޒަރެވެ. ބަޔަކު އެ ތަނުގައި ތިބެ އެކަކުގެ އިސްނެގުމަށް ހުވާ ތަކުރާރު ކުރާ ތަން ވީޑިއޯއިން ފެނެއެވެ. ސޯޝަލް މީޑިއާގައި އެ މީހުންނަކީ މުނިސިޕަލް ކައުންސިލަރުން ކަމަށް ދެނެގަނެފައިވީ ނަމަވެސް ވީޑިއޯގެ ސައްހަކަމާއި ފެންނަ ފަރާތްތަކުގެ ޝަހުސިއްޔަތު މިނިވަން ގޮތެއްގައި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ވީޑިއޯގައި ކުރާ ހުވައިގެ ތެރޭގައި މުނިސިޕަލް ކޯޕަރޭޝަނަށް ލިބޭ ފައިސާ 60 ކައުންސިލަރުންގެ މެދުގައި ހަމަހަމައަށް ބެހުމާއި ކައުންސިލަރަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެކީގައި ތެދުވުމަށް ވައުދުވުން ހިމެނެއެވެ. އެ ވީޑިއޯގައި ހުވައާ ހިލާފުވާ ފަރާތެއް "ހާއިނެއް" ގެ ގޮތުގައި ސިފަކޮށް އިންޒާރު ދޭ ބައެއް ވެސް ހިމެނެއެވެ. މި ވީޑިއޯ ވައިރަލް ވުމާ ގުޅިގެން ކައުންސިލަރުންނާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތައް ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު ކައުންސިލަރަކު ތިން އަހަރު ކުރިން ހަމައެކަނި އެއް ގެ ހުރި ނަމަވެސް މިހާރު ގިނަ ގެތަކާއި އަގު ބޮޑު އުޅަނދުތައް ހޯދާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ.

މުނިސިޕަލް ކޮމިޝަނާ ސައުމިޔާ ގުރޫރާނީ ޕީޓީއައި އަށް މައުލޫމާތު ދެމުން ބުނީ އެ ވީޑިއޯ ރެކޯޑުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި އެހެން މުނިސިޕަލް ކޮމިޝަނަރެއް ހުންނެވި ދުވަސްވަރު ކަމަށެވެ. "އެހެން ނަމަވެސް ތަހުގީގެއް ހިންގުމަށް އަޅުގަނޑުމެން ވާނީ އަންގާފައި" ކޮމިޝަނާ ބުނީ ތަހުގީގުން ފެންނަ ނަތީޖާގެ މައްޗަށް ބިނާކޮށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާ ކަމަށް ޕީޓީއައިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް