ފަހު ވަގުތު ލިބުނު ކޯޓާގައި ހައްޖަށްދާ މީހުން މާދަމާ ފުރާނެ

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ފަހު ވަގުތު ލިބުނު ކޯޓާގައި ހައްޖަށްދާ މީހުން މާދަމާ ފުރާނެ އެވެ. މިދަތުރުގައި 300 ހައްޖާޖީން ހައްޖުގެ އަޅުކަމަށް ދާނެ އެވެ. އެ ހުރިހާ އެންމެން ގެންދިއ...

26 Aug 2017 | 17:25

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ފަހު ވަގުތު ލިބުނު ކޯޓާގައި ހައްޖަށްދާ މީހުން މާދަމާ ފުރާނެ އެވެ.

މިދަތުރުގައި 300 ހައްޖާޖީން ހައްޖުގެ އަޅުކަމަށް ދާނެ އެވެ. އެ ހުރިހާ އެންމެން ގެންދިއުމަށް ހަމަޖެހިިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީމް މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ހުރިހާ ހައްޖާޖީން މާދަމާ މެންދުރުފަހު 1:30 ގައި ސައުދީ އެއާލައިންގެ ފްލައިޓެއްގައި ފުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމީހުންގެ  ހުރުމާއި ކެއުމުގެ އިތުރުން ވިސާގެ ކަންކަންވެސް ހަމަޖެހިފައިވާ ކަމަށެވެ.

"މާދަމާ ފުރަން ޖެހޭ އެންމެންގެ ވިސާ ވެސް ހަމަޖެހިފައި ވަނީ. ހުރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައި. ހައްޖާޖީން ދަތުރު ކުރާނީ ސައުދީ އަރަބިޔާގެ ހާއްސަ ޗާޓަޑް ފްލައިޓަކުން. މި ފްލައިޓަކީ ސީދާ މާދަމާއަށް ހަމަޖެއްސި ފްލައިޓެއް. ހުރިހާ ހައްޖާޖީންވެސް ދާނީ މާލެއިން ސީދާ ޖިއްދާއަށް،" ޔާމީން ވިދާޅުވިއެވެ.

ފަހުން ލިބުނު ކޯޓާގައި ދާ 300 ހައްޖާޖީން ގެންދަނީ އެއް ފްލައިޓެއްގައި އެވެ. އަދި އެ މީހުން ވެސް 30 ދުވަހު ސައުދީ އަރަބިއްޔާގައި މަޑުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ރާއްޖެއަށް ލިބުނު އިތުރު 1،000 ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނަށް ދީފައިވަނީ 500 ކޯޓާ އެވެ. ހައްޖު ކޯޕަރޭޝަން ބުނީ ވަގުތުން ދެވެން ހުރި އެންމެންނަށް ހުޅުވާލި ފުރުސަތުގައި 450 މީހުން ނަން ނޯޓު ކުރި ކަމަށެވެ.

އެކަމަކު އެކި ސަބަބުތަކާއި ހެދި ދެވޭ ގޮތްވީ 300 މީހުންނަށް ކަމަށެވެ. އަނެއް 200 ކޯޓާ ބާކީވެފައި ވާއިރު ޖަމާއަތްތަކަށް ދިން 500 ކޯޓާވެސް ހައްޖަށް މީހުން ގެންދެވޭނެ ވަގުތު ނެތުމުން ވަނީ ބާކީވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް